ރާއްޖެއަށް މަސްތުވާތަކެތި އެތެރެކުރަން އުޅުނު ބޭރު މީހަކު ފުލުހުންގެ ބެލުމުގެ ދަށަށް ގެންގޮސްފިއެވެ.
ފުލުހުން ބުނެފައިވަނީ ފުލުހުންގެ އިންޓެލިޖެންސަށް ލިބުނު މައުލޫމާތަކާ ގުޅިގެން އިމިގްރޭޝަނާއި ކަސްޓަމްސްގެ އެހީތެރިކަމާއެކު ރާއްޖެއަށް މަސްތުވާތަކެތި އެތެރެކުރަން އުޅުނު މީހަކު ފުލުހުންގެ ބެލުމުގެ ދަށަށް ގެންގޮސްފައިވާ ކަމަށެވެ.
އެގޮތުން ފުލުހުންގެ ބެލުމުގެ ދަށަށް ގެންގޮސްފައިވަނީ ލަޓްވިއާއަށް ނިސްބަތްވާ އުމުރުން 49 އަހަރުގެ ފިރިހެނެކެވެ. ފުލުހުން ބުނެފައިވަނީ އޭނާ ދިރުވާލައިގެން ގެނެސްފައިވާ މަސްތުވާތަކެތި ނެގުމުގެ މަސައްކަތް ކުރަމުން އަންނަ ކަމަށެވެ.
ރާއްޖެއަށް މަސްތުވާތަކެތި އެތެރެކުރާ ބިދޭސީންގެ އަތުން މަސްތުވާތަކެތި އަތުލުމަށްފަހު އެމީހުން ފޮނުވާލާ މައްސަލައިގައި މިފަހުން ސަރުކާރަށް ނުހަނު ބޮޑަށް ފާޑުކިޔުން އަމާޒުވިއެވެ. އެގޮތުން ރައްޔިތުންގެ މަޖިލީހަށް އެކަމުގައި މައްސަލައެއް ހުށަހެޅިއިރު، މެންބަރުން ބުނެފައިވަނީ އެގޮތަށް އަމަލުކުރެވޭ ގޮތަށް ހަދާފައިވާ ގަވައިދަކީ މަސްތުވާތަކެއްޗާ ބެހޭ ޤާނޫނުގެ ބާރު ކަނޑުވާލުމަށްފަހު ހަދާފައިވާ ގަވައިދެއް ކަމަށެވެ.