Last Updated: June 8, 21:45
Monday, June 8, 2026
ޚަބަރު

އާމްދަނީގެ ޓެކުހުގައި ރިސޯޓުތަކުގެ ހިއްސާ ދަށް

އާމްދަނީން ނެގޭ ޓެކުހުގައި ރިސޯޓުތައް ހިއްސާވާ މިންވަރު ދަށް ކަމަށް މޯލްޑިވްސް އިންލޭންޑް ރެވެނިއު އޮތޯރިޓީ (މީރާ) އިން ބުނެފި އެވެ.

މިކަން ވެސް ހާމަކޮށްފައިވާ މީރާ އިން ނެރުނު ކޮމްޕްލަޔަންސް އިމްޕްރޫވްމެންޓް ޕްލޭނުގައި ޓެކްސް ދައްކަން ޖެހޭ ފަރާތްތަކުން ޓެކްސް ޤާނޫނަށް އަމަލުކުރާ މިންވަރު ރަނގަޅު ކުރުމަށް އެ އިދާރާ އިން މި އަހަރު އަދި އަންނަ އަހަރު ކުރުމަށް ރާވާފައިވާ ކަންކަމާއި ގުޅޭ ކަންކަން ހިމަނާފައިވެ އެވެ.

އެ ޕްލޭންގައި ޓޫރިޒަމް ދާއިރާ އން ޤާނޫނަށް އަމަލުކުރާ މިންވަރަށް ވަނީ އަލިޅުވާފައިވެ އެވެ. އެގޮތުން ދައުލަތަށް ލިބޭ ޓެކްސް އާމްދަނީގެ ބޮޑު ބައެއް ހިއްސާ ކުރަނީ ޓޫރިޒަމުންކަން ފާހަގަކޮށްފައިވެ އެވެ. މީގެ ތެރެއިން އެންމެ ބޮޑު ބަޔަކީ ޓޫރިޒަމް ދާއިރާގެ ނުސީދާ ޓެކްސް ނުވަތަ ރިސޯޓުތަކުން ލިބޭ ޓީޖީއެސްޓީ ކަމަށް މީރާއިން ބުންޏެވެ. ނަމަވެސް ރިސޯޓުތަކުގެ ހިންގާ ކުންފުނިތަކަށް ލިބޭ އާމްދަނީން ނޭގެ ޓެކުހުގައި ރިސޯޓްތައް ހިއްސާކުރާ މިންވަރު ދަށް ކަމަށް މީރާ އިން ބުންޏެވެ.

އެެހެންވެ މިކަން ދިމާވާ ބައެއް ސަބަބުތައް ދައުލަތުގެ ޓެކްސް އިދާރާ އިން ވަނީ ހާމަކޮށްފައިވެ އެވެ. އެގޮތުން ހިންގުމުގެ ޙަރަދު ބޮޑުވުމާއި، ހަރުމުދާ ބޮޑެތި އަދަދުތަކުން އަގުމަގު ކުރުމާއި، މަދުން ޓެކްސް ކުރެވޭ ޖުރިސްޑިކްޝަން ތަކުގައި ހަރަކާތްތެރިވާ ކުންފުނިތަކަށް ފައިދާ ފުރޮޅާލުން ހިމެނެއެވެ. މީގެ އިތުރުން ޓެކްސް ދައްކާ މިންވަރު ދައްކުރުމަށް އިތުރު އުކުޅުތައް ބޭނުން ކުރާ ފާހަގަ ވެފައިވާ ކަމަށް މީރާއިން ބުނެއެވެ. މިއާއެކު ގެސްޓް ހައުސްތަކުގައިވެސް އެކަށީގެންވާ ގޮތެއްގައި ހިސާބު ނުބަލަހައްޓާކަން މީރާ އިން ފާހަގަކުރެ އެވެ.

މިއާ އެކު ޓޫރިސްޓު އުޅަނދުތަކަށް ބަލާ އިރު ތިންވަނަ ފަރާތަކުން އޮޕަރޭޓް ކުރާ ގޮތަށް ކުއްޔަށް ދޫކުރާއިރު ދެވޭ ޙިދުމަތްތަކާއި އަދި އާމްދަނީ ރިޕޯޓް ކުރާ މިންވަރު ދައްކަން މީރާއިން ފާހަގަ ކުރެއެވެ.

އެހެންވެ މި މައްސަލަތައް ހައްލުކުރުމަށް ކަމާގުޅުން ހުރި ދާއިރާތަކުން މަޝްވަރާކޮށް ޓެކްސް އެވޮއިޑެންސް ސްކީމްތައް ދެނެގަތުމަށާއި، ރިސްކް ބޮޑު ޓެކްސް ދައްކާ ފަރާތްތައް އޮޑިޓް ކުރުމަށް ސަމާލުކަމެއް ދެވޭނެ ކަމަށް މީރާ އިން ބުންޏެވެ.