ޤާނޫނާއި ހިލާފު ގަވައިދު ހެދުމުން އެނގެނީ ބަޔަކު ޤާނޫނުގެ ބާރު ކަނޑުވާލާފައި އޮތްކަންކަމަށް މާމިނގިލީ ދާއިރާގެ މެންބަރު ޤާސިމް އިބްރާހިމް ވިދާޅުވެއްޖެއެވެ.
ވައިގެ މަގުން ރާއްޖެ އަންނަ ބިދޭސީއީން ރާއްޖެއަށް މަސްތުވާތަކެތި އެތެރެކުރަން އުޅޭ ކަމަށް ޝައްކުކުރެވޭ ހާލަތްތަކުގައި އެ ފަރާތަކާމެދު އަމަލުކުރާނެ ގޮތުގެ ގަވާއިދާއި މަސްތުވާތަކެއްޗާ ބެހޭ ގާނޫނާ ތައާރުޒުވާ ބައިތައް އުނިކުރުމަށް ސަރުކާރަށް ގޮވާލާ ހުށަހެޅި ކުއްލި މައްސަލައަށް ވާހަކަ ދައްކަވަމުން ޤާސިމް ވަނީ އެ ކުއްލި މައްސަލައަށް ތާއީދު ކުރައްވާ ކަމަށް ވިދާޅުވެފައެވެ.
ޤާސިމް ވިދާޅުވީ ގާނޫނުއަސާސީއާއި ގާނޫނާއި ހިލާފަށް އެއްވެސް ގަވައިދެއް ނެހެދޭނެ ކަމަށާއި އަދި ގާނޫނުއަސާސީއާއި ގާނޫނާއި ހިލާފަށް ކުރާ އަމުރަށްވެސް ތަބާވާން ނުޖެހޭނެ ކަމަށެވެ. މިކަމުން އެނގެނީ ކޮންމެސް ބަޔަކު ޤާނޫނުއަސާސީއާއި ޤާނޫނުތަކުގެ ބާރުކަނޑުވާލާފައި އޮތްކަން ކަމަށް ގާސިމް ވިދާޅުވިއެވެ. އެހެންކަމުން މި މައްސަލަ ސީރިއަށް މައްސަލައެއްގެ ގޮތުގައި ބަލަންޖެހޭ ކަމަށް ވިދާޅުވިއެވެ.
މީގެއިތުރުން ޤާސިމް ވިދާޅުވީ މިފަދަ ކަންކަން ހިނގާކަމަށްވާނަމަ އެމުޖުތަމައެއްގެ ހަލާކު އޮންނާނީ ވަރަށް ކައިރީގައި ކަމަށެވެ.
"މިބާވަތުގެ ކަންތައްތައް މުޖުތަމައެއްގެ ހިނގާކަމަށްވަންޏާ އެތަނެއްގެ ހަލާކު އޮންނާނީ ވަރަށް ކައިރީގަ، ނުވަތަ ހަލާކުވެފަ އެ އޮތީ. އެހެންމަ ދެން ވިސްނަން މިޖެހެނީ ކިހިނެއްތޯ ދެން ހަދާނީ. ހަދާންވީގޮތް އަޅުގަނޑުމެނަށް އެބަ އެނގޭ ވަރަށް ސާފުކޮށް ޤާނޫނުގައި ބުނެފަ އޮންނާނެ، ޤާނޫނުއަސާސީގައިވެސް ބުނެފަ އޮންނާނެ." ޤާސިމް ވިދާޅުވިއެވެ.
ވައިގެ މަގުން ރާއްޖެ އަންނަ ބިދޭސީން ރާއްޖެއަށް މަސްތުވާތަކެތި އެތެރެކުރަން އުޅޭ ކަމަށް ޝައްކުކުރެވޭ ހާލަތްތަކުގައި އެ ފަރާތަކާމެދު އަމަލުކުރާނެ ގޮތުގެ ގަވާއިދާއި މަސްތުވާތަކެއްޗާ ބެހޭ ގާނޫނާ ތައާރުޒުވާ ބައިތައް އުނިކުރުމަށް ސަރުކާރަށް ގޮވާލާ ކުއްލި މައްސަލަ ރައްޔިތުންގެ މަޖިލީހަށް ހުށަހަޅާފައިވަނީ އެމްޑީޕީގެ މެންބަރު ހަސަން ލަތީފެވެ.
ކުއްލި މައްސަލައިގައި ވަނީ ގާނޫނުން ކުށާއި އަދަބު ކަނޑައަޅައިފައިވާ ކަމެއް ނަފީވާ ގޮތަށް ގަވާއިދެއް ހަދައި އެ ގަވާއިދު ތަންފީޒު ކުރުމަކީ ގާނޫނީ ގޮތުން ކުރެވޭނޭ ކަމެއް ނޫން ކަމަށެވެ. އަދި ވައިގެ މަގުން ރާއްޖެ އަންނަ ބިދޭސީއަކު ރާއްޖެއަށް މަސްތުވާތަކެތި އެތެރެކުރަން އުޅޭ ކަމަށް ޝައްކުކުރެވޭ ހާލަތްތަކުގައި އެ ފަރާތަކާމެދު އަމަލުކުރާނެ ގޮތުގެ ގަވާއިދު ގައިވާ މަސްތުވާތަކެއްޗާ ބެހޭ ގާނޫނު އާ ތައާރުޒުވާ ބައިތައް އުނިކުރަން ގޮވާލާފައިވެއެވެ.