މަޝްހޫރު ބަތަލާ ޕްރިޔަންކާ ޗޯޕްޅާގެ ލޯބީގެ ފިލްމު "ލަވް އެގެއިން" ގެ ޕޯސްޓަރާއި ޓްރެއިލާ ވެސް އާންމުކޮށްފި އެވެ.
އަންނަ މެއި މަހުގެ 12 ގައި ރިލީޒްކުރާ ހޮލީވުޑްގެ މި ފިލްމަކީ ދުވަސްތަކެއް ފަހުން ލޯބީގެ ރޯލަކުން ހުނަރުވެރި ބަތަލާ ފެންނާނެ ފިލްމެކެވެ. ޓެފް ލައިނަކަށް "ޑެސްޓިނީ ހޭޒް އަ ޕްލޭން" ހިމަނާފައިވާ "ލަވް އެގެއިން" ގެ ބަތަލަކީ މަޝްހޫރު ސިލްސިލާ "ދި އައުޓްލޭންޑާ" ރޯލެއް ވެސް ކުޅެފައިވާ ސޭމް ހިއުގަން އެވެ. އޭނަ ކުޅުނު ފިލްމުތަކުގެ ތެރޭގައި 2018 ގެ "ދަ ސްޕައި ހޫ ޑަމްޕްޑް މީ" އާއި 2021 ގެ "ޓު އޮލީވިއާ" ހިމެނެ އެވެ.
ޖޭމްސް ސީ ސްޓްރައުސް ޑައިރެކްޓްކޮށްފައިވާ "ލަވް އެގެއިން" ގެ ރޯލަކުން 1997 ގެ "ޓައިޓޭނިކް" ގެ ތީމް ލަވަ "މައި ހާޓް ވިލް ގޯ އޮން" ކިޔައިގެން ބޮޑު މަޝްހޫރު ކަމެއް ލިބުނު ސެލީން ޑިއޯން ވެސް ހިމެނެ އެވެ. އަދި ފިލްމުގައި އޭނަގެ ލަވަތަކެއް ވެސް ހިމެނޭނެ އެވެ.
"ލަވް އެގެއިން" އަކީ ޖަރުމަންގެ 2016 ގެ ރޮމޭންޓިކް ކޮމެޑީ-ޑްރާމާ "ޓެކްސްޓް ފޯ ޔޫ" ގެ ރިމޭކެކެވެ.
ކާމިޔާބު އެތައް ފިލްމެއް ކުޅެފައިވާ އިންޑިއާ އަށް އފަން ޕްރިޔަންކާގެ އެންމެ ފަހުގެ ފިލްމަކީ މިދިޔަ އަހަރުގެ ޑިސެމްބަރުގައި ރިލީޒްކުރި މެޓްރިކްސް ރިސަރެކްޝަންސް" އެވެ. އޭނަގެ އެންމެ ފަހުގެ ހިންދީ ފިލްމަކީ 2019 ގެ "ދަ ސްކައި އިޒް ޕިންކް" އެވެ. މި އަހަރުގެ ތެރޭގައި ޕްރިޔަންކާ ޑައިރެކްޓަރު ފަރުހާން އަޚްތަރުގެ "ޖީ ލޭ ޒަރާ" ގެ ޝޫޓިން ފަށާނެ އެވެ. މި ރޯޑް ޓްރިޕް ފިލްމުގެ ކާސްޓްގައި އާލިއާ ބަޓާއި ކެޓްރީނާ ކައިފް ވެސް ހިމެނެ އެވެ.