އިންކަމް ޓެކުހުގެ ގޮތުގައި މިދިޔަ މަހު 1.3 ބިލިއަން ރުފިޔާ ލިބިފައިވާ ކަމަށް މޯލްޑިވްސް އިންލެންޑް ރެވެނިއު އޮތޯރިޓީ (މީރާ) އިން ބުނެފި އެވެ.
ދައުލަތުގެ ޓެކްސް އިން އިދާރާ އިން ބުނީ މަހެއްގެ ތެރޭގައި އިންކަމް ޓެކްހަށް އެ ވަރުގެ އަދަދެއް ލިބުނު ފުރަތަމަ ފަހަރު ކަމަށެވެ.
މީރާގެ މިދިތަ މަހުގެ ޓެކްސް އާމްދަނީ ރިޕޯޓުން ދައްކާ ގޮތުގައި ޖެނުއަރީގައި އިންކަމް ޓެކްސްގެ ގޮތުގައި 1.3 ބިލިއަން ރުފިޔާ ލިބިފައިވާއިރު، އެ އަދަދަކީ މިދިޔަ އަހަރުގެ މި މުއްދަތުގައި އިންކަމް ޓެކްހުގެ ގޮތުގައި ލިބުނު 864 މިލިއަން ރުފިޔާއާ އަޅާ ބަލާ އިރު، ގާތްގަނޑަކަށް 50 ޕަސެންޓްގެ އިތުރުވުމެކެވެ.
މިދިޔަ މަހު އިންކަމް ޓެކްހުގެ ގޮތުގައި ލިބުނު ފައިސާގެ ތެރެއިން 1.18 މިލިއަން އަކީ ރުފިޔާ އިން ލިބުނު އަދަދެވެ. އަދި ބާކީ އަދަދަކީ ޑޮލަރުން ލިބުނު އާމްދަނީ އެވެ. އެއީ 700،000 ޑޮލަރެވެ.
އިންކަމް ޓެކްހަށް އެންމެ ބޮޑު އަދަދަކަށް ދައުލަތަށް އާމްދަނީ ލިބިފައި ވަނީ ކުންފުނިތަކާއި އަމިއްލަ ފަރުދުން ނޫން ފަރާތްތަކުގެ އަތުން ނަގާ ޓެކްސްގެ ގޮތުގައި ލިބުނު އާމްދަނީ އެވެ. އެގޮތުން، މިދިޔަ މަހު ކުންފުނިތަކާއި އަމިއްލަ ފަރުދުން ނޫން ފަރާތްތަކުގެ އަތުން ނަގާ ޓެކްސްގެ ގޮތުގައި ދައުލަތަށް 724 މިލިއަން ރުފިޔާ ލިބިފައިވެއެވެ. މިއީ މިދިޔަ އަހަރުގެ ޖެނުއަރީ މަހު ލިބިފައިވާ 362 މިލިއަން ރުފިޔާ އާއި އަޅާ ބަލާއިރު، ގާތްގަނޑަކަށް 100 ޕަސެންޓް އިތުރުވުމެކެވެ.
މިދިޔަ މަހު ވަކިވަކި ފަރުދުންގެ އަތުން ނަގާ އިންކަމް ޓެކްސްގެ ގޮތުގައި ލިބުނު އާމްދަނީ ވެސް ވަނީ އިތުުރުވެފައިވެ އެވެ. އެގޮތުން، ފަރުދުންގެ އަތުން ނަގާ އިންކަމް ޓެކްސްގެ ގޮތުގައި ލިބުނީ 52.2 މިލިއަން ރުފިޔާ އެވެ.
ރާއްޖޭގައި ފަރުދުންގެ ޢާމްދަނީން އިންކަމް ޓެކްސް ނަގަން ފެށީ ޖެނުއަރީ 1، 2020 ގަ އެވެ. އިންކަމް ޓެކްސް ނަގަނީ މަހެއްގެ މައްޗަށް 60،000 އަށް ވުރެ މަތީގެ އާމްދަނީއެއް ލިބޭ މީހުންގެ އަތުންނެވެ. އުޖޫރައިގެ އާމްދަނީން ޓެކްސް ނަގަން ފެށީ އެޕްރީލް 1، 2020 އިން ފެށިގެންނެވެ.