Last Updated: July 27, 11:42
Monday, July 27, 2026
މުނިފޫހިފިލުވުން

އައްލޫގެ ފެނިލުމެއް ޝާހްރުކްގެ "ޖަވާން" ގައި

މި އަހަރުގެ ޖޫން މަހު ރިލީޒްކުރަން ހަމަޖެހިފައިވާ ޝާހްރުކް ޚާންގެ ފިލްމު "ޖަވާން" ގެ ވަރަށް ހާއްސަ ފެނިލުމަކުން މަޝްހޫރު ތެލެގޫ އެކްޓަރު އައްލޫ އަރުޖުން ފެންނާނެ ކަމަށް ރިޕޯޓްތައް ބުނެފި އެވެ.

މިއާ އެކު މިކަން ވާނީ "ޕުޝްޕާ" ފަދަ ކާމިޔާބު ފިލްމުތައް ކުޅުނު 40 އަހަރުގެ އެކްޓަރު ހިންދީ ފިލްމަކުން ފެންނާނެ ފުރަތަމަ ފަހަރަށެވެ. އައްލޫ މިހާރު އަންނަނީ "ޕުޝްޕާ" ގެ ސީކްއެލްގެ މަސައްކަތް ކުރަމުންނެވެ.

ޕީޕިން މޫން ބުނީ "ޖަވާން" އިން އައްލޫ އަށް ދިނީ ފިލްމުގެ ވާހަކައިގައި ވެސް ވަރަށް ހާއްސަ ކެރެކްޓާއެއް ކަމަށާއި ވަރަށް އަވަހަށް އޭގެ ޝޫޓިންގައި ވެސް އޭނަ ބައިވެރިވާނެ ކަމަށެވެ. އެކަމަކު މިކަން އަދި ފިލްމުގެ ޓީމުން ކަށަވަރެއް ނުކޮށްދެ އެވެ. ފާހަގަކޮށްލެވޭ ކަމަކީ "ޖަވާން" އަކީ މަޝްހޫރު ތަމަޅަ ޑައިރެކްޓަރު އެޓްލީ ހަދާ ފިލްމެއްކަމެވެ. އަދި ހިންދީ ބަހުގެ އިތުރުން ތަމަޅަ އާއި ތެލެގޫ ބަހުން ވެސް ރިލީޒްކުރަން ހަމަޖެހިފައިވާ ފިލްމުގެ ކާސްޓްގައި ވެސް ހިމެނެނީ ބޮލީވުޑާއި ދެކުނުގެ މަސްހުނި ކާސްޓެކެވެ.

"ޖަވާން" ގެ ލީޑް ބަތަލާ އަކީ ދެކުނުގެ މަޝްހޫރު ބަތަލާ ނަޔަންތަރާ އެވެ. އަދި ފިލްމުގެ މައި ވިލަން އަކީ ދެކުނުގެ ތަރި ވިޖޭ ސެތުޕަތީ އެވެ. "ޖަވާން" ގެ އިތުރު ކާސްޓުންގެ ތެރޭގައި ސާނިއާ މަލްއުތުރާ، ސުނިލް ގްރޯވާ، ޕްރިޔަމަނީ، ޔޯގީ ބާބޫ، ޓީވީ ބަތަލާ ރިދީ ޑޮގްރާ އަދި އާސްތާ އަގަރްވާލް ހިމެނެ އެވެ.

ޖޫން 2 އަށް ތާވަލުކޮށްފައިވާ އެކްޝަން ތުރިލާގެ ވަރަށް ހާއްސަ ފެނިލުމެއްގައި ޝާހްރުކްގެ އެންމެ ފަހުގެ ފިލްމު "ޕަތާން" ގެ ބަތަލާ ދީޕިކާ ޕަދްކޯން ވެސް ހިމެނެ އެވެ.