Last Updated: June 9, 06:10
Tuesday, June 9, 2026
ޚަބަރު

މާލޭގެ ޓްރެފިކް ފްލޯ އަށް ހައްލު ހޯދަން މަސައްކަތްތަކެއް

ފޮޓޯ: ފުލުހުން

މާލެ އޭރިޔާގެ މަގުތަކުގެ ޓްރެފިކް ފްލޯއަށް ދިމާވެފައިވާ ދަތިތައް ހައްލުކުރުމަށް ހާއްސަ މަސައްކަތްތަކެއް ކުރަމުން އަންނަ ކަމަށް ފުލުހުން ބުނެފިއެވެ.

ފުލުހުން މިފަދައިން ބުނެފައި މިވަނީ ސައިކަލުތަކުގައި ސްޓިކާޖެހުން އިތުރުވެ އެކަމުގެ ނުރުހުން އާންމުން ފާޅުކުރަމުންއަންނަ ދަނޑިވަޅެއްގައެވެ.

ފުލުހުން ބުނެފައިވަނީ ހިނގާ މީހުންނާއި އުޅަނދު ދުއްވާ މީހުންނަށް ރައްކާތެރިކަން ކަށަވަރުކުރުމަށް މާލޭ އޭރިޔާގެ މަގުތައް ތަރުތީބުކުރުމާއި ޓްރެފިކް ފްލޯއަށް ދިމާވެފައިވާ ދަތިތައް ހައްލުކުރުމަށް، ހާއްސަ ސަރަހައްދުތަކެއްގައި ޓްރެފިކް އަދި ޕާކިންގ ހަމަޖެއްސުމާއި މަގުތައް ތަރުތީބުކުރުމަށް ފުލުހުންގެ ހާއްސަ މަސައްކަތްތަކެއް ކުރަމުންދާ ކަމަށެވެ.

މި މަސައްކަތުގެ ތެރެއިން، އެކި ސަރަހައްދުތަކުގައި ހުރި ގިނަ ދުވަސްވީ އުޅަނދުތަކާއި އާންމުން ހިނގާބިނގާވެ އުޅުމަށް ދަތިވާގޮތަށް ގަވާއިދާ ހިލާފަށް ޕާކުކޮށްފައި ހުންނަ އުޅަނދުތައް ނަގަމުން ގެންދާނެ ކަމަށް ފުލުހުން ބުނެފައިވެއެވެ. އަދި ޕާކުކުރުން މަނާކަން އަންގައިދޭ ބޯޑާއި އެނޫންވެސް ޓްރެފިކް ނިޝާންތައް ކުރެހުމާއި ހަރުކުރުން، ކަމާ ގުޅުންހުރި އިދާރާތަކާއެކު ކުރިއަށް ގެންދިއުމަށް ހަމަޖެހިފައިވާ ކަމަށެވެ.

މި މަސައްކަތަކީ މާލޭ އޭރިޔާގައި ދިރިއުޅޭ ރައްޔިތުންނަށް އަމާން މާހައުލެއް ކަށަވަރުކޮށްދީ، ފުލުހުންގެ ހިދުމަތް އެންމެ ފުރިހަމަ ގޮތެއްގައި ރައްޔިތުންނަށް ފޯރުކޮށްދިނުމަށްޓަކައި ހާއްސަ އިސްކަމެއްދީގެން ދިވެހި ފުލުހުން މި އަހަރަށް ހިންގުމަށް ހަމަޖެހިފައިވާ ކަންކަމުގެ ތެރެއިން ކުރިއަށްގެންދާ ކަމެއް ކަމަށް ފުލުހުން ބުނެފައިވެއެވެ.