އެއްވެސް ކުޅިވަރެއް ބާކީ ނުކުރުމުގެ ނަތީޖާ ރަނގަޅު ކަމަށް ރައީސް އިބްރާހިމް މުހައްމަަދު ސޯލިހު ވިދާޅުވެއްޖެ އެވެ.
އޭޝިއާގެ ސެންޓްރަލް ޒޯން ބީޗް ވޮލީބޯލް މުބާރާތުން ރަންމެޑަލް ހޯދި ރާއްޖޭގެ ބީޗު ވޮލީ ފިރިހެން ޓީމާ، އަދި ވޯލްޑް ބޮޑީބިލްޑިންގ ޗެމްޕިއަންޝިޕުގައި ރާއްޖެއަށް ރަން މެޑަލާއި ރިހިމެޑަލް އަދި ލޯމެޑަލް ހޯދައިދިން ބޮޑީބިލްޑިންގ ޓީމާ ބައްދަލުކުރައްވާ ދެއްކެވި ވާހަކަފުޅުގަ އެވެ.
ރައީސް ވިދާޅުވީ ސަރުކާރުގެ މައިގަނޑު ސިޔާސަތަކީ އެއްވެސް ކުޅިވަރެއް ބާކީ ނުކޮށް، ހުރިހާ ކުޅިވަރުތަކެއްގައި ވެސް ފުރުޞަތުތައް ފަހިކޮށްދިނުން ކަމަށާއި އެކަމުގެ ނަތީޖާވެސް ރަނގަޅު ކަމަށެވެ.
އެގޮތުން ކުޅުންތެރިންނަށާ އެތުލީޓުންނަށް އިތުރު ތަމްރީން ފުރުޞަތުތައް ހޯދައިދެއްވުމަށް މަސައްކަތް ކުރައްވަމުންދާ ކަމަށްވެސް ރައީސް ވިދާޅުވި އެވެ. އަދި ބީޗް ވޮލީއާ ވޯޓަރ ސްޕޯޓްސްގެ ކުޅިވަރުތަކަކީވެސް ރާއްޖޭގައި ކުރިއަރުވައި ކާމިޔާބީތައް ހޯދޭނެ މުސްތަޤުބަލް އޮތް ކުޅިވަރުތަކެއްކަން ރައީސް ފާހަގަކުރެއްވި އެވެ.
މިބައްދަލުކުރެއްވުމުގައި، މިނިސްޓަރ އޮފް ޔޫތު، ސްޕޯޓްސް އެންޑް ކޮމިއުނިޓީ އެމްޕަވަރމަންޓް އަހުމަދު މަޚުލޫފް ދެއްކެވި ވާހަކަފުޅުގައި، ވިދާޅުވީ ފާއިތުވި 4 އަހަރުގެ ތެރޭގައި މީގެ ކުރިން ކުޅިވަރުގައި ހޯދިފައި ނުވާ ގިނަ ކާމިޔާބީތައް ހޯދިފައިވާ ކަމަށެވެ. އަދި ރާއްޖޭގެ ކުޅިވަރުގެ ދާއިރާ ކުރިއެރުވުމަށް ޚާއްޞަގޮތެއްގައި ރައީސް ބަހައްޓަވާ އިސްކަން ފާހަގަކުރައްވައި، ބޮޑީބިލްޑިންގ އާއި ބީޗް ވޮލީން ރާއްޖެ ހޯދާފައިވާ ކާމިޔާބީތައް މިނިސްޓަރ މަޚްލޫފު ފާހަގަކުރެއްވި އެވެ.
މިބައްދަލުކުރެއްވުމުގައި، ވޮލީ ބޯލް އެސޯސިއޭޝަނުންނާއި، ބޮޑީބިލްޑިންގ އެސޯސިއޭޝަނުންވެސް ވަނީ، ކުރިން އެކުޅިވަރުތަކަށް ނުލިބޭ ސަމާލުކަމާއި، މާލީ އެހީތެރިކަން މިފާއިތުވި ހަތަރު އަހަރުގެ ތެރޭގައި ލިބިގެން ގޮސްފައިވާކަން ފާހަގަކުރައްވާފައެވެ. މީގެ އިތުރުން ކުރިޔަށް އޮތް މުބާރާތްތަކާއި ގުޅޭ މައުލޫމާތުވެސް އެސޯސިއޭޝަންތަކުން ވަނީ ރައީސްއާ ޙިއްޞާ ކުރައްވާފަ އެވެ.
އޭޝިއާގެ ސެންޓްރަލް ޒޯން ބީޗް ވޮލީބޯލް މުބާރާތުން ރާއްޖެއަށް ރަން މެޑަލް ލިބުނު އިރު، މިއީ ރާއްޖެއަށް ލިބުނު ވޮލީގެ ފުރަތަމަ ރަންމެޑަލެވެ. 2008 ވަނަ އަހަރުން ފެށިގެން ބޮޑީބިލްޑިންގ މުބާރާތްތަކުން ރާއްޖެއިން ރަންމެޑަލް ހޯދަމުން އަންނައިރު، ޑިސެމްބަރު މަހު ބޭއްވި، ވޯލްޑް ބޮޑީބިލްޑިންގ ޗެމްޕިއަންޝިޕުގައި ރާއްޖޭގެ ބޮޑީބިލްޑިންގ ޓީމް ވަނީ އެއް ރަން މެޑައްޔާއި، އެއް ރިހި މެޑަލްގެ އިތުރުން ހަތަރު ލޯ މެޑަލް ހޯދާފައެވެ. މިއީ ވޯލްޑް ބޮޑީބިލްޑިންގ ޗެމްޕިއަންޝިޕްގައި ރާއްޖެއިން ރަންމެޑަލް ހޯދި ފުރަތަމަ ފަހަރެވެ.