އައްޑޫސިޓީ މަގު ހެދުމުގެ މަޝްރޫޢުގެ މައިގަނޑު މަސައްކަތް ކުރާ އެފްކޮންސް ކުންފުނީގެ މުވައްޒަފުން އިހްތިޖާޖް ކުރަމުން ދިއުމާއިއެކު، މަސައްކަތް ހުއްޓިފައިވާތާ މިއަދަށް މިވަނީ ތިން ވަނަ ދުވަހެވެ. މަސައްކަތް ހުއްޓުމާއި ގުޅިގެން ކައުންސިލުން ކަންބޮޑުވުންތަކެއް ހުރިކަމަށް އައްޑޫސިޓީ ކައުންސިލުން ވަނީ ހާމަކޮށްފިއެވެ.
އައްޑޫލައިވްއަށް މައުލޫމާތު ލިބިފައިވާ ގޮތުގައި މިމައްސަލާގައި މުސާރައިގެ މައްސަލައާއި މުވައްޒަފުންގެ ވިސާ އަދި އެހެނިހެން ކަންބޮޑުވުންތަކެއް ވެސް ވަނީ ފެންމަތިވެފައެވެ. މިއާއެކު މަސައްކަތް ކުރުން މުވައްޒަފުން ވަނީ ހުއްޓާލާފައެވެ. އަދި މިއީ ސީދާ އެކުންފުންޏާއި ކުންފުނީގެ މުވައްޒަފުންނާއި ދެމެދު އޮތް މައްސަލައެއް ކަން ވަނީ ކަށަވަރުވެފައެވެ.

އައްޑޫގެ މަގު ހެދުމުގެ މަޝްރޫޢަކީ ސަރުކާރުން އެންމެ އިސްކަމެއް ދީގެން ކުރިއަށް ގެންދާ އެންމެ ބިޔަ ބޮޑު އެއް މަޝްރޫޢުއެވެ. މިމަސައްކަތް ކުރިއަށް ނުގޮސް ހުއްޓިފައިވާއިރު މަސައްކަތްވެސް އެކި ސަބަބުތަކާއި ހުރެ ދަނީ ލަސްވަމުންނެވެ. އަދި މިހާތަނަށް މަސައްކަތް ނިމި ބޭނުން ކުރެވެނީ މަދު މަގުތަކެކެވެ. ތާރު އަޅަން ޖެހޭ މަގުތަކުގެ ތެރެއިން ހިތަދޫގައި އެއްވެސް މަގެއް ނުނިމޭއިރު ފޭދޫގެ ބައެއް މަގުތަކުގެ ތެރެއިން މަގު ހެދުމުގެ މަސައްކަތް ވަނީ ނިމިފައެވެ.

މިމައްސަލައިގައި އައްޑޫސިޓީ ކައުންސިލުގެ މޭޔަރ ނިޒާރު އައްޑޫލައިވްއިން ކުރި ސުވާލަކަށް ޖަވާބު ދެއްވަމުން ވިދާޅުވީ، މަސައްކަތް ހުއްޓުނުތަނާ ފަހު ދުވަހު މިނިސްޓަރ އަސްލަމް އައްޑޫއަށް ވަޑައިގެން މަސައްކަތުގެ ސައިޓުތައް ބަލަމުންދާ ކަމަށެވެ. އަދި އެފްކޮންސް ކުންފުންޏާއި ވެސް މައްސަލާގައި މަޝްވަރާ ކުރަމުންދާ ކަމަށް ނިޒާރު ވިދާޅުވިއެވެ.
"ހުރީ މަދު މައްސަލަތަކެއް. އެކަން ހައްލު ކުރުމަށް އެފަރާތާއި [އެފްކޮންސް] އާއި ވާހަކަ އެބަ ދެކެވޭ." ނިޒާރު ވިދާޅުވިއެވެ. "ކަންބޮޑުވުން އެބައޮތް. ވަަރަށް ގިނަ މަގުތައް ކޮނެފައި ކުރިއަށް ނުގޮސް ހުރުމުން ދަތިތަކެއް އެބަހުރި."
އައްޑޫގެ މަގު ހެދުމުގެ މަޝްރޫޢު ހުއްޓިފައި އޮވެގެން މިހާތަނަށް އެއްވެސް އިދާރާއަކުން ރަސްމީކޮށް ބަހެއް ބުނެފައި ނުވެއެވެ. ނަމަވެސް މައްސަލަތައް ހައްލު ކުރުމަށް މަސައްކަތް ކުރެވޭ ކަމަށް ސަރުކާރުގެ އޮފިޝަލުން ހާމަކުރެއެވެ.

އައްޑޫމަގު ހެދުމުގެ މަޝްރުޢުގެ ދަށުން ބައެއް މަގުތައް ކޮނެ ބަނދު ކުރެވިފައިވާއިރު، ބައެއް މަގުތަކަށް ވެހިކަލްތައް ނުވެއްދެއެވެ. އަދި ބައެއް މަގުތަކުގެ ތާރު އެޅުމުގެ މަސައްކަތް ފެށި ނަމަވެސް އެކަންވެސް ވަނީ ހުއްޓިފައެވެ.