Last Updated: July 16, 13:57
Thursday, July 16, 2026
ކުޅިވަރު

ބަޔާނުން ޕީއެސްޖީ ބަލިކޮށްފި

ޔުއެފާ ޗެމްޕިއަންސް ލީގުގެ ގަދަ 16 ބުރުގެ ފުރަތަމަ ލެގުގައި ބަޔާން މިއުނިކުން ރަށުން ބޭރުގައި ރޭ 1-0 އިން ޕީއެސްޖީ ބަލިކޮށްފި އެވެ.

މި ނަތީޖާތަކާ އެކު ކުއާޓާ އަށް ދިޔުމަށް ބަޔާނަށް މިހާރު ވަނީ އުއްމީދު ބޮޑުވެފަ އެވެ. އެގޮތުން އަންނަ މަހު އަށް ވަނަ ދުވަހު ކުޅޭ ދެ ވަނަ ލެގުގެ މެޗު އެއްވަރުކޮށްލައިގެން ވެސް ބަޔާނަށް ކުއާޓާ އަށް ދެވޭނެ އެވެ.

ޕީއެސްޖީ ދަނޑުގައި ރޭ ކުޅުނު މެޗުގައި ބަޔާނުން ޖެހި ހަމައެކަނި ލަނޑު ކާމިޔާބުކުރީ 53 ވަނަ މިނިޓްގައި ކިންގްސްލީ ކޯމަން އެވެ. މިއީ އަލްފަންސޯ ޑޭވިސް ނެގި ހުރަހަކުން އޭރިއާތެރެއިން ކޯމަން އެއް ފަހަރުން ގޯލަށް ފޮނުވާލައިގެން ޖެހި ގޯލެެކެވެ.

ލީޑުފުޅާކުރަން ބަޔާނަށް ގިނަ ފުރުސަތުތަކެއް ލިބުނުއިރު ދެވަނަ ހާފްގައި ބެންޗުން އަރައި ކިލިއަން އެމްބާޕޭ ވަނީ ޕީއެސްޖީ އަށް ލަނޑެއް ޖަހައިދީފަ އެވެ. ނަމަވެސް ޕީއެސްޖީގެ ފުލްބެކް، ނޫނޯ މެންޑޭޒް ނަގައިިދިން ހުރަހަކުން އެމްބާޕޭ ޖެހި މި ގޯލު ބަލައިނުގަންނަން ނިންމީ ވީޑިއޯ އެސިސްޓަންޓް ރެފްރީ (ވީއޭއާރް) އިން ބެލިއިރު މެންޑޭޒް އޮފްސައިޑްގައި ހުރުމުންނެވެ.

މެޗުގެ އިތުރު ވަގުތުގައި މެސީ އަށް ކުރި ފައުލަކާ ގުޅިގެން ބަޔާންގެ ޑިފެންޑަރު ބެންޖަމިން ޕަވާޑަށް ދެ ވަނަ ރީނދޫ ކާޑާ އެކު ވަނީ ރަތް ކާޑު ދައްކާފަ އެވެ.

ޗެމްޕިއަންސް ލީގުގެ ގަދަ 16 ބުރުގެ ފުރަތަމަ ލެގުގައި ރޭ އޭސީ މިލާނުން ވަނީ 1-0 އިން ޓޮޓެންހަމް ބަލިކޮށްފަ އެވެ. މި މެޗުގެ ހަމައެކަނި ގޯލު މިލާނަށް މެޗުގެ ހަތް ވަނަ މިނެޓްގައި ކާމިޔާބުކޮށްދިނީ ބްރާހިމް ޑިއާޒް އެވެ.