އައްޑޫގައި ޓޫރިޒަމް ކުރިއަރުވަން ކުރާ މަސައްކަތުގެ ތެރެއިން ހަންކެޑެ ތަރައްގީކުރުމުގެ ޕްރޮޖެކްޓަށް ބޭނުންވާ ފައިނޭންސް ހޯދުމުގެ މަސައްކަތް ކުރިއަށްދާ ކަމަށް ޓޫރިޒަމް މިނިސްޓަރު އަބްދުﷲ މައުސޫމް ވިދާޅުވެއްޖެއެވެ.
ރައްޔިތުންގެ މަޖިލީހުގެ މިއަދުގެ ޖަލްސާގައި މިނިސްޓަރު މައުސޫމަށް ސުވާލު ކުރުމަށް ލިބުނު ފުރުސަތުގައި ހުޅުދޫ ދާއިރާގެ މެންބަރު އިލްޔާސް ލަބީބް ވަނީ ހަންކެޑެއާ ގުޅޭގޮތުން ސުވާލު ކޮށްފައެވެ.
އެގޮތުން އައްޑޫގައި 5000 އެނދު ގާއިމު ކުރުމަކީ މި ސަރުކާރުގެ ވައުދެއްކަން ފާހަގަަކޮށް އިލިޔާސް ލަބީބް ވަނީ މިހާރު އައްޑޫގައި ހުރީ ކިހާ އަދަދެއްގެ އެނދުތޯ އަދި އައްޑޫގެ އެނދުގެ އަދަދަށް ހައްލެއް ނުހޯދި އޮތޯ ކީއްވެތޯ ސުވާލު ކޮށްފައެވެ. އަދި އައްޑޫ ހަންކެޑެ ހެދުމުގެ މަސައްކަތް އޮތް ހިސާބަކާއި ޝަންގްރިއްލާ އަދި ހެރެތެރެވެސް އޮތީ "ގަލުގައި އަޅާފަތޯ" ސުވާލު ކޮށްފައިވެއެވެ.
އެ ސުވާލަށް ޖަވާބު ދެއްވަމުން މިނިސްޓަރު މައުސޫމް ވިދާޅުވީ އައްޑޫސިޓީ ހިމެނޭ ސަރަހައްދު މުޅިން ފުރިހަމައަށް ހިނގަން އައްޑޫސިޓީ، ފުވައްމުލަށް އަދި ހުވަދު އަތޮޅާއެކު ޖުމުލަ 8000 އެނދު ބޭނުންވާ ކަމަށެވެ.
މީގެއިތުރުން މިނިސްޓަރު މައުސޫމް ވިދާޅުވީ ހަންކެޑެ ހެދުމަށް ބޭނުންވާ ފައިނޭންސް ހޯދުމުގެ މަސައްކަތް ކުރިއަށްދާ ކަމަށެވެ.
"ހަންކެޑެ ވަކިން ހެދުމުގެ ޕްރޮޖެކްޓެއް މިހާރު އިއުލާނު ކުރެވި، ފައިނޭންސް ހޯދުމުގެ ކަންތައް ކުރިއަށް ގެންދަނީ." މިނިސްޓަރު މައުސޫމް ވިދާޅުވިއެވެ.
މީގެއިތުރުން މިނިސްޓަރު މައުސޫމް ވިދާޅުވީ އައްޑޫސިޓީގައި އެންމެ ބޮޑަށް ބޭނުންވަނީ އެއާޕޯޓް ފުރިހަމަ ގޮތުގައި ކުރިއަށް ގެންދިއުން ކަމަށެވެ.
ހަންކެޑެ ތަރައްގީކުރުމުގެ ޕްރޮޖެކްޓަށް ބޭނުންވާ ފައިނޭންސް ހޯދުމުގެ މަސައްކަތް ކުރިއަށްދާ ކަމަށް މިއަދު މިނިސްޓަރު މަޖިލީހުގައި ވިދާޅުވިއިރު، އެމްޑީޕީ ރިޔާސީ ޕްރައިމަރީގެ ތެރެއިން އައްޑޫސިޓީގައި ބޭއްވި "އިބޫ 2023" ޖަލްސާގައި ވާހަކަފުޅުދައްކަވަމުން ރައީސް އިބްރާހިމް މުހައްމަދު ސޯލިހް ވިދާޅުވެފައިވަނީ، އައްޑޫގެ ޓުއަރިޒަމް ކުރިއެރުވުމަށް ކުރިއަށް ގެންދަން ރާވާފައިވާ ހަންކެޑެ މަޝްރޫ އަށް ބޭނުންވާ ފައިސާ ހަމަޖެހިފައިވާ ކަމަށާއި އެ މަޝްރޫއުގެ މަސައްކަތް އަމަލީ ގޮތުން ފެށުމަށް ތައްޔާރުވަމުންދާ ކަމަށެވެ.
އައްޑޫ މަރަދުއާ ލިންކް ރޯޑުން ގުޅިފައި އޮންނަ ހަންކެޑެ އަކީ ރިއަލް ސްޓޭޓް ޓޫރިޒަމަށް ސަރުކާރުން މިހާރު ހަމަޖައްސާފައިވާ ތަނެކެވެ. އެގޮތަށް ނިންމީ ޑިސެމްބަރު 2، 2021 ގައެވެ.