ސަރުކާރުގެ ބޯހިޔާވަހިކަމުގެ ސިޔާސަތުގެ ދަށުން ސ. ފޭދޫގައި އިމާރާތްކޮށްފައިވާ 25 ހައުސިން ޔުނިޓަށް ކުރިމަތިލި މީހުންގެ ތެރެއިން 19 މީހަކަށް ގުރުއަތަކާ ނުލައި ހައުސިން ޔުނިޓްތައް ލިބިއްޖެ އެވެ.
އައްޑޫ ސިޓީ ކައުންސިލުން ނެރެފައިވާ އިއްލާނެއްގައި ބުނެފައިވަނީ ފޭދޫގައި އިމާރާތްކޮށްފައިވާ 25 ރޯހައުސްއަށް އެދި ކުރިމަތިލައްވާފައިވާ 166 ފަރާތައް ޕޮއިންޓް ލިބިފައިވާގޮތުގެ ދާއިމީ ލިސްޓް މިނިސްޓްރީ އޮފް ހައުސިން އެންޑް އިންފްރާސްޓްރަކްޗަރއިން އާއްމުކޮށްފައިވާ އިރު 45 ޕޮއިންޓަށް ވުރެ މަތިން ލިބުނު 19 ފަރާތަކަށް ހައުސިން ޔުނިޓް ކަށަވަރުވެފައިވާ ކަމަށެވެ.
އަދި 35 ޕޮއިންޓަށް ވުރެން މަތިން ލިބުނު 25 ފަރާތެއް ވަނީ ގުރުއަތަށް ހޮވިފައެވެ.
ނަމަވެސް ގުރުއަތު ލާން ޖެހެނީ ބާކީ ހުރި ހަ ޔުނިޓްގެ ތެރެއިން ފަސް ޔުނިޓަށެވެ. އަނެއް ޔުނިޓް މިނިސްޓްރީގެ ބޭނުމަކަށް ވަނީ ނަގައިފަ އެވެ.
މައުލޫމާތު ލިބިފައިވާ ގޮތުގައި އެ ޔުނިޓަކީ ފޭދޫގައި އެއްގޮތަކަށް ވެސް ބޯހިޔާވަހިކަމެއް ނެތި، އެކި ގޭގޭގައި އުޅެމުންދާ އާއިލާއަކަށް ހާއްސަކޮށްގެން ދޭން ނިންމާފައިވާ ޔުނިޓެކެވެ.
ފޭދޫގެ ދެ ސަރަހައްދެއްގައި އިމާރާތްކޮށްފައިވާ ހައުސިން ޔުނިޓްތަކަށް ޑައުންޕޭމަންޓްގެ ގޮތުގައި 19،000ރ. ދައްކަން ޖެހެ އެވެ. އަދި 20 އަހަރަށް ބަހާލައިގެން މަހަކު 3،000ރ. ދެއްކުމުން ހައުސިން ޔުނިޓްތައް މިލްކު ކުރެވޭނެ އެވެ.