Last Updated: July 22, 13:36
Wednesday, July 22, 2026
ދުނިޔެ

ބިންހެލުމުގެ މަރުތައް 41،000 އަށް

ތުރުކީ އަދި ސީރިއާ ގުޅޭ ބޯޑަރު ސަރަހައްދަށް އައި ބިންހެލުމުގައި މިހާތަނަށް 41،000 އަށް ވުރެ ގިނަ މީހުން މަރުވެފައިވާ ކަމަށް ބޭރުގެ ރިޕޯޓުތައް ބުނެފި އެވެ.

މިދިޔަ ހަފްތާގެ ހޯމަ ދުވަހު 7.8 ގެ ބާރުމިނުގައި އައި މި ބިންހެލުމުގައި ތުރުކީން މަރުވި މީހުންގެ އަދަދު ވަނީ 35،418 އަށް އަރާފަ އެވެ. އަދި ސީރިޔާ އިން ވަނީ 5،800 މީހަކު މަރުވެފަ އެވެ.

ބިންހެލުމާ ގުޅިގެން މަރުވި މީހުންގެ އަދަދު މިއަށް ވުރެ ވެސް އިތުރުވުމަކީ އެކަށީގެންވާ ކަމެއް ކަމަށް ރިޕޯޓުތައް ބުނެ އެވެ. އެގޮތުން ބިންހެލުމާ ގުޅިގެން ގިނަ އިމާރާތްތަކެއް ބިމާ ހަމަވެފައިވާއިރު، އިމާރާތްތަކުގެ ދަށުގައި ތާށިވެފައި މީހުން ސަލާމަތް ކުރުމަށް ކަމާބެހޭ ފަރާތްތަކުން އަންނަނީ ހުއްޓުމެއް ނެތި މަސައްކަތް ކުރަމުންނެވެ. އެގޮތުން މިހާތަނަށް އިމާރާތްތަކުގެ ދަށުން 8،000 މީހުން ވަނީ ދިރި ތިއްބާ ސަލާމަތްކޮށްފަ އެވެ.

ބިންހެލުމާ ގުޅިގެން ސީރިއާގެ 5.3 މިލިއަން މީހުންގެ ގެދޮރު ގެއްލިފައިވާއިރު ތުރުކީ އާއި ސީރިއާ އިން ޖުމްލަ 900،000 މީހުން ކާތަކެއްޗަށް ޖެހިފައިވާ ކަމަށް އ.ދ އިން ހާމަކުރެ އެވެ.

އެމެރިކާގެ ޖިއޮލޮޖިލަކް ސާވޭއިން ބުނީ މި ބިން ހެލުމަކީ 1939 ވަނަ އަހަރު ތުރުކީ އަށް އައި ބާރުގަދަ ބިންހެލުމެއްގައި 30،000 މީހުން މަރުވި ފަހުން އައި އެންމެ ބާރުގަދަ ބިންހެލުން ކަމަށެވެ.