Last Updated: June 23, 20:16
Tuesday, June 23, 2026
ޚަބަރު

ނައިބު ރައީސް ޖޭޕީން ވަކިވާން ގޮވާލައިފި

ނައިބު ރައީސްގެ މަގާމުގައި ހުންނެވި ފައިސަލް ނަސީމު ޖުމްހޫރީ ޕާޓީ (ޖޭޕީ) އިން ވަކިވެވަޑައިގަތުމަށް އެ ޕާޓީން ގޮވާލައިފި އެވެ.

މި މަހު ބާއްވަން ހަމަޖެހިފައިވާ ޖޭޕީގެ ކޮންގްރެސްއާ ގުޅޭ ގޮތުން އިއްޔެ ބޭއްވި ނޫސް ކޮންފަރެންސްގައި އެ ޕާޓީން ވަނީ ފައިސަލާ މެދި ހިތްހަމަނުޖެހުން ފާޅުކޮށްފަ އެވެ. އެގޮތުން މި އަހަރުގެ ރިޔާސީ އިންތިހާބުގައސި ވާދަކުރުމާ ގުޅޭ ގޮތުން އެ ޕާޓީން އަދި ނިންމުމެއް ނިންމާފައި ނުވަނީސް އެހެން ޕާޓީއެއްގެ ކެންޑިޑޭޓަކަށް ތާއީދު ކުރާ ނަމަ، އެ މީހަކު އެ ޕާޓީން އަމިއްލަ އަށް ވަކިވާން ޖެހޭ ކަމަށް ޖޭޕީގެ ކައުންސިލްގައި ހިމެނިވަޑައިގަންނަވާ، ރައްޔިތުންގެ މަޖިލީހުގެ ދަނގެތި ދާއިރާގެ ކުރީގެ މެންބަރު އިލްހާމް އަހުމަދު ވަނީ ވިދާޅުވެފަ އެވެ.

ޖޭޕީ އަށް މައްސަލައަކަށްވީ ފައިސަލް ނަސީމުގެ އިތުރުން ޖޭޕީ އަށް ނިސްބަތްވާ އެމްޓީސީސީގެ މެނޭޖިން ޑިރެކްޓަރު، އެމްޑީޕީގެ ރިޔާސީ ކެންޑިޑޭޓް އަދި މިހާރުގެ ރައީސް އިބްރާހީމް މުހައްމަދު ސޯލިހަށް ތާއީދުކުރެއްވުމެވެ.

އެހެންވެ އިލްހާމް ވަނީ ފައިސަލާއި އާޒިމް ވަނީ އެ ބޭފުޅުންނަށް ފާޑު ވިދާޅުވެފަ އެވެ. ރައީސް ސޯލިހަށް ތާއީދު ކުރައްވަން ނިންމަވާފައިވާތީ އެކަމަށް ފާޑުވިދާޅުވެ ވާހަކަ ދައްކަވާފަ އެވެ.

"އަޅުގަނޑު ގަބޫލު ކުރަނީ އެ ބޭފުޅުން އެފަދަ ވިސްނުންފުޅު ހުރިއްޔާ ޕާޓީ ދޫކޮށްލައްވާނެ ކަމަށް." އޭނާ ވިދާޅުވި އެވެ.

އިލްހާމް ވިދާޅުވީ "ސިޔާސީ ބޭފުޅުން އެހެން ޖައްސަވާ ސަކަ މިޒާޖުގެ ކަންތައްތަކަށް އަޅުގަނޑުމެން މާ ބޮޑު ފަރުވާލެއް ނުބަހައްޓަން" ކަމަށެވެ.

"ސީރިއަސް ކަމެއްކަމުގައި ވެއްޖެއްޔާ، އަޅުގަނޑު ގަބޫލުކުރަނީ، އިސްތިއުފާ ދެއްވަން ޖެހޭނެ ކަމަށް،" އޭނާ ވިދާޅުވި އެވެެ. "އިސްތިއުފާ ދެއްވާފައި އެކަން ކުރިއްޔާތާ ދޯ އާންމު އުސޫލަކީ، ރީތި ގޮތަކީ ވެސް އެއީ."

ޖޭޕީން މި އަހަރުގެ ރިޔާސީ އިންތިހާބުގައި ވާދަކުރުމާ މެދު މި މަހުގެ 24-25 ގައި ބާއްވާ ކޮންގްރެސްގައި ގޮތެއް ނިންމާނެ އެވެ. އެ ޕާޓީގެ ލީޑަރު ގާސިމް އިބްރާހީމް އިންތިހާބުގައި ވާދަކުރަން ޕާޓީގެ މެމްބަރުންތައް އަންނަނީ އެދެމުންނެވެ.