ރިޔާސީ އިންތިހާބުތަކުން އަބަދުވެސް ކާމިޔާބު ލިބިފައި ހުރީ ޖުމްހޫރީ ޕާޓީގެ ލީޑަރު ގާސިމް އިބްރާހިމް އަރާ ކޮޅެއް ކަމަށް އެ ޕާޓީގެ ލީޑަޝިޕުން ބުނެފި އެވެ.
ޖޭޕީގެ ކޮންގްރެސްއާ ގުޅޭ ގޮތުން މައުލޫމާތު ދިނުމަށް މިއަދު ކުނޫޒްގައި ބޭއްވި ނޫސްވެރިންގެ ބައްދަލުވުމެއްގައި ވާހަކަދައްކަވަމުން ރައްޔިތުންގެ މަޖިލީހުގެ ވިލުފުށި ދާއިރާގެ ކުރީގެ މެންބަރު ރިޔާޒު ރަޝީދު ވިދާޅުވީ 2013 ވަނަ އަހަރު ޕީޕީއެމް އަށް ވެރިކަން ލިބުނީ ގާސިމް ކޯލިޝަން ހެދުމުން ކަމަށާއި އަދި 2018 ވަނަ އަހަރުގެ އިންތިހާބު ވެސް ދިޔައީ ހަމަ އެގޮތަށް ކަމަށެވެ.
"ގާސިމް އިބްރާހިމް ދެއްތޯ މި ނިންމަވަނީ. އެމަނިކުފާނު އަރުއްވާ ކޮޅަކަށް މިހާތަނަށް އިންތިހާބުތައް ކާމިޔާބު ކުރެވިފައި ހުރީ." ރިޔާޒު ވިދާޅުވި އެވެ.
ގާސިމް ނިންމެވުންތައް ނިންމަވަނީ ބަޔަކު ޕްރެޝަރުކޮށްގެން ނޫން ކަމަށާއި ކޮންމެ ނިންމުމެއް ކޮންމެ ގޮތެއް ނިންމެވި ނަމަވެސް ހުންނަވާނީ ގާސިމާއެކު ކަމަށް ރިޔާޒު ވިދާޅުވި އެވެ.
"ގާސިމް އަރިހުގައި ގާސިމު ނިންމި ގޮތަކަށް އަޅުގަނޑުމެން ގާސިމްއާއި އެކު މިހުރީ. އެމަނިކުފާނު ނިންމެވީ މާދަމާ ކޮން ޕާޓީއަކާއެކު ދާންތޯ ނުވަތަ އަމިއްލައަށް ނިކުންނަވަންތޯ ނޫނީ ޕާޓީއާއިއެކު އަނެއްކާވެސް ދާންތޯ. އަޅުގަނޑުމެން ތިބޭނީ އެމަނިކުފާނާ އެކު." ރިޔާޒު ވިދާޅުވި އެވެ.
ރައްޔިތުންގެ މަޖިލީހުގެ ކެލާ ދާއިރާގެ ކުރީގެ މެންބަރު އަދި ޖޭޕީގެ ސެކްރެޓަރީ ޖެނަރަލް އަލީ އާރިފް ވިދާޅުވީ ކުރިއަށް އޮތް ރިޔާސީ އިންތިހާބުގައި ޕީޕީއެމްއާއެކު ކުރިއަށްދާން ގާސިމް ނިންމަވައިފިނަމަ އެ ޕާޓީއާ އެކު ވެސް ކުރިއަށް ދާނެ ކަމަށާއި އެމްޑީޕީއާއި އެކު ކުރިއަށްް ވަޑައިގަތުމަށް ނިންމަވައިފިނަމަ އެ ޕާޓީއާ އެކުވެސް ކުރިއަށް ދާނެ ކަމަށެވެ.
"އިހަށް ދުވަހުވެސް ދިޔައިންތާ. މިދިޔަ އަހަރު ފެބްރުއަރީ މަހު އަޅުގަނޑުމެން ކޮމަންޑޫ ދާއިރާއަށް ގޮއްސަ އެމްޑީޕީއަށް ގޮނޑިއެއް ހޯދައިދިނިން." އާރިފް ވިދާޅުވި އެވެ.
ޖޭޕީގެ ކޮންގްރެސް ކުރިއަށްގެންދާނި މި މަހުގެ 24 އިން 25 އަށެވެ. ކޮންގްރެސްގައި އަންނަ ސެޕްޓެމްބަރު މަހު ބާއްވަން ހަމަޖައްސާފައިވާ ރިޔާސީ އިންތިހާބުގައި އެ ޕާޓީން އަމަލުކުރާނެ ގޮތެއް ނިންމާނެ އެވެ.
ޖޭޕީން ވަނީ ރިޔާސީ އިންތިހާބަށް އެ ޕާޓީން ކެންޑިޑޭޓަކު ދައްކާނެ ކަމަށް މީގެ ކުރިން ބުނެފަ އެވެ.