Last Updated: June 8, 21:45
Monday, June 8, 2026
ޚަބަރު

ފުރަތަމަ ކޭޝިއަ-ލެސް ފިހާރަ މާޗްގައި ހުޅުވަނީ

އެސްޓީއޯ ސްމާޓް ޝޮޕްގެ މަސައްކަތް ކުރިއަށްދަނީ / ފޮޓޯ: އެސްޓީީއޯ

އެސްޓީއޯގެ ކޭޝިއަރ-ލެސް ފިހާރަ މާރިޗު މަހު ހުޅުވުމަށް ތައްޔާރު ވަމުންދާ ކަމަށް އެސްޓީއޯއިން ހާމަކޮށްފިއެވެ.

ރާއްޖޭގެ ފުރަތަމަ ކޭޝިއަރެއް ނެތް ފިހާރަ ހުޅުވުމަށް އެސްޓީއޯއިން ތައްޔާރުވަމުންދާ ކަން އެކުންފުނިން މީގެ ކުރިން ހާމަކޮށްފައެވެ. މިފިހާރަ ހުޅުވާނީ ހުޅުމާލޭގައެވެ. ފިހާރާއިގެ މަސައްކަތް މިހާރު ފަށާފައިވާއިރު ފިހާރަ އަންނަ އަންނަ މަހު ހުޅުވޭނެ ކަމަށް އެސްޓީއޯގެ މެނޭޖިންގް ޑިރެކްޓަރ ހުސެއިން އަމްރު މިވަނީ ހާމަކުރައްވާފައެވެ.

އެސްޓީއޯގެ "ސްމާޓް ޝޮޕް" ނުވަތަ ކޭޝިއަރެއް ނުހުންނަ ފިހާރައަކީ ރާއްޖޭގައި އަލަށް ތާއާރަފް ކުރެވޭ ކޮންސެޕްޓެއް ނަމަވެސް ދުނިޔޭގެ އެކި ކަންކޮޅުތަކުގައި މި ޓެކްނޮލޮޖީ ބޭނުން ކުރެއެވެ.

މިފިހާރައިގެ ކަންކަން ރޭވިފައިވާ ގޮތަށް ބަލާއިރު، ފިހާރައިން ވިޔަފާރި ކުރާ ފަރާތްތައް ބޭނުން ވަކި އެޕްލިކޭޝަނެއް ބޭނުން ކުރާނެއެވެ. އެގޮތުން އެޕްލިކޭޝަން މެދުވެރިކޮށް ކިއު-އާރް ކޯޑު ސްކޭން ކުރުމުން ފިހާރައިގެ ދޮރު ހުޅުވޭނެއެވެ. އަދި ވިޔަފާރި ކުރާ ފަރާތްތަކުން ބޭނުން ކުރާ ބޭންކް ކާޑު އެޕްލިކޭޝަންގައި އިންޓަގްރޭޓްކޮށްފައި ވުމުން ފިހާރައިން ބޭނުންވާ މުދަލެއް ނަގައިގެން ނިކުންނަ އިރު އަމިއްލައަށް ކާޑުން ނެގި ސާމާނުގެ އަގު ކެނޑޭނެއެވެ.

ފިހާރައިގެ ސޭލްމަނެއް އަދި ކޭޝިއަރެއް ނެތަސް ފިހާރައި ސްޓޮކް ބެލެހެއްޓުމާއި އަދި އެހެނިހެން ކަންކަމަށް އާޓިފިޝަލް އިންޓެލިޖެންސް ކެމެރާތައް ހަރުކުރެވިފައިވާނެއެވެ.

އެސްޓީއޯއިން ހާމަކޮށްފައިވާ ގޮތުގައި، މިފިހާރައިން ލިބެން ހުންނާނީ ހަމައެކަނި އެސްޓީއޯއިން އެތެރެ ކުރާ މުދާ އެކަންޏެއް ނޫނެވެ. އޭގެ އިތުރުން ފިހާރައިގައި ކުދި ވިޔަފާރިތަކުގެ އުފެއްދުންތައްވެސް ލިބެން ހުންނާނެކަމަށް އެސްޓީއޯއިން ބުނެއެވެ.

އެސްޓީއޯއިން ބުނި ގޮތުގައި ފިހާރައިގައި ކޭޝިއަރެއް ނެތަސް ފިހާރައިގައި ރައްކާތެރިކަމަށް ވަރަށް ގިނަ ފިޔަވަޅުތަކެއް އަޅާފައި ހުންނާނެ ކަމަށެވެ. އަދި މީގެ ސަބަބުން ވިޔަފާރި ކުރުމަށް ހޭދަވާ ވަގުތު ކުޑަވެގެން ދާނެ ކަމަށް އެކުންފުނިން ޤަބޫލުކުރެއެވެ.