މި އަހަރު ބާއްވާ ރިޔާސީ އިންތިހާބުގައި ފާރިސް މައުމޫން ވާދަކުރަން ތާއީދުކޮށް ސޯޝަލް މީޑިއާގައި ކެމްޕޭން ފަށައިފި އެވެ.
"ފާރިސް 2023" ގެ ނަމުގައި ހަދާފައިވާ ޓްވިޓާ އެކައުންޓަކުން އަންނަނީ ފާރިސް އަކީ ވެރިކަމަށް ވަޑައިގަންނަވަން ވަރަށް އެކަށީގެންވާ ބޭފުޅެއް ބުނެ، އޭނައާ ގުޅުން ހުރި އެކި ކަހަލަ ޕޯސްޓްތައް ކުރަމުންނެވެ.
ފާރިސް އަކީ ރާއްޖޭގައި 30 އަހަރު ވެރިކަން ކުރެއްވި މައުމޫން އަބްދުލް ގައްޔޫމްގެ ދަރިކަލެކެވެ. އަދި މައުމޫން އިސްވެ ހުންނަވައި ހިންގަވާ، މޯލްޑިވްސް ރިފޯމް މޫވްމަންޓް (އެމްއާރްއެމް) ގައި ވެސް ފާރިސް އަކީ ވަރަށް އިސްކޮށް މަސައްކަތްކުރައްވަމުން ގެންދަވާ ބޭފުޅެކެވެ. ފާރިސް އަކީ މައުމޫން ހަތަރު ބޭފުޅުންގެ ތެރެއިން ބައްޕާފުޅުގެ ޕާޓީއާ އެކީ މަސައްކަތްކުރައްވާ އެއް ބޭފުޅެވެ. އަނެއް ބޭފުޅަކީ އާޓްސް މިނިސްޓަރުގެ މަގާމުގައި ހުންނެވި ޔުމްނާ މައުމޫނެވެ.
#Faris2023 pic.twitter.com/cIW9jlFBAd
— Faris 2023 (@Faris2023_) February 11, 2023
ކުރީގެ ފޮރިން މިނިސްޓަރު ދުންޔާ މައުމޫނަކީ ކާނަލް މުހައްމަދު ނާޒިމްގެ ޕާޓީ، މޯލްޑިވް ނެޝަނަލް ޕާޓީ (އެމްއެންޕީ) ގެ މެމްބަރެކެވެ. މެމްބަރު ގައްސާން މައުމޫނަކީ މައުމޫނާ އެއްބަފާ ކޮއްކޯފުޅު ކުރީގެ ރައީސް އަބްދުﷲ ޔާމީންގެ ޕާޓީގެ ޕީޕީއެމްގެ މެމްބަރެކެވެ.
މިފަހަރު ފާރިސް! މި ގައުމަށް އެންމެ ފައިދާހުރި ޗޮއިސް!#Faris2023
— MRM Supporters (@TeamMRM_) February 13, 2023
މި އަހަރުގެ ރިޔާސީ އިންތިހާބުގައި ފާރިސް ވާދަކުރަން ގޮވާލައި ކެމްޕޭނެއް ހިންގަމުން ދިޔަ ނަމަވެސް، ވެރިކަމަށް ވަޑައިގެންނެވުމުގެ އެއްވެސް ވާހަކައެއް މިހާތަނަށް ފާރިސް ދައްކަވައިފައެއް ނުވެ އެވެ. އަދި އޭނަ އަކީ ސިޔާސީ މަސައްކަތްތަކުގައި މި ފަހުން އެހާ ބޮޑަށް ފެންނަ ބޭފުޅެއް ވެސް ނޫނެވެ.
ނާއިންސާފާއި އަނިޔާގެ ކުރިމަތީގައި, ސާބިތުކަމާއެކު ކެރިގެން ހުންނެވި. ރައްޔިތުންގެ ހައްޤުގައި, ނުހައްގުން ޖަލުގައި ހުންނެވި. ބޭއިންސާފު ހުކުމަކަށް ފަރުވާލެއް ނުބަހައްޓަވާ ޤައުމުގެ މުސްތަގުބަލާއި މާދަމާގެ ޖީލުތަކުގެ ހައްޤުގައި ފާރިސް ހުންނެވި. #Faris2023 @FarisFP2023 @TeamMRM_ pic.twitter.com/iqQg2Pf9il
— Faris 2023 (@Faris2023_) February 13, 2023
އެކަމަކު ޔާމީންގެ ވެރިކަމުގައި މައުމޫން ހައްޔަރުކުރެއްވުން ފަދަ ކަންކަމާ ގުޅިގެން ފާރިސް ސިޔާސީ ކަންކަމުގައި ވަރަށް ބޮޑަށް އުޅުއްވި އެވެ.
ރައްޔިތުންނާއި ޤައުމުގެ ހައްޤުގައި ކެރިގެން ހުންނާނެކަން ފާރިސް ވަނީ ދައްކައިދީފަ. ޑާޓީ ޕޮލިޓިކްސްއާ ނުލާވެސް ރައްޔިތުންގެ ލޯތްބާއި އިހުތިރާމު ހޯދޭނެކަން ފާރިސް ދެއްކި! މިފަހަރުގެ ޗޮއިސްއަކީ ފާރިސް!#ފާރިސްސަޅިވާނެ @FarisFP2023 @MRM_Office pic.twitter.com/Bud4bb9vv9
— Faris 2023 (@Faris2023_) February 12, 2023
މި އަހަރުގެ ރިޔާސީ އިންތިހާބުގައި ވާދަކުރައްވަން ރަސްމީކޮށް ނިންމެވި ބޭފުޅުންނަކީ މިހާރުގެ ރައީސް އިބްރާހީމް މުހައްމަދު ސޯލިހާއި ޖަލު ހުކުމެއްގައި ހުންނެވި ކުރީގެ ރައީސް ޔާމީނާއި އެމްޑީއޭގެ ލީޑަރު އަހުމަދު ސިޔާމް މުހައްމަދު (ސަން ސިޔާމު) ގެ އިތުރުން ކުރީގެ ހޯމް މިނިސްޓަރު އުމަރު ނަސީރެވެ.
މި އަހަރުގެ ރިޔާސީ އިންތިހާބު އޮންނާނީ ސެޕްޓެމްބަރު 9 ގަ އެވެ.