މޯލްޑިވްސް އިސްލާމިމް ބޭންކް (އެމްއައިބީ) އަށް އައްޑޫ ހުޅުމީދޫން ކަސްޓަމަރުން ހޯދަން ހަރަކާތެއް މާދަމާ ބާއްވަން ނިންމައިފި އެވެ.
އެ ބޭންކްގެ ޓީމެއް ހުޅުމީދު އަށް ގޮސް ހިންގާ މި ހަރަކާތް ކުރިއަށް ދާނީ މާދަމާ ހެނދުނު 10:00 އިން ފެށިގެން މެންދުރު ފަޖު 2:00 އާ ހަމައަށް މީދޫ އަވަށު އޮފީހުގަ އެވެ. އެގޮތުން އެމްއައިބީގައި އެކުންޓް ހުޅުވަން ޝައުގުވެރިވާ މީހުންނަށް އެކަންޓްތައް ހުޅުވައި ދިނުމާއި މިހާރު ވެސް އެކައުންޓް ގެންގުޅޭ ކަސްޓަމަރުންނަށް ބޭނުންވާ އެހެން ހިދުމަތްތައް ވެސް ފޯރުކޮށް ދޭނެ އެވެ.
އައްޑޫގައި މީހުން އުޅޭ އެހެން އަވަށްތަކާ ވަކިން އޮންނަ ހުޅުމީދޫން ކަސްޓަމަރުން ހޯދަން އެމްއައިބީން ހަރަކާތެއް ބާއްވަން ނިންމި އިރު، މި މަސް ނިމުމުގެ ކުރިން އެ ބޭންކްގެ އޭޓީއެމެއް ވެސް ހުޅުމީދޫގައި ބަހައްޓަން އޮތީ ރޭވިފަ އެވެ.
އެމްއައިބީގެ ބްރާންޗެއް އައްޑޫގައި ހުޅުވީ 2014 ގަ އެވެ. އެ ބްރާންޗް ހުންނަނީ ހިތަދޫގަ އެވެ. މި ވަގުތު އައްޑޫގައި ހުންނަނީ އެމްއައިބީގެ ދެ އޭޓީއެމެވެ. އެއީ ހިތަދޫ ބްރާންޗްގައި ހުންނަ އޭޓީއެމާއި ފޭދޫ ބަނދަރުމަތީގައި ހުންނަ އޭޓީއެމެވެ.