Last Updated: October 3, 14:10
Thursday, October 3, 2024
ޚަބަރު އެމްޑީޕީ

ޑްރަގް މައްސަލާގައި ވިޕް ނެރުނު ސަބަބު ސާފުކޮށް ދީފި

މުހައްމަދު އަސްލަމް-- ފޮޓޯ: ރައްޔިތުންގެ މަޖިލިސް

ރާއްޖެއަށް ޑްރަގް އެތެރެކުރާ ބިދޭސީން ފުރުވާލާތީ ހުށަހެޅި ކުއްލި މައްސަލަ ބަލައިނުގަތުމަށް ވިޕް ނެރުނީ އެމްޑީޕީ ޕާލިމެންޓަރީ ގްރޫޕުގައި އަމަލުކުރާ ގޮތާ ހިލާފަށް އެ ކުއްލި މައްސަލަ ހުށަހެޅުމުން ކަމަށް އެމްޑީޕީ ޕީޖީ ލީޑަރު ހިތަދޫ އުތުރު ދާއިރާގެ މެންބަރު މުހައްމަދު އަސްލަމް ވިދާޅުވެއްޖެއެވެ.

ވައިގެ މަގުން ރާއްޖެ އަންނަ ބިދޭސީން ރާއްޖެއަށް މަސްތުވާތަކެތި އެތެރެކުރަން އުޅޭ ކަމަށް ޝައްކުކުރެވޭ ހާލަތްތަކުގައި އެ ފަރާތަކާމެދު އަމަލުކުރާނެ ގޮތުގެ ގަވާއިދާއި މަސްތުވާތަކެއްޗާ ބެހޭ ގާނޫނާ ތައާރުޒުވާ ބައިތައް އުނިކުރުމަށް ސަރުކާރަށް ގޮވާލާ ހުށަހެޅި ކުއްލި މައްސަލައަށް ވާހަކަ ދައްކަވަމުން އަސްލަމް ވަނީ ކުއްލި މައްސަލަ ބޭރުކުރުމަށް އެމްޑީޕީ ޕާލިމެންޓަރީ ގްރޫޕުން ވިޕް ނެރުނު ސަބަބު އޮޅުން ފިލުވައިދެއްވާފައެވެ.

އެގޮތުން ވާހަކަ ދައްކަވަމުން އަސްލަމް ވިދާޅުވީ އެމްޑީޕީ ޕާލިމެންޓަރީ ގްރޫޕު ހިނގަނީ އުސޫލެއްގެ ދަށުން ކަމަށެވެ.

ހަސަން މިއަދު ހުށަހެޅި ކުއްލި މައްސަލައިގައި އަމަލުކޮށްފައިވަނީ، ޕާލިމަންޓަރީ ގުރޫޕުގެ ރުހުމާ ނުލައި ހުށަހަޅާ ހުށަހެޅުންތައް ބަލައިނުގަތުމަށް ޕާލިމަންޓަރީ ގުރޫޕުން ނިންމާފައިވާ ނިންމުމާ އެއްގޮތްވާ ގޮތުގެ މަތިން ކަމަށް އަސްލަމް ވިދާޅުވިއެވެ.

ކުއްލި މައްސަލައިގައި މައިގަނޑު ދެ ކަމެއް ފާހަގަކޮށްފައިވާކަން ފާހަގަކުރައްވާ އަސްލަމް ވިދާޅުވީ ޑްރަގު ޓްރެފިކު ކުރަން ސަރުކާރުން ޖާގަ ދޭކަމަށް ކުއްލި މައްސަލައިގައި ތުހުމަތު ކުރާ ކަމަށެވެ. އަދި ގާނޫނާ ހިލާފަށް ގަވައިދެއް ހަދާފައިވާ ކަމަށް ކުއްލި މައްސަލައިގައި ބުނާ ކަމަށާއި އެހެންއެކަން އޮތްނަމަ އެ މައްސަލައެއް ހުށަހަޅަންޖެހޭނީ ކޯޓަށް ކަމަށް އަސްލަމް ވިދާޅުވިއެވެ.

މީގެއިތުރުން އަސްލަމް ވަނީ ޕާލިމެންޓަރީ ގްރޫޕުގެ ބައްދަލުވުމުގައި ބައެއް މެންބަރުން ބައިވެރިނުވާކަން ފާހަގަކުރައްވާ އެ މެންބަރުންގެ މަޝްވަރާ ޕާލިމެންޓަރީ ގްރޫޕަށް ނުލިބޭކަން ހާމަކުރައްވާފައެވެ.

ވައިގެ މަގުން ރާއްޖެ އަންނަ ބިދޭސީން ރާއްޖެއަށް މަސްތުވާތަކެތި އެތެރެކުރަން އުޅޭ ކަމަށް ޝައްކުކުރެވޭ ހާލަތްތަކުގައި އެ ފަރާތަކާމެދު އަމަލުކުރާނެ ގޮތުގެ ގަވާއިދާއި މަސްތުވާތަކެއްޗާ ބެހޭ ގާނޫނާ ތައާރުޒުވާ ބައިތައް އުނިކުރުމަށް ސަރުކާރަށް ގޮވާލާ ކުއްލި މައްސަލަ ރައްޔިތުންގެ މަޖިލީހަށް ހުށަހަޅާފައިވަނީ އެމްޑީޕީގެ މެންބަރު ހަސަން ލަތީފެވެ.

އެ ކުއްލި މައްސަލަ ބަލައިނުގަނެ ބޭރު ކުރުމަށް އެމްޑީޕީ ޕާލިމެންޓަރީ ގްރޫޕުން ވިޕް ނެރުނު ނަމަވެސް އެ ކުއްލި މައްސަލަ ވަނީ މަޖިލީހަށް ބަލައިގަތުމަށް ފާސްވެފައެވެ.

ކުއްލި މައްސަލައިގައި ވަނީ ގާނޫނުން ކުށާއި އަދަބު ކަނޑައަޅައިފައިވާ ކަމެއް ނަފީވާ ގޮތަށް ގަވާއިދެއް ހަދައި އެ ގަވާއިދު ތަންފީޒު ކުރުމަކީ ގާނޫނީ ގޮތުން ކުރެވޭނޭ ކަމެއް ނޫން ކަމަށެވެ. އަދި ވައިގެ މަގުން ރާއްޖެ އަންނަ ބިދޭސީއަކު ރާއްޖެއަށް މަސްތުވާތަކެތި އެތެރެކުރަން އުޅޭ ކަމަށް ޝައްކުކުރެވޭ ހާލަތްތަކުގައި އެ ފަރާތަކާމެދު އަމަލުކުރާނެ ގޮތުގެ ގަވާއިދު ގައިވާ މަސްތުވާތަކެއްޗާ ބެހޭ ގާނޫނު އާ ތައާރުޒުވާ ބައިތައް އުނިކުރަން ގޮވާލާފައިވެއެވެ.