ހުޅަނގުގެ އެކިއެކި ހަފުލާތަކުން މަޝްހޫރު މީސްމީހުން ފާޑުފާޑަށް ހެދުން އަޅާ ތަން އާންމުކޮށް ފެންނާނެ އެވެ. އެގޮތުން އެތައް ހަފުލާއެއްގައި މަޝްހޫރު އެތައް ފަންނާނުންގެ އާދަޔާހިލާފު ހެދުންތަކުގެ ވާހަކަ މީޑިއާތަކުގެ ފަލަ ސުރުހީތަކަށް ވެސް އަރަ އެވެ.
މި ފަހަރު ވެސް މިއޮތީ މިަފަދަ ހެދުމެއްގެ ވާހަކަ އެވެ. އިނގިރޭސިވިލާތުގެ ލަވަކިޔުންތެރިޔާ ސޭމް ސުމިތުގެ ކަޅު ކުލައިގެ ،ި "ރަބަރު" ހެދުމަކީ މިދިޔަ ބުރާސްފަތި ދުވަހުގެ ރޭ ބޭއްވި މި އަހަރުގެ ބްރިޓްސް އެވޯޑް ހަފުލާގެ ރެޑް ކާޕެޓްގައި ބޭނުން ކުރި ހެދުމެވެ. މީޑިއާތަކުން ބުނީ "ޖިންސް އޮޅުންބޮޅުންކޮށްގެން" އުޅޭ ލަވަކިޔުންތެރިޔާ ލައިގެން ހުރީ "އިންފްލެޓަބަލް ލޭޓެކްސް ޖަމްޕްސޫޓެއް" ކަމަށެވެ.
އެކަމަކު "ފެޝަން ނުދަންނަ" އާދައިގެ މީހަކަށް އެ ހެދުމައި ސޭމް ފެނިއްޖެ ނަމަ ބުނާނީ މިހެން ކަމަށް ވެދާނެ އެވެ؛ މިއީ ކޮން ކުކުޅެއް ހެއްޔެވެ؟ އެހެންޏާ އެ ހެދުން ވައްތަރީ ނޮޅާފައި އޮތް ކުކުޅަކާ ނޫން ހެއްޔެވެ؟
ކޮންމެއަކަސް ސޭމްގެ މި ހެދުން މި ފަހަރު ބްރިޓްސް އެވޯޑްގައި އެންމެ ބޮޑު ސަމާލު ކަމެއް ލިބުނު އެއް ހެދުމަށެވެ. އެ ހަފުލާގެ ރެޑް ކާޕެޓްގައި ބަޔަކު އަންތަރީސްވާ ވަރުގެ އެތައް ފެޝަނެއް ފެނިގެން ގޮސްފައިވެ އެވެ.
އަނެއްކާ އަހަރެމެންގެ ތެރެއިން ފަންނާނަކު ސޭމްގެ ހެދުން ކޮޕީ ނުކުރިއްޔާ ދެރަ އެވެ.