Last Updated: June 14, 06:05
Sunday, June 14, 2026
ޚަބަރު

"ޒަކާތުު ނަފާ" ޕްރޮގްރާމް ފަށާނީ ނޮޅިވަރަމުން

އިސްލާމިކް މިނިސްޓްރީ އާއި އިކޮނޮމިކް މިނިސްޓްރީ ގުޅިގެން ކުރިއަށް ގެންދަން ނިންމާފައި އޮތް "ޒަކާތު ނަފާ" ޕްރޮގްރާމް އެންމެ ފުރަމަ ފަށާ ރަށަކަށް ހދ. ނޮޅިވަރަމް ހަމަޖައްސައިފި އެވެ.

މި ޕްރޮގްރާމްއަކީ މިއީ ނިކަމެތި އާއިލާތަކަށް އެހީތެރިވެ، އެފަދަ އާއިލާތައް އަމިއްލައަށް ވިޔަފާރިކޮށް، މަންފާ ހޯދޭނެ ގޮތެއް ހޯދައި ދިނުމަށް ފަށާ ޕްރޮގްރާމެކެވެ. އަދި މީގެ މައިގަނޑު މަގުސަދަކީ ރާއްޖޭގައި ފަގީރުންގެ އާބާދީ ނައްތާލަން މަސައްކަތްކުރުމެވެ. "ޒަކާތު ނަފާ" ޕްރޮގްރާމް ކުރިއަށް ގެންދަނީ 2021 ވަނަ އަހަރުގެ ފަގީރުގެ ދަފުރަތުގައި ތިބި މީހުންގެ މެދުގަ އެވެ.

އިސްލާމިކް މިނިސްޓްރީން ބުނީ ނޮޅިވަރަމްގައި "ޒަކާތު ނަފާ" ޕްރޮގްރާމް ފަށަން މިހާރު ތައްޔާރީތައް ވަމުން އަންނަ ކަމަށެވެ. ންކަމަށެވެ. އަދި އެ ޕްރޮގްރާމް ފައްޓަވައި ދެއްވާނީ ރައީސް އިބްރާހިމް މުޙައްމަދު ސޯލިހު ކަމަށް ވެސް މިނިސްޓްރީން ބުންޏެވެ.

އިސްލާމިކް މިނިސްޓްރީން ބުނި ގޮތުގައި ނޮޅިވަރަމުން "ޒަކާތު ނަފާ" ޕްރޮގްރާމްގައި ބައިވެރިވާ ފަސް އާޢިލާއެއް އެބަތިބި ކަމަށެވެ. އެގޮތުން މި ޕްރޮގްރާމްގެ ދަށުން ހަތަރު އާއިލާއަކަށް ދަނޑުވެރިކަން ކުރަން އަދި އެއް އާއިލާއަށް ފެހުމުގެ ވިޔަފާރި ފެށުމަށް އެހީދޭން ވަނީ ނިންމައިފަ އެވެ.

"ޒަކާތު ނަފާ" ޕްރޮގްރާމް ކުރިއަށް ގެންދަނީ އެކި ފިޔަވަހިތަކަކަށް ބަހާލައިގެންކަމަށެވެ. ފުރަތަމަ ފިޔަވަހީގައި މި ޕްރޮގްރާމްގައި ބައިވެރިކުރަނީ، ރަށެއްގައި ފަގީރު ގޭބިސީ 10 ވުރެ ދަށް ރަށްތަކެވެ. ފަގީރު ގޭބިސީ 10 އަށްވުރެ ދަށް 96 ރަށް ރާއްޖޭގައި އެބަ އޮތެވެ. ފުރަތަމަ ބުރުގައި މި ރަށްތަކުގެ 350 ގޭބިސީ ހިމެނޭ އިރު، އެއީ ފަގީރުންގެ އާބާދީ 1،077 އެވެ.

ޕްރޮގްރާމްގައި ކޮންމެ ގޭބިސީއަކަށް 150،000ރ. އާ ހަމައަށް މާލީ އެހީ ދެވޭނެ އެވެ. އަދި އެހީ ދޫކުރާނީ މުޅިން ހިލޭ އެހީގެ ގޮތުގަ އެެވެ.

"ޒަކާތު ނަފާ" ޕްރޮގްރާމަށް ޒަކާތު ފަންޑުން މި މަސައްކަތަށް 1.5 މިލިއަން ރުފިޔާ ކަނޑައަޅާފައިވެ އެވެ.