Last Updated: May 2, 06:02
Thursday, May 2, 2024
ކޮލަމް

"އެރޭ" ޝައިޚް އިލްޔާސް އާ ބައްދަލު ނުކުރެވުނު ކަމަށްޓަކައި އުފާ ކުރަމެވެ.

އެންމެ ކުޑައިރުއްސުރެ އަޅުގަނޑަކީ މިއުޒިކާއެކު ހުންނަ ރީތި ލަވަތައް އަޑު އެހުމަށް ޝައުޤު ވެރިވި މީހަކީމެވެ. އެހެން ކަމުން ރޭގަނޑު ނުވަތަ ދުވާލު ވިޔަސް އަރާމުކޮށް ނިދާލެވެނީ މަޑުމައިތިރި ލަވައެއް އަޑު އިވިއިވި އޮއްވައެވެ.
މުހައްމަދު ރަފީޢު އާއި ލަތާ އަދި އާޝާ މެން ކިޔާފައި ހުންނަ ހިންދީ ލަވަތަކަކީ އަޅުގަނޑު ނިދާއިރު އިވެމުންދާ ނާނާއެވެ.

ދެހާސް ހަތް ވަނަ އަހަރު ފެބްރުއަރީ މަހު އޭރު ރާއްޖޭގެ ރައީސުލްޖުމްހޫރިއްޔާ ރައީސް އަލްއުސްތާޛު މައުމޫން ޢަބްދުލް ޤައްޔޫމް އައްޑޫ އަތޮޅަށް ކުރެއްވި ދަތުރު ފުޅުގައި އެމަނިކުފާނަށް މަރުޙަބާ ދެންނެވުމަށްޓަކައި އޭރުގެ މުޙިއްބުއްދީން ސްކޫލު ދަރިވަރުން ލައްވާ ރީތި ލަވައެއް ހުށަހެޅުވުމަށް ސްކޫލުގެ ވެރީން އަޅުގަނޑާ ޙަވާލު ކުރެއްވުމުން އެމަސައްކަތް އަޅުގަނޑު ފަށައިގަތީ ނުހަނު އުފަލާއެކު ކުރާހިތުންނެވެ. ރައީސް އަލްއުސްތާޛު މައުމޫން އަބްދުލްޤައްޔޫމަކީ އޭރުވެސް އަދި މިލިޔުން ލިޔާއިރުވެސް އަޅުގަނޑުގެ އެންމެ މަޤުބޫލު ސިޔާސީ ޝަޚުސިއްޔަތު ކަމަށް ވާތީ އެމަނިކުފާނަށް މަރުޙަބާ ދެންނެވުން ކުލަގަދަ ވުމަކީ އަޅުގަނޑު ވަރަށް އިސްކަމެއް ދޭކަމަކަށް ވާތީއެވެ.

ސްކޫލު ކުދިންތަކެއް ހޮވައި ލަވަ ފަރިތަ ކުރަން ފަށައިގަތުމާއެކު އަޅުގަނޑަށް ވަރަށް ގިނަ ގޮންޖެހުންތަކަކާ ކުރިމަތިލާންޖެހުނެވެ. ސްކޫލުގެ އިސްލާމް ކިޔަވައިދެއްވާ މުދައްރިސުންގެ ތެރެއިން ބޭފުޅަކު އަޅުގަނޑުގެ މިމަސައްކަތަށް ހުރަސްތަކެއް އަޅުއްވަންފެއްޓެވި ހިސާބުން އިތުރު ފޯރިއަކާއެކު، ގޮންޖެހުންތަކަށް ނުބަލައި ލަވައިގެ ކަންތައްތައް ކުރިއަށް ގެންދަން ފެށީމެވެ.
މި މަސައްކަތުގައި ވަރަށް އަވަދިނެތި އުޅެނިކޮށް ، އެއްރޭ އިރާކޮޅު ފަޟީލަތުއްޝައިޚު އިލްޔާސް ޙުސައިން ސްކޫލަށް ވަޑައިގެން އަޅުގަނޑާ ބައްދަލު ކުރައްވަން އެދިވަޑައިގަތެވެ. އެހާ ހިސާބުން އިތުރު ހުރަސްތަކަކާއި ކުރިމަތިލާން ޖެހިދާނެތީ ކުދީން ގޮވައިގެން ލަވަ ފަރިތަކުރުމަށްޓަކާ އަޅުގަނޑު ދިޔައީ މީޑިއާ ސެންޓަރަށެވެ. އެރޭ އެނބުރި ސްކޫލަށްއައި އިރު ޝައިޚު އިލްޔާސް ވަޑައިގެންނެތެވެ. އެހެންކަމުން އެރޭ ޝައިޚާއި ބައްދަލު ނުކުރެވުނެވެ. އެހެންކަމުން ކޮންމެވެސް ވަރެއްގެ ހިތްހަމަޖެހުމެއް ލިބުނެވެ.

އޭގެ ތިން އަހަރު ފަހުން އައި ހޮނިހިރު ދުވަހެކެވެ. ހަފްތާ ބަންދު ކަމުން ސިކުނޑީގައި މާގިނަ މަސައްކަތްތަކެއް ނެތެވެ. ކުރާނެ ވަކި ކަމެއް ނެތުމުން ފިކުރުތަކާއި ޚިޔާލުތަކުން ވެސް މުޅީން މިނިވަން ވެފައިވާ ދުވަހެކެވެ. މެންދުރު ގަޑީގައި އެނދުގައި އޮށޯވެލައިގެން އޮވެ މޮބައިލްފޯނުގެ ހެޑް ސެޓް ޖަހައިގެން ރޭޑިޔޯ އަޑު އަހަންފެށީ އެވަގުތުކޮޅަކީ އެހާތަނާ ޖެހެންދެން އަޅުގަނޑު އެންމެ ޝައުޤުވެރިކަމާއެކު އަޑު އަހަމުންދިޔަ ލަވަތައް އަޑުއެހުން ނިމުމަކަށް އައިސް، ލަވަ އަޑުއެހުން ހުއްޓާލާނެ ވަގުތުކަން އެނގިގެނެއް ނޫނެވެ. ރޯޑިޔޯ ޓިއުން ކުރަމުން ދަނިކޮށް ރޯޑިޔޯ އެޓޯލް އިން ފޮނުވަމުން ދިޔަ އޯޑިޔޯ ކުލިޕަކުން އިވުނީ ޝައިޚު އިލްޔާސް މިއުޒިކާމެދު ދައްކަވާފައިވާ ވާކަފުޅެއްގެ އަޑެވެ.

ލުޤުމާނު ސޫރަތުގެ އާޔަތެއްގެ މާނަ ވިދާޅުވެފައި، އެއާޔަތުގައި އަންގަވާފައިވާ އެންގެވުމާއިމެދު ރަސުލާ (ޞ) ގެ މާތް ޞާޙާބީންގެ ތެރޭގައި ހިމެނިވަޑާއިގަންނަވާ އިބްނު މަސްޢޫދާއި އިބްނު އައްބާސް ފަދަ ޞަހަބީން ދެއްވާފައިވާ ފަތުވާ ވިދާޅުވެ ދެއްވުމުން، މަޑު މަޑުން އޮވެ ފިކުރު ކޮށްލުމަށްފަހު މިއުޒިކާއެކު ކިޔާފައިހުންނަ ލަވަތައް އަޑު އެހުމަކީ އަޅުގަނޑު ފަދަ ﷲ އާއި އެއިލާހުގެ މާތް ރަސުލާ (ޞ) ޤަބޫލުކޮށްގެން ހުރި މުސްލިމަކު ކުރަން އެކަށީގެން ނުވާކަމެއްކަން ޤަބޫލު ކުރެވުމާއެކު ފޯނުގައި ހުރި ލަވަތައް ޑިލީޓް ކޮށްލީމެވެ. އަދި ހިނދުކޮޅެއްގެ ތެރޭގައި ލެޕްޓޮޕްގެ ހާޑް ޑިސްކުގައި ރައްކާކުރެވިފައި ހުރި ލަވަތައް ޑިލީޓް ކޮށްލީމެވެ.

އެއީ ހުރިހާ ގޮތަކުންވެސް އުފާވެރި ހިނދުކޮޅެކެވެ. ތާރީޚީވެސް ހިނދުކޮޅެކެވެ. ނިޢުމަތުން ފުރިގެންވީ ހިނދުކޮޅެކެވެ. އެވަގުތު އަޅުގަނޑު އުފާކުރި އެއްކަމަކީ ކުރީރޭ ޝައިޚު އިލްޔާސް އަޅުގަނޑާ ބައްދަލު ކުރައްވަން އުޅުއްވުމުން ބައްދަލު ނުކުރެވުނު ކަމެވެ. ސަބަބަކީ ﷲ ގެ ބަސްފުޅު އަޅުގަނޑު ގާތުގައި ވިދާޅުވެ، ލަވައިގެ މަސައްކަތް ހުއްޓާލަން އެރޭ ވިދާޅު ވިޔަސް އަޅުގަޑުގެ ޖަޒުބާތާއި އެވަގުތު އަޅުގަނޑު އެކަމަށް ޝައުޤުވެރިވެފައިވާ މިންވަރަށް ބަލާއިރު އެބަސްފުޅުގެ އަޑު ނާހާ ލަވައިގެ ކަންތައްތައް ކުރިއަށް ގެންދެވުމުގެ ފުރުޞަތު އޮތުމުންނެވެ. އެހެންކަމުން ބޮޑުވެގެންވާ ފާފައަކުން އަޅުގަނޑު ސަލާމަތްވީ އެރޭ ޝައިޚު އިލްޔާސް އާއި ބައްދަލު ކުރުމުގެ ފުރުޞަތު ނުލިބުމުންނެވެ.

މި މަގަށް މިކަންތައްތައް ހިއްމަވައި ނިންމަވައި ދެއްވައި، މިއުޒިކާއެކު ކިޔާފައި ހުންނަ ލަވަތައް އަޑު އެހުމާއި މިއުޒިކު ކުޅުވުމުގެ ފާފައިން އަޅުގަނޑު ސަލާމްތް ކޮށްދެއްވި ކަމަށްޓަކައި ﷲ ގެ ޙަޟުރަތަށް ހަމްދާ ޝުކުރު ކުރަމެވެ. އަދި ރޭޑިޔޯ އެޓޯލް އިން ރާއްޖޭގައި ދީނީ ޝިޢާރު ފާޅުކުރެއްވުމަށް ކުރައްވާ މަސައްކަތްޕުޅަށް ޝުކުރުވެރިވަމެވެ.
އަދާލަތު ޕާޓީ އަދި ރާއްޖޭގެ އިސްލާމިކް މިނިސްޓަރ ޝައިޚު މުޙައްމަދު ޝަހީމު ޢަލީ ސަޢީދާއި ޢިލްމުވެރީން ރާއްޖޭގައި ދީނީ ހޭލުންތެރިކަން އިތުރުކުރެއްވުމަށް ކުރައްވާ މަސައްކަތްޕުޅަށް ތައުފީޤް ދެއްވުން އެދި ދުޢާ ކުރަމެވެ.