ތުރުކީ އަދި ސީރިޔާ އަށް އައި ބިންހެލުމުގެ ސަބަބުން ތުރުކީން 1،362 ކުދިން އާއިލާތަކާ ވަކިވެއްޖެ އެވެ.
ތުރުކީގެ މިނިސްޓްރީ އޮފް ފެމިލީ އެންޑް ސޯޝަލް ސާވިސަސް އިން ބުނީ އާއިލާތަކާ ވަކިވި 1،362 ކުދިންގެ ތެރެއިން 369 ކުދިން މިހާރު އަލުން އަނބުރާ އާއިލާތަކާ ހަވާލުކޮށްފައިވާ ކަމަށެވެ. އަދި 792 ކުދިން ހޮސްޕިޓަލުތަކުގައި އެޑްމިޓްކޮށްފައިވާއިރު 201 ކުދިން ތިބީ ކަމާބެހޭ ފަރާތްތަކުގެ ބެލުމުގެ ދަށުގައި ކަމަށް މިނިސްޓްރީން ބުނެ އެވެ.
މީގެއިތުރުން ކޮން ބައެއްކަން ދެނެގަނެވިފައި ނުވާ 291 ކުއްޖަކު ވެސް ހިމެނޭ ކަމަށާއި އެކަން ސާފުކުރުމަށްފަހު އެ ކުދިން އާއިލާތަކާ ހަވާލުކުރުމުގެ މަސައްކަތް ފަށާނެ ކަމަށްވެސް އެ މިނިސްޓްރީން ހާމަކުރެ އެވެ.
މިދިޔަ ހޯމަ ދުވަހުގެރޭ އައި ބިންހެލުމުގައި މިހާތަނަށް 36،000 އަށް ވުރެ ގިނަ މީހުން ވަނީ މަރުވެފަ އެވެ. އޭގެތެރެއިން 31،643 މީހުން މަރުވެފައިވަނީ ތުރުކީން ކަމަށްވާއިރު 19،000 އަށް ވުރެ ގިނަ މީހުންނަށް އަންނަނީ ހޮސްޕިޓަލުތަކުގައި ފަރުވާ ދެމުންނެވެ.