ޕީޕީއެމް ހުޅުމާލެ ދާއިރާގެ ރައީސް އަބްދުއްސަމަދު އިންޑިއާގެ އިމިގްރޭޝަނުން ހިފެހެއްޓި މައްސަލައިގައި ރައްޔިތުންގެ މަޖިލީހަށް ހުށަހެޅި ކުއްލި މައްސަލަ ބަލައިނުގަނެ ބޭރުކޮށްލައިފިއެވެ.
އެ ކުއްލި މައްސަލަ ރައްޔިތުންގެ މަޖިލީހަށް ހުށަހަޅާފައިވަނީ ނައިފަރު ދާއިރާގެ މެންބަރު އަހުމަދު ޝިޔާމެވެ. ޝިޔާމްގެ ކުއްލި މައްސަލަ ބަލައިގަތުމަށް ފެންނަ ކަމަށް ވޯޓު ދެއްވީ 6 މެންބަރުންނެވެ. އަދި އެ ކުއްލި މައްސަަލަ ބަލައިގަތުމާ ދެކޮޅަށް 39 މެންބަރުން ވޯޓު ދެއްވިއެވެ.

ޝިޔާމް ހުށަހެޅި ކުއްލި މައްސަލައިގައި ބުނެފައިވަނީ، ރާއްޖޭގެ ސިޔާދަތު އޮތް ސަރަހައްދުގައި ރާއްޖޭގެ ޤާނޫނުއަސާސީގެ ދަށުން ލިބިދޭ ހިޔާލުފާޅުކުރުމުގެ މިނިވަންކަމާއި އެއްވެ އުޅުމުގެ މިނިވަންކަން ބޭނުންކޮށްގެން ފާޅުކުރާ ހިޔާލަކާ ގުޅިގެން އެމީހުންނާމެދު ނަހަމަ ގޮތެއްގައި ބައެއް ބޭރު ގައުމުތަކުން ފިޔަވަޅުއަޅަމުންދާ ދިއުމާމެދު ކަންބޮޑުވާ ކަމަށެވެ.
".. އެފަދައިން ދިވެހިންނާމެދު ފިޔަވަޅު އަޅާއިރު، ދިވެހި ރައްޔިތުންގެ ހައްގުތައް ކަށަވަރުކޮށް ދިވެހިންގެ ރައްކާތެރިކަން ޔަގީންކުރުމަށް ފިޔަވަޅުތަކެއް ނޭޅުމަކީ، ރާއްޖޭގެ ސަރަހައްދުގެ އެތެރޭގެއާއި އެ ސަރަހައްދުން ބޭރުގައި ދިވެހިންގެ މިނިވަންކަމާއި ރައްކާތެރިކަން ކަށަވަރުކޮށްދިނުމަށް ދިވެހި ޖުމުހޫރިއްޔާގެ ޤާނޫނުއަސާސީން ދިވެހި ދައުލަތަށް މަތިކޮށްފައިވާ ދުސްތޫރީ އަދި އަޚުލާޤީ ޒިންމާއަށް ހިޔާނާތްތެރިވުންކަމަށް ދެކޭ ހިނދު .." ޝިޔާމްގެ ކުއްލި މައްސަލައިގައިވެއެވެ.
ޝިޔާމްގެ ކުއްލި މައްސަލައިގައި ބުނެފައިވަނީ މިފަދަ ހައްސާސް ކަންކަމުގައި ޑިޕްލޮމެޓިކް އުސޫލުތަކުގެ ތެރެއިން އަޅަންޖެހޭ ފިޔަވަޅުތައް އަޅައި، ކޮންމެ ފަސްގަނޑެއްގައި ތިއްބަސް ދިވެހިނަށްވީތީ ދިވެހި ދައުލަތުން ފޯރުކޮށްދޭންޖެހޭ ރައްކާތެރިކަން ތަފާތުކުރުމެއް ނެތި ހުރިހާ ދުވެހިންނަށް ލިބޭނޭ މަގުން އަމަލުކުރުމަށް ދިވެހި ސަރުކާރަށް ގޮވާލާ ކަމަށެވެ.