މީގެ ތިން އަހަރެއްހާ ދުވަސް ކުރިން ކުރިމަތިލާން ޖެހުނު ކޮވިޑް ވަބާގެ ދަތިކަން ރައްޔިތުން ނަށް އެންމެ ކުޑަކޮށް އިހުސާސްވި ގައުމަކީ ރާއްޖެ ކަމަށް މަރަދޫ ދާއިރާގެ މަޖިލިސް މެމްބަރު އިބްރާހީމް ޝަރީފު (މަވޯޓާ) ވިދާޅުވެއްޖެ އެވެ.
އޭނަ މިއަދު ކުރެއްވި ޓްވީޓްތަކެއްގައި ވިދާޅުވީ ކޮވިޑްގެ ތެރޭގައި އިގުތިސާދު އެންމެ ބޮޑަށް ދަށަށް ދިޔަ ގައުމަކ ރާއްޖެ ކަމަށެވެ. ރާއްޖޭގެ އިގުތިސާދު ޓޫރިޒަމަށް ބަރޯސާވެފައި އޮތުމުން ކޮވިޑާ އެކު ދަތުރު ފަތުރު ހުއްޓި، ގައުމުތަކުގެ ބޯޑަރުތައް ބަންދުކުރުމުން ރާއްޖެ އަށް ޓޫރިސްޓުން އައުން އެއްކޮށް ހުއްޓި، ރިސޯޓްތައް ބަންދުކުރަން ޖެހުނެވެ.
"[އެކަމަކު] އަލުން އަނބުރާ އިގުތިސާދު ކޮޅަށް ޖަހައި ހަލުވި ބާރު މިނުގައި ކުރިއަށް ދާން ފެށި ގައުމަކީ ވެސް ރާއްޖެ." މަވޯޓާ ވިދާޅުވި އެވެ.
Iraadha fulhu kurevvyyaa @ibusolih dhevana dhaurakah rayyithun hovaane. Adhi rayyithunnah hama neyvaa laigen thavas adhi maa ufaaveri dhiri ulhumeh hoadheyne
— Ibrahim Shareef (@AdduShareef) February 15, 2023
އޭނަ ވިދާޅުވީ އިގުތިސާދު މިހާރު ކުރިއަރަމުން ދިޔަޔަސް ކުރިމަތީގައި ހުރި ގޮންޖެހުންތައް އަދިވެސް ގިނަ ކަމަށެވެ. އެގޮތުން މުޅި ދުނިޔެ އަށް ކުރިމަތިވެފައިވާ ތަކެތީގެ އަގުބޮޑުވުމުގެ ނޭދެވޭ އަސަރު ރާއްޖެ އަށް ދަނީ ކުރަމުން ކަމަށް ވިދާޅުވި އެވެ.
"ދުނިޔޭގެ މާލީ ބާޒާރު އަދިވެސް އޮތީ ހަލަބޮލި ކަމެއްގައި." މަވޯޓާ ވިދާޅުވި އެވެ.
އެހެންވެ ރާއްޖޭގެ މިހާރުގެ ހާލަތު އިތުރަށް ރަނގަޅުކުރުމަށްޓަކައި މިހާރުގެ ރައީސް އިބްރާހީމް މުހައްމަދު ސޯލިހަށް ދެވަނަ ދައުރެއް ދޭން ޖެހޭ ކަމަށް ވިދާޅުވި އެވެ. އޭނަ ވިދާޅުވި ރައްޔިތުން ބޭނުން ވަނީ ކުޑަ ރަށެއް، ބޮޑު ރަށެއް ތަފާތު ކުރުމެއް ނެތި ހުރިހާ ރައްޔިތުންނަށް ހެޔޮ ހޯއްދަވައި ދެއްވުމަށް މަސައްކަތް ކުރައްވާ ވެރިއެއް ކަމަށެވެ.
"ރައީސް ސޯލިހު ވަނީ އެ މަނިކުފާނަކީ އެފަދަ ލީޑަރެއްކަން ސާބިތުކޮށް ދެއްވާފައި،" މަވޯޓާ ވިދާޅުވި އެވެ. "ރައްޔިތުން ބޭނުން ވަނީ ދަތި އުނދަގޫ ނިންމެވުން ނިންމަވަން ޖެހޭ ހާލަތްތަކުގައު ވެސް އެކަން ކުރައްވައި ގައުމު ސަލާމަތް ކުރައްވާނެ ލީޑަރަކަށް."
އެހެންވެ ރައީސް ދެވަނަ ދައުރަކަށް މި އަހަރު ރިޔާސީ އިންތިހާބުގައި ހޮވޭނެ ކަމަށް ވެސް ވިދާޅުވި އެވެ.
Iraadha fulhu kurevvyyaa @ibusolih dhevana dhaurakah rayyithun hovaane. Adhi rayyithunnah hama neyvaa laigen thavas adhi maa ufaaveri dhiri ulhumeh hoadheyne
— Ibrahim Shareef (@AdduShareef) February 15, 2023
"ރައްޔިތުން ދެވަނަ ދައުރަކަށް ރައީސް ސޯލިހު ހޮވާނެ. އަދި ރައްޔިތުންނަށް ހަމަނޭވާ ލައިގެން މާ އުފާވެރި ދިރިއުޅުމެއް ހޯދޭނެ." މަވޯޓާ ވިދާޅުވި އެވެ.
މި އަހަރުގެ ރިޔާސީ އިންތިހާބު އޮންނާނީ ސެޕްޓެމްބަރު 9 ގަ އެވެ.
އެމްޑީޕީގެ ރިޔާސީ ޓިކެޓް ރައީސް ސޯލިހު މިދިޔަ ޕްރައިމަރީން ކާމިޔާބުކޮށްފައިވާތީ އެ މަނިކުފާނަށް އަންނަ ހުކުރު ދުވަހުގެ ރޭ ރަސްމީކޮށް ޓިކެޓް ހަވާލުކުރަން ވަނީ ނިންމައިފަ އެވެ.