Last Updated: July 27, 11:42
Monday, July 27, 2026
މުނިފޫހިފިލުވުން

ޝާލިން އަށް އެކްތާގެ ސިލްސިލާއެއް

ފަސް ވަނައާ އެކީ ކަލާޒްގެ "ބިގް ބޮސް" ސީޒަން 16، ޓީވީ އެކްޓަރު ޝާލިން ބެނޮތު ރޭ ނިންމައިލުމާ އެކީ ޕްރޮޑިއުސަރު އެކްތާ ކަޕޫރްގެ ސިލްސިލާއަކުން ފުރުސަތު ލިބިއްޖެ އެވެ.

މި ފުރުސަތުގެ ވާހަކަ ޝާލިންއާ ރޭ ހިއްސާކުރީ "ބިގް ބޮސް" ގެ ހޯސްޓް ސަލްމާން ޚާނެވެ. އޭނަ ޝާލިން ގާތު ބުނީ އެކްތާގެ ފަރާތުން ހަދިޔާއެއް އެބައޮތް ކަމަށާއި އެއީ ކަލާޒް އަށް ހަދަން ނިންމާފައިވާ ސިލްސިލާ "ބޭގާބޫ" ގެ ލީޑް ރޯލު ކަމަށެވެ. އެކަމަކު މިއާ ބެހޭ އިތުރު އެއްވެސް ތަފުސީލެއް އަދިއެއް ނެތެވެ.

އެކްތާ ވަނީ "ބިގް ބޮސް 16" ދައްކަމުން ދިޔަ އިރު، ޑައިރެކްޓަރު ދިބާކަރް ބެނަޖީއާ އެކީ ޝޯ އަށް ގޮސް އެ މީހުން 2010 ގައި ގެނެސްދިން ފިލްމު ލަވް، ސެކްސް އޯރް ދޯކާ އެލްއެސްޑީ) ގެ ސީކްއެލް އަށް ޝޯ އިން ބަތަލާއަކު ވެސް ނަގައިފަ އެވެ. އެއީ ނިމްރަތު އަހުލުވާލިއާ އެވެ. މީގެ އިތުރުން އެކްތާ ކަލާޒް ހަދާ "ނާގިން" ގެ ހަތް ވަނަ ސީޒަނަށް ވެސް "ބިގް ބޮސް 16" އިން ބަތަލާ އަކު ނަގާނެ އެވެ. ބެލެވޭ ގޮތުން އެއީ ޝޯގެ ތިން ވަނަ ލިބުނު ޕްރިޔަންކާ ޗަހާރް ދައުދަރީ އެވެ.

ފާހަގަކޮށްލެވޭ ކަމަކީ އެކްތާގެ "ބޭގާބޫ" އިން ޝާލިން، 39، އަށް ފުރުސަތު ލިބުނު އިރު، "ބިގް ބޮސް 16" ގެ ފިނާލޭގެ ކުރިން ގެނެސްދިން އެޕިސޯޑްގައި ޑައިރެކްޓަރު ޝޯހިތު ޝެޓީ ވެސް ބައިވެރި ޝޯއަކުން ފުރުސަތެއް ދީފައިވާކަމެވެ. އެއީ ކަލާޒް އަށް އޭނަ ހޯސްޓްކުރާ "ހަތުރޯން ކޭ ކިޅާޅީ" ގެ 13 ވަނަ ސީޒަނުން ފުރުސަތެއް ދިންކަން ކަށަވަރުކޮށް ދިނުމެވެ. އެ ފުރުސަރު ޝާލިން އަށް ލިބުނީ ރޯހިތުގެ ޝޯގައި ޖައްސާ ކަހަލަ ސްޓަންޓްތަކެއް "ބިގް ބޮސް 16" ގެ ގަދަ ފަސް ބައިވެރިންގެ މެދުގައި ޖެއްސުވުމުން ޝާލިން ކާމިޔާބު ކުރުމުންނެވެ.

އާ ސިލްސިލަކުން އޭނަ އަށް ފުރުސަތު ލިބުނު އިރު، ޓީވީ ބަތަލާ ދިލްޖީތުގެ ކޯރްގެ ކުރީގެ ފިރިމީހާ ކުޅެފައިވާ ސިލްސިލާތަކުގެ ތެރޭގައި "ކުލްވަދޫ"، "ދިލް މިލް ގަޔޭ"، "ސަޖުދޭ ތޭރޭ ޕިޔާރު މޭ"، "ސޫރިއަޕުތުރާ ކަރްން" އަދި "ނާގިން 4" ހިމެނެ އެވެ.