ވަރަށް ބޮޑު މަގުބޫލު ކަމެއް ހޯދި ޑެންމާކް/ސްވިޑްންގެ ޓީވީ ސިލްސިލާ "ދަ ބްރިޖް" ގެ ހިންދީ ވާޝަނެއް ހަދަން ނިންމައިފި އެވެ.
މީގެ ރައިޓްސް ހޯދީ އެކްޓަރު ސައިފް އަލީ ޚާންގެ ފިލްމުގެ ކުންފުނި، ބްލެކް ނައިޓް ފިލްމްސް އާއި އެންޑެމޯލް ޝައިން އިންޑިއާ އެވެ. އެ ދެ ކުންފުނި ގުޅިގެން އިންޑިއާގެ އޯޑިއަންސަށް "ދަ ބްރިޖް" ގެނެސްދޭން ނިންމިކަން އިއުލާންކޮށްފައިވާ އިރު، މީގެ ލީޑް ރޯލު ކުޅޭނީ ވެސް ސައިފެވެ.
ބަތަލާ ކަރީނާ ކަޕޫރްގެ ފިރިމީހާ އަދި ބަތަލާ ސާރާ އަލީ ޚާންގެ ބައްޕަ ސައިފަކީ ކުރިން ވެސް ބޮލީވުޑްގެ ފިލްމުތަކުގެ ހަވާސާގެ ބޭރުން ޕްރޮޖެކްޓްތަކެއްގައި މަސައްކަތްކޮށްފައިވާ ތަރިއެކެވެ. އޭގެ ތެރޭގައި އޭނަ ނެޓްފްލިކްސް އަށް ކުޅުނު ސީރީޒް "ސެކްރެޑް ގޭމްސް" އާއި އެމެޒޯން ޕްރައިމް ވީޑިއޯ އަށް ކުޅުނު "ތަންޑާވް" ހިމެނެ އެވެ.
"ދަ ބްރިޖް" އަކީ 2011-2018 އަށް ގެނެސްދިން ސިލްސިލާއެކެވެ. މީގެ ކާމިޔާބީގެ ގުޅިގެން މި ސިލްސިލާގެ އެތައް ގައުމަކުން އެޑަޕްޓްކޮށްފައިވެ އެވެ. އޭގެ ތެރޭގައި އެމެރިކާ/މެކްސިކޯ، ޔޫކޭ/ފްރާންސް، ޖަރުމަން/އޮސްޓްރިއާ ސިންގަޕޫރް/މެލޭޝިއާ އަދި ރަޝިއާ އެސްޓޯނިއާ ހިމެނެ އެވެ.
"ދަ ބްރިޖް" އަކީ ހަތަރު ސީޒަނަކަށް ޖުމްލަ 38 އެޕިސޯޑަށް ގެނެސްދިން ސީރިއަލް ކްރައިމް ތުރިލާއެކެވެ. މީގެ މޭސްތިރި އަކީ ހޭންސް ރޮޒެންފެލްޓެވެ.
ސައިފް ބުނީ "ދަ ބްރިޖް" އަކީ ވަރަށް ޝައުގުވެރި ސިލްސިލާއެއް ކަމަށާއި މިފަދަ ޕްރޮޖެކްޓަކަށް އޭނަ އިންތިޒާރު ވެސް ކުރަމުން ދިޔަ ކަމަށެވެ. އެހެންވެ އިންޑިއާގެ އޯޑިއަންސްގެ ރަހަތަކާ އެއްގޮތަށް ފުރިހަމަ އުފެއްދުމެއް ގެނެސްދޭން މަސައްކަތްކުރާނެ ކަމަށް ބުންޏެވެ.
ނަމަވެސް "ދަ ބްރިޖް" ގެ ހިންދީ އެޑަޕްޓޭޝަން ޑައިރެކްޓްކުރާނެ މީހަކާއި މަސައްކަތް ފަށާނެ އިރެއް އަދި އިއުލާނެއް ނުކުރެ އެވެ.