Last Updated: July 27, 11:42
Monday, July 27, 2026
މުނިފޫހިފިލުވުން

"ޑްރީމް ގާލް 2" ގެ ޓީޒާއެއް، ތާރީހެއް

މި އަހަރުގެ އެންމެ އުންމީދީ ފިލްމުތަކުގެ ތެރޭގައި ހިމެނޭ އަޔޫޝްމަން ކްރާނާގެ "ޑްރީމް ގާލް 2" ގެ ޓީޒާއަކާ އެކީ ފިލްމު ރިލީޒްކުރަން އާ ތާރީހެއް އިއުލާންކޮށްފި އެވެ.

ދެހާސް ނަވާރައިގައި ގެނެސްދިން ކާމިޔާބު ކޮމެޑީ "ޑްރީމް ގާލް" ގެ ސީކްއެލްގެ ސިނަމާތަކަށް ދޫކޮށްލަން ނިންމީ ޖުލައި 7 ގަ އެވެ. ކުރިން މި ފިލްމު ތާވަލުކޮށްފައި އޮތީ ޖޫން 23 އަށެވެ.

"ޑްރީމް ގާލް 2" ގެ ޓީޒާ އިން ފެންނަނީ އަޔޫޝްމަން އަންހެން ހެދިގެން ފަރިވާ ތަނެކެވެ. މި ފިލްމު ވެސް ލިޔެ، ޑައިރެކްޓްކުރީ ފުރަތަމަ ބައިގެ މޭސްތިރިޔާ ރާޖް ޝާންޑަލިއާ އެވެ. އެކްތާ ކަޕޫރް ޕްރޮޑިއުސްކުރި "ޑްރީމް ގާލް" ގައި ކިޔައި ދިނީ ވަޒީފާ ހޯދަން އުޅުނު ޒުވާނަކަށް ކޯލު ސެންޓަރެއްގައި އަންހެން އަޑުން ވާހަކަ ދައްކައިގެން އެ އަޑުގެ ޖާދޫގައި އެތައް ބަޔަކު ޖެހި، އެކަމާ ގުޅިގެން ހިނގާ ހެއްވާ މަޖާ ހާދިސާތަކެވެ.

"ޑްރީމް ގާލް 2" ގެ ޓީޒާ ގެނެސްދީފައި އޮތް ގޮތުން އަޔޫޝްމަން މި ފަހަރު އޭނަގެ "ޕޫޖާ" ގެ ކެރެކްޓާ މި ފަހަރު އޮތީ ހަ ފިލި މައްޗަށް އަރުވައިފަ އެވެ. އެހެންވެ ކުރީގެ ބަޔަށް ވުރެ ސީކްއެލް މަޖާ ވާނެ ކަމަށް ބެލެވެ އެވެ.

"ޑްރީމް ގާލް" ގެ ބަތަލާގެ ރޯލު ކުޅުނީ ނުޝްރަތު ބަރޫޗާ ކަމަށް ވިޔަސް، އާ ފިލްމުގެ ބަތަލާ އަކީ އަނަންޔާ ޕާންޑޭ އެވެ. މީގެ އިތުރު ކާސްޓުންގެ ތެރޭގައި ފުރަތަމަ ބައިގައި ވެސް ހިމެނުނު އައްނޫ ކަޕޫރާއި ވިޖޭ ރާޒާއި އަބީޝެކް ޗެޓަޖީ އާއި މަންޖޯތު ސިންގްގެ އިތުރުން ޕަރޭޝް ރާވަލާއި އާސްރާނީ އަދި ރާޖްޕަލް ޔާދަވް ހިމެނެ އެވެ.