އިނގިރޭސި ޕްރިމިއާ ލީގުގައި ރޭ އަމިއްލަ ދަނޑުގައި 2-0 އިން އެވަޓަން ބަލިކޮށް، ފުރަތަމަ ފަހަރަށް މި އަހަރު ލީގު މެޗަކުން ލިވަޕޫލް މޮޅުވެއްޖެ އެވެ.
މި މޮޅާއެކު ލިވަޕޫލް އޮތީ 21 މެޗުން ލިބުނު 32 ޕޮއިންޓާ އެކު ލީގުގެ 9 ވަނައިގަ އެވެ. އެވަޓަން އޮތީ 22 މެޗުން ލިބުނު 18 ޕޮއިންޓާ އެކު ލީގުގެ 18 ވަނައިގަ އެވެ.
ލިވަޕޫލްގެ ފަރާތުން ރަނގަޅު ކުޅުމެއް ފެނިގެންދިޔަ މި މެޗުގެ 35 ވަނަ މިނެޓްގައި އެވަޓަންގެ ޑިފެންޑަރު ޓާކޯސްކީ ބޮލުން ފޮނުވާލި ހަމަލާއެއް ވަނީ ލިވަޕޫލްގެ ގޯލުގެ ދަނޑި އަށް އަމާޒުވެފަ އެވެ. އޭގެ މިނެޓެއް ފަހުން ލިވަޕޫލުން އުފެއްދި ކައުންޓަ އެޓޭކެއްގައި މުހައްމަދު ސަލާހު ވަނީ އެޓީމަށް ލީޑު ނަގާދީފަ އެވެ.
އަދި ދެވަނަ ހާފްގެ ވަރަށް ކުރީކޮޅު ލިވަޕޫލްގެ ނެދަލޭންޑްސް ފޯވާޑް ކޯޑީ ގަކްޕޯ ވަނީ އެޓީމުގެ ދެވަނަ ގޯލު ކާމިޔާބުކޮށްދީފަ އެވެ. ގަކްޕޯ މި ގޯލު ކާމިޔާބު ކުރީ އެވަޓަންގެ ޕެނަލްޓީއޭރިއާ ތެރެއަށް ތިރިތިރިން ހުރަސްކޮށްލި ބޯޅައެއް މުޅިން ހުހަށް ހުރެ ގޯލަށް ފޮނުވާލައިގެންނެވެ. މިއީ މިދިޔަ ޖެނުއަރީ ޓްރާންސްފާގައި 45 މިލިއަން ޕައުންޑަށް ލިވަޕޫލަށް ބަދަލުވި ގަކްޕޯ އެ ކްލަބަށް ކާމިޔާބުކޮށްދިން ފުރަތަމަ ގޯލެވެ.
ރޭގެ މެޗަށް ފަހު ވާހަކަދައްކަމުން ލިވަޕޫލްގެ ކޯޗު ޔާގަން ކްލޮޕް ބުނީ މިއީ ވަރަށް މުހިއްމު މޮޅެއް ކަމަށާއި ރަނގަޅަށް ކުޅޭ ވަރަކަށް ގޯލު ކާމިޔާބު ކުރުމަކީ ދުރުގައި އޮންނާނެ ކަމެއް ނޫން ކަމަށެވެ. އަދި ރޭގެ މެޗުގައި ރަނގަޅު ކުޅުމެއް ދެއްކުން މުޅި ޓީމަށް ވެސް އޮތީ މުހިއްމު ވެފައި ކަމަށް ކްލޮޕް ބުންޏެވެ.
ލީގުގައި ލިވަޕޫލް ދެން ބައްދަލުކުރާނީ ނިއުކާސަލް ޔުނައިޓެޑާ އެވެ.