Last Updated: July 22, 13:36
Wednesday, July 22, 2026
ދުނިޔެ

ބީބީސީގެ އިންޑިއާގެ އޮފީސްތައް ފާސްކުރަނީ

އިންޑިއާގައި ހުންނަ ބީބީސީގެ އޮފީސްތައް އެ ގައުމުގެ ޓެކްސް އިދާރާ އިން މިއަދު ފާސްކުރަން ފަށައިފި އެވެ.

މިކަމާ ގުޅިގެން އިނގިރޭސިވިލާތުގެ ބީބީސީ ނެޓްވޯކުން ނެރުނު ކުރު ބަޔާނެއްގައި ބުނީ އޮފީސްތައް ފާސްކުރި ނަމަވެސް ކަންބޮޑުނުވާ ކަމަށާއި އެކަމަށް ދޭން ޖެހޭ ހުރިހާ އެއްބާރުލުމެއް ވެސް ދޭނެ ކަމަށެވެ.

"އަދި މިކަމަށް އަވަސް ހައްލެއް އަންނާނެ ކަމަށް ވެސް އުންމީދުކުރަން." ބީބީސީން ބުންޏެވެ.

އެ ނެޓްވޯކްގެ އިންޑިއާގެ އޮފީސްތައް ފާސްކުރަން ކުރަން ފަށާފައި މި ވަނީ އިންޑިއާގެ މިހާރުގެ ބޮޑުވަޒީރު ނަރެންދުރަ މޯދީއާ ގުޅޭ ގޮތުން މިދިޔަ މަހުގެ ތެރޭގައި ބީބީސީން ގެނެސްދިން ޑޮކިއުމަންޓަރީއެއްގެ މައްސަލާގައި އިންޑިއާ ސަރުކާރުން ބީބީސީ ދެކެ ރަތަށް އަރާފައި ވަނިކޮށެވެ.

މޯދީއާ ގުޅޭ ގޮތުން ގެނެސްދިން ޑޮކިއުމަންޓަރީގައި މައިގަނޑު ގޮތެއްގައި އަލިއަޅުފާފައި ވަނީ އޭނަ ގުޖުރާތުގެ ޗީފް މިނިސްޓަރަކަށް ހުންނެވި ދުވަސްވަރު 2002 ގައި މުސްލިމުންމާ ދެކޮޅަށް ހިންގި ޖަރީމާތަކަށެވެ. މި ޑޮކިއުމަންޓްރީގެ އިންޑިއާގައި ދެއްކުން މަނާކުރަން ވެސް ސަރުކާރުން މަސައްކަތްކޮށްފައިވެ އެވެ.

ބީބީސީގެ އިންޑިއާގެ ޓެކްސް އޮތޯރިޓީގެ އޮފިޝަލުން ވަދެ ފާސްކުރުން ފެށުމާ ގުޅިގެން އެޑިޓާސް ގިލްޑް އޮފް އިންޑިއާ އިން ކަންބޮޑުވުން ފާޅުކޮށް މިއީ މީޑިއާތަކަށް ބިރުދެއްކުމުގެ އަމަލެއްގެ ގޮތުގައި ސިފަކޮށްފައިވެ އެވެ.