Last Updated: June 9, 06:10
Tuesday, June 9, 2026
ޚަބަރު

ޝަންގްރިއްލާ މައްސަލައިގައި ނަޝީދުގެ ނުރުހުން މިނިސްޓަރަށް

އައްޑޫ ސިޓީގައި އޮންނަ ޝަންގްރިއްލާ ރިސޯޓު ނުހުޅުވި ލަސްވާ މައްސަލައިގައި އަދި ހިއްސާ ދޫކުރުމުގެ މައްސަލަ ހުއްޓިފައި އޮތުމުން ރައްޔިތުންގެ މަޖިލީހުގެ ރައީސް މުހައްމަދު ނަޝީދުގެ ފާޑުކިޔުން ޓޫރިޒަމް މިނިސްޓަރު އަބްދުﷲ މައުސޫމަށް އަމާޒުވެއްޖެއެވެ.

ރައްޔިތުންގެ މަޖިލީހުގެ މިއަދުގެ ޖަލްސާގައި މެންބަރުންނަށް މިނިސްޓަރު މައުސޫމާ ސުވާލު ކުރުމަށް ލިބުނު ފުރުސަތުގައި ހިތަދޫ މެދު ދާއިރާގެ މެންބަރު އިބްރާޙިމް ރަޝީދު ވަނީ ޝަންގްރިއްލާ ހުޅުވޭނެ ތާރީހަކާ ގުޅޭގޮތުން ސުވާލު ކޮށްފައެވެ.

އެ ސުވާލަށް ޖަވާބު ދެއްވަމުން މިނިސްޓަރު މައުސޫމް ވިދާޅުވީ އުންމީދު ކޮށްގެން ހުންނެވީ މިދިޔަ އަހަރުވެސް އަދި އޭގެ ކުރީ އަހަރުވެސް ޝަންގްރިއްލާ ހުޅުވޭނެކަމަށް ކަމަށެވެ. އެ ވިޔަފާރި އަކީ ޕްރައިވެޓް ވިޔަފާރިއެއްކަން ފާހަގަ ކޮށް މިނިސްޓަރު މައުސޫމް ވިދާޅުވީ އެކަމުގައި ސަރުކާރަށް ކޮށްދެވޭނެ އެންމެ ބޮޑު ކަންތައް ކޮށްދީފައިވާ ކަމަށެވެ. އެގޮތުން ކުލި ވަރަށް ކުޑަ ކޮށްދީފައިވާ ކަމަށް ވިދާޅުވިއެވެ.

ޝަންގްރިއްލާގައި އޮތް ސަރުކާރުގެ ހިއްސާއާ ގުޅޭގޮތުން މިނިސްޓަރު މައުސޫމް ވިދާޅުވީ ސަރުކާރު ހިއްސާ ދޫކޮށްލުމަށް ވާހަކަ ދެއްކިފައި ވާކަމަށާއި ހިއްސާ ދޫކޮށްލުމުގެ ކަންކަން ނިމުމާއެކު އެ ރިސޯޓު ހެދުން ކުރިއަށް ދާނެކަމަށެވެ.

"ދެން ސަރުކާރުގެ އޮތް ޝެއާ ދޫކޮށްލުމުގެ މަޝްވަރާތައް ނިމި، އައްޑޫސިޓީގެ މަޖިލިސް މެންބަރުންނާ އަދި ކައުންސިލް މެންބަރުންނާ ޝާމިލުވާގޮތަށް ވާހަކަ ދެކެވިފަ ވަނީ. އެކަންތައް ނިމުމާއެކު އެ ރިސޯޓު ހަދަން ފެށުމުގެ ކަންތައް އޮންނާނެ." މިނިސްޓަރު މައުސޫމް ވިދާޅުވިއެވެ.

މިނިސްޓަރުގެ ވާހަކަ މިހިސާބަށް ދިއުމުން ރައީސް ނަޝީދު ވަނީ މިނިސްޓަރުގެ ވާހަކަ ހުއްޓުވުމަށްފަހު މެންބަރުގެ ސުވާލު ތަކުރާރު ކުރައްވާ ޝަންގްރިއްލާ ހުޅުވޭނީ ކޮންއިރަކުންތޯ ސުވާލު ކުރައްވާފައެވެ.

އެ ސުވާލަށް ޖަވާބު ދެއްވަމުން މިނިސްޓަރު މައުސޫމް ވިދާޅުވީ އުންމީދު ކުރަނީ މި އަހަރުގެ ތެރޭގައި ޝަންގްރިއްލާ ހުޅުވޭނެ ކަމަށް ކަމަށެވެ.

"އަޅުގަނޑު އުންމީދު ކުރަނީ، މިއަހަރު ތެރޭގައި، 2023 ވަނަ އަހަރުގެ ތެރޭ އެރަށް ހުޅުވޭނެ ހިސާބަށް ދާނެ ކަމަށް." މިނިސްޓަރު މައުސޫމް ވިދާޅުވިއެވެ.

މިނިސްޓަރު މައުސޫމް މިފަދައިން ވިދާޅުވުމުން ރައީސް ނަޝީދު ވަނީ ދެވަނަ ފަހަރަށް މިނިސްޓަރުގެ ވާހަކަ ހުއްޓުވުމަށްފަހު ޝަންގްރިއްލާގެ ސަރުކާރުގެ ހިއްސާ ދޫކުރުމުގެ މަސައްކަތް ހުއްޓިފައި އޮތްކަން ފާހަގަކުރައްވާ އެކަން ހުއްޓިފައި އޮތީ ކީއްވެތޯ ސުވާލު ކުރައްވާފައެވެ. ރައީސް ނަޝިދު ވިދާޅުވީ ޝަންގްރިއްލާގެ މައްސަލައިގައި މެންބަރުން ތަކުރާރުކޮށް މަޖިލީހުގައި ވަޒީރާ ސުވާލު ކުރާ ކަމަށާއި އެހެންނަމަވެސް އެކަމަށް އެކަމަށް އެކަށީގެންވާ ޖަވާބެއް ލިބޭތަން ނުފެންނަ ކަމަށެވެ.

ޝަންގްރިއްލާގެ ސަރުކާރު ހިއްސާ ދޫކުރުމުގެ މަސައްކަތް ހުއްޓިފައިވާކަމަށް ތުހުމަތުކުރެވޭއިރު، އެމްޑީޕީ ރިޔާސީ ޕްރައިމަރީގެ ތެރެއިން އައްޑޫސިޓީގައި ބޭއްވި "އިބޫ 2023" ޖަލްސާގައި ވާހަކަފުޅުދައްކަވަމުން ރައީސް އިބްރާހިމް މުހައްމަދު ސޯލިހް ވިދާޅުވެފައިވަނީ ޝަންގްރިއްލާ ހިންގުމަށްޓަކާ ކުރަންޖެހޭ ހުރިހާ ކަމެއް ސަރުކާރުން މިހާރު ވާނީ ކޮށްފައި ކަމަށާއި ޝަންގްރިއްލާގައި އޮތް ސަރުކާރުގެ ހިއްސާ ދޫކޮށްލަން ނިންމާފައިވާ ކަމަށެވެ.