Last Updated: June 8, 21:45
Monday, June 8, 2026
ޚަބަރު

އަހަރު ފެށުނު ފަހުން އެއްވަނަ މާކެޓަކީ ރަޝިއާ

މިދިޔަ މަހު ވެސް ރާއްޖެ އަށް އެންމެ ގިނަ ޓޫރިސްޓުން ޒިޔާރަތްކުރީ ރަޝިއާ އިން ކަމަށް ތަފާސްހިސާބުތަކުން ދައްކައިފި އެވެ.

އިމިގްރޭޝަނުން އާންމުކޮށްފައިވާ ތަފާސް ހިސާބުތައް ދައްކާގޮތުން، މިދިޔަ މަހު ރަޝިއާ އިން 23،180 ޓޫރިސްޓުން ޒިޔާރަތްކޮށްފައިވެއެވެ. މި އަހަރު ފެށުނު ފަހުން ރާއްޖެ އެންމެ ގިނަ ޓޫރިސްޓުން އަންނަނީ ވެސް އެ ގައުމުންނެވެ.

މިހާރު ދެވަނަގައި އޮތް އިންޑިއާ އިން މި މަހުގެ މިހާތަނަށް 18،612 ޓޫރިސްޓުން އައިސްފައިވެ އެވެ. އިންޑިއާ އަކީ މިދިޔަ އަހަރު ރާއްޖޭގެ އެއްވަނަ މާކެޓެވެ.

ކޮވިޑާ ގުޅިގެން ޗައިނާ މާކެޓް މިދިޔަ ތިން އަހަރު ބަންދުވި ނަމަވެސް، މި އަހަރު ޗައިނާގެ ދަތުރުތައް ފެށުމާ އެކު ގަދަ 10 އަށް އަރައި އެ ގައުމު މިހާރު އޮތީ ޓޮޕް 10 މާކެޓްގެ 8 ވަނައިގަ އެވެ. އެއީ މާކެޓް ޝެއާގައި 3.4 ޕަސެންޓާ އެކީގަ އެވެ. ރާއްޖޭގެ ޓޮޕް 10 މާކެޓްގެ ތިން ވަނައިގައި މިހާރު އޮތީ އިޓަލީ އެވެ. އެ ލިސްޓްގައި ދެން ހިމެނެނީ އިނގިރޭސިވިލާތް، ޖަރުމަން، އެމެރިކާ، ފްރާންސް، ޗައިނާ، ސްވިޓްޒަލޭންޑް އަދި ޕޮލޭންޑެވެ.

މިދިޔަ މަހު ޖުމްލަ 172،499 ޓޫރިސްޓުން ރާއްޖެ އަށް ޒިޔާރަތް ކުރިއިރު މިއީ 2022 ވަނަ އަހަރު ޖެނުއަރީ މަހާ އަޅާބަލާ އިރު 30.9 ޕަސެންޓްގެ އިތުރުވުމެކެވެ.

ސަރުކާރުގެ އަމާޒަކީ އަހަރު ނިމުމުގެ ކުރިން ޖުމްލަ 1.8 މިލިއަން ޓޫރިސްޓުން ރާއްޖެ ގެނައުމެވެ.