Last Updated: June 8, 21:45
Monday, June 8, 2026
ޚަބަރު

އެފްކޮންސް މުވައްޒަފުން: މުސާރަ ނުދޭ، ކާން ނުލިބޭ

އެފްކޮންސް މުވައްޒަފުން ހުޅުމީދޫގައި އިހްތިޖާޖު ކުރާތީ މީދޫ ކައުންސިލަރ މުވައްޒަފުންނާއި ބައްދަލު ކުރަނީ / ފޮޓޯ: ސޯޝަލް މީޑިއާ (އަޒްލީން)

އައްޑޫ މަގު ހެދުމުގެ މަސައްކަތް ކުރާ އެފްކޮންސް މުވައްޒަފުންނަށް މަސައްކަތަށް ނުނިކުންނަ ދުވަހު ކާން ވެސް ނުދޭ ކަމަށް އެ މުވައްޒަފުން ބުނެފި އެވެ.

މިދިޔަ ހޮނިހިރު ދުވަހުން ފެށިގެން އައްޑޫގައި އެ ކުންފުނީގެ މުވައްޒަފުން މުޒާހަރާ ކުރަމުންދާ އިރު، މިއަދު މުވައްޒަފުން ވަނީ ހުޅުމީދޫ ޕޮލިސް ސްޓޭޝަން ކައިރޫގައި ވެސް އިހްތިޖާޖުކޮށްފަ އެވެ. އެ މުވައްޒަފުންގެ ހުރި ކަންބޮޑުވުންތައް އަޑު އެހުމަށް ހުޅުދޫ ކައުންސިލަރު ހުސައިން ފައިޒުއްރަހިމާން އަދި މީދޫ ކައުންސިލަރު އާމިނަތު ސާލިހާ ވަޑައިގެންނެވި އެވެ.

އިހްތިޖާޖުކުރާ މުވައްޒަފުން ވަނީ އެ މީހުންގެ ކަންބޮޑުވުންތައް އެ ކައުންސިލަރުންނާ ހިއްސާކޮށްފަ އެވެ. އެގޮތުން ބައެއް މުވައްޒަފުން ބުނި ގޮތުގައި، މަސައްކަތަށް ނުނިކުންނަ ދުވަހު ކާން ނުދޭނެ ކަމަށް ބުނެފައިވާ ކަމަށެވެ. އަދި މުސާރަ ވެސް ހަމައަށް ނުދޭ އިރު، އެ މީހުންނަށް އެންމެ އެކަށީގެންވާ މާހައުލެއް ޤާއިމްކޮށް ނުދިނުމަކީ ކަންބޮޑުވުމެއް ކަމަށް ބުނެފައިވެ އެވެ.

މީގެ އިތުރުން ރޭގަނޑު ވެސް ރަނގަޅަށް ކާން ނުދޭ ކަމަށް މުވައްޒަފުން ބުނެ އެވެ.

އައްޑޫގައި މަގު ހެދުމުގެ މަސައްކަތްކުރާ އެފްކޮންސް މުވައްޒަފުންގެ ހައްޤުތައް ހޯދުމަށް ކުންފުނީގެ މުވައްޒަފުން އިހްތިޖާޖު ކުރަމުން އަންނަ އިރު، މިއަދަށް އިހްތިޖާޖު ކުރާތާ ވަނީ ހަތަރު ދުވަސްވެފަ އެވެ. މިކަމުގެ ކަންބޮޑުވުން ހުރިކަން އައްޑޫ ސިޓީ ކައުންސިލުން ވެސް ވަނީ ބުބެފައިވެ އެއެވެ.

މި މައްސަލައިގައި ސަރުކާރުގެ ރަސްމީ އެއްވެސް ފަރާތަކުން ސީދާ ޖަވާބެއް ދީފައި ނުވާ އިރު، މައްސަލަ ހައްލުކޮށް މަސައްކަތަށް އަވަހަށް ނިކުތުމަށް މި ވަގުތު އައްޑޫގައި މަސައްކަތް ކުރައްވަމުން ގެންދަވާ ޕްލޭނިން މިނިސްޓަރު މުހައްމަދު އަސްލަމް އަންގާފައިވާ ކަމަށް މައުލޫމާތު ލިބެ އެވެ.