ރައީސް އިބްރާހިމް މުހައްމަދު ސޯލިހްގެ ވެރިކަމުގައި ފެށި 17 މިސްކިތެއްގެ މަސައްކަތް ނިމިއްޖެ ކަމަށް އިސްލާމިކް މިނިސްޓަރު ޑރ. އަހުމަދު ޒާހިރު ވިދާޅުވެއެވެ.
ރައްޔިތުންގެ މަޖިލީހުގެ މިއަދުގެ ޖަލްސާގައި މެންބަރުންނަށް ސުވާލު ކުރުމަށް ލިބުނު ފުރުސަތުގައި މިލަންދޫ ދާއިރާގެ މެންބަރު އަލީ ރިޒާ ވަނީ 2018 އިން ފެށިގެން މިހާތަނަށް ކިތަށް މިސްކިތް އަޅާ ނިމިފައިވޭތޯ އަދި ކިތައް މިސްކިތް އެޅުމުގެ މަސައްކަތް ކުރިއަށްދޭތޯ ސުވާލު ކޮށްފައެވެ.
އެ ސުވާލަށް ޖަވާބު ދެމުން މިނިސްޓަރު ވިދާޅުވީ ރައީސް ސޯލިހް ވެރިކަމާ ހަވާލުވިއިރު 4 މިސްކިތެއްގެ މަސައްކަތް ނުނިމި ހުރި ކަމަށާއި އެ ހަތަރު މިސްކިތްގެ މަސައްކަތް ނިމިފައިވާ ކަމަށެވެ.
މި ސަރުކާރުގައި ފެށި 17 މިސްކަތެއްގެ މަސައްކަތް ނިމިފައިވާ ކަމަށާއި އަދި 15 މިސްކިތެއްގެ އަމަލީ މަސައްކަތް ކުރިއަށްދާ ކަމަށް ވިދާޅުވިއެވެ. މިނިސްޓަރު ޒާހިރު ވިދާޅުވީ މިހާރުވެސް ޓެންޑަރ ކުރުމަށް 7 މިސްކިތެއް ފޮނުވާފައިވާ ކަމަށާއި ޕރީ ޓެންޑާ މަރުހަލާގައި 1 މިސްކިތް އެބައިން ކަމަށެވެ.
މީގެއިތުރުން 12 މިސްކިތެއްގެ މަސައްކަތް އަލަށް ފެށުމަށް، ބިންހަމަޖެއްސުމަށް ކައުންސިލްތަކަށް ފޮނުވާފައިވާކަން ފާހަގަކޮށް މިނިސްޓަރު ޒާހިރު ވިދާޅުވީ އެ 12 މިސްކިތަކީ މިއަހަރަށް ޕްލޭން ކުރެވިފައިވާ މިސްކިތްތައް ކަމަށެވެ. އަދި އުންމީދު ކުރަނީ ލަސްތަކެއް ނުވެ އެ މިސްކިތްތަކުގެ މަސައްކަތްވެސް ފެށުން ކަމަށް ވިދާޅުވިއެވެ.