ލ. އަތޮޅު ބޮޑުފިނޮޅުގައި ޓޫރިޒަމް ޓްރެއިނިން ރިސޯޓެއްގެ ގޮތުގައި ތަރައްގީ ކުރުމުގެ މަޝްރޫއު ކުރިއަށް ނުގެންދާތީ އެ ރަށް އަތުލާ ހިސާބަށް ގޮސްފައިވާ ކަމަށް ޓޫރިޒަމް މިނިސްޓަރު އަބްދުﷲ މައުސޫމް ވިދާޅުވެއްޖެއެވެ.
ރައްޔިތުންގެ މަޖިލީހުގެ މިއަދުގެ ޖަލްސާގައި ގަމު ދާއިރާގެ މެންބަރު މުހައްމަދު ވިސާމް ވަނީ ލ. ބޮޑުފިނޮޅު ތަރައްގީ ކުރަން ހަވާލުކޮށްފައިވާ ކުންފުނިން އެ މަސައްކަތް ކުރިއަށް ގެންދާނެތޯ ސުވާލު ކޮށްފައެވެ. އަދި އެ މަސައްކަތް ކުރިއަށްނުދާނަމަ އެ ރަށް ތަރައްގީ ކުރުމަށް އެހެން ފަރާތަކަށް ހަވާލު ކުރުމަށް ކުރާ މަސައްކަތަކީ ކޮބައިތޯ ސުވާލު ކޮށްފައިވެއެވެ.
އެ ސުވާލަށް ޖަވާބު ދެއްވަމުން މިނިސްޓަރު މައުސޫމް ވިދާޅުވީ ބޮޑުފިނޮޅުގެ މައްސަލައަކީ ސަރުކާރުން ހައްލެއް ހޯދުމަށް ބޭނުންވާ މައްސަލައެއް ކަމަށެވެ. އެ މައްސަލައަށް އަދިވެސް ހައްލެއް ނުލިބި އޮތްކަން ފާހަގަކޮށް މިނިސްޓަރު މައުސޫމް ވިދާޅުވީ ބޮޑުފިނޮޅާއި ލ. އަތޮޅުން ދީފައިވާ ބިންތައް ޕްރިމިއާ އިކުއިޓީ ކުންފުންޏަށް ތަރައްގީ ކުރެވިދާނެ ކަމަށް އެ އަތޮޅުގެ މެންބަރުން އަދި ކައުންސިލް މެންބަރުންވެސް ގަބޫލުނުކުރާ ކަމަށެވެ.
އެ ރަށްތައް ތަރައްގީ ނުކުރެވޭ މައްސަލަ ކޯޓަށް ހުށަހަޅާފައިވާ ކަމަށާއި، އަވަސް ހައްލެއް ހޯދުމަށް ކޯޓުން ބޭރުން މަޝްވަރާ ކުރެވެމުންދާ ކަމަށްވެސް މިނިސްޓަރު މައުސޫމް ވިދާޅުވިއެވެ. އަދި ބަދަލުގެ ގޮތުގައި ޕްރިމިއާ އިކުއިޓީން ހުށަހަޅާ އަދަދާއި ސަރުކާރުން ހުށަހަޅާ އަދަދާމެދު އެއްބަސްނުވެވޭތީ އެ މައްސަލަ ކޯޓުން ބޭރުން ކާމިޔާބު ކުރެވިދާނެކަމާ މެދު މިހާރު ސުވާލު އުފެދިފައިވާ ކަމަށްވެސް ވިދާޅުވިއެވެ.
"އަޅުގަނޑުމެންނަށް ކުރެވުނު މަޝްވަރާތަކުގެ އަލީގައި، ތާށިވެފަ މިއޮތީ. ކުރިއަށް ނުކަނޑާ މިހާރަކު." މިނިސްޓަރު މައުސޫމް ވިދާޅުވިއެވެ.
ޕްރިމިއާ އެކްޓިވިޓީ ކުންފުނިން ދެއްކި 2.7 މިލިއަން ޑޮލަރު ބަދަލުގެ ގޮތުގައި ދޭ ގޮތަށް އަތުލުމަކީ ވިސްނާލަން ޖެހޭ ކަމެއް ކަމަށާއި އެހެންނަމަވެސް ރަށް އަތުލަންޖެހިއްޖެނަމަ އަތު ލާނެ ކަމަށް މިނިސްޓަރު ވިދާޅުވިއެވެ.
މައުސޫމް ވިދާޅުވީ އެ ރަށް ތަރައްގީ ނުކުރެވުނު ކަމަށާއި މިހާރު އޮތީ ދޭންޖެހޭ ބަދަލެއް ދީފައިވެސް އެ ރަށް އަތުލަންޖެހޭ ހިސާބަށް ގޮސްފައިކަމަށެވެ.
2008 ވަނަ އަހަރު ތަރައްގީ ކުރުމަށް ހަވާލުކުރި ބޮޑުފިނޮޅު ތަރައްގީ ނުކުރެވި 13 އަހަރު ވެފައިވާއިރު އެކަމުގެ ޝަކުވާ ވަނީ ބޮޑުވެފައެވެ.