މިހާރުގެ ރައީސް އިބްރާހީމް މުހައްމަދު ސޯލިހު ކޯލިޝަނަކާ އެކީ ރީތި ވެރިކަމެއް ދެމެހެއްޓުމުން ކުރީގެ ރައީސް މުހައްމަދު ނަޝީދަށް އެކަން ހަޖަމުނުކުރެއްވިގެން އުޅުއްވާ ކަމަށް ވިދާޅުވެ، ފޭދޫ ދާއިރާގެ މެމްބަރު ފާޑު ވިދާޅުވެއްޖެ އެވެ.
އޭނަ ވިދާޅުވީ ކޯލިޝަން ރޫޅައިލަން ރައީސަށް ނަޝީދު ލަފާ ވެސް ދެއްވި ކަމަށާއި އެކަން ރައީސް ގަބޫލު ވެސް ނުކުރެއްވި ކަމަށެވެ.
"ކޯލިޝަނާ އެކު ސުލްހަވެރި ރީތި ވެރިކަމެއް ދަމަހައްޓަން ފެށުމުން ހަޖަމުނުވެގެން ފުރަތަމަ ވެސް [ނަޝީދާއި ރައީސާ ދެމެދު] މައްސަލަ ޖެހުނީ،" ނަޝީދަށް އިޝާރާތްކުރައްވައި އެކަމަކު ނަން ނުގެނެސް ކުރެއްވި ޓްވީޓެއްގައި ނިހާދު ވިދާޅުވި އެވެ. "ވެރިކަން ލިބުމުގެ ކުރިން ކަޒިން ސިސްޓާ އަކު ބުނި ރައީސް ސޯލިހުގެ ވެރިކަން ދެ އަހަރަށް ވެސް ދެމިނޯންނާނެއޭ."
މި ސަރުކާރުގެ ކޯލިޝަންގައި ހިމެނެނީ ރައީސް ނިސްބަތްވާ އެމްޑީޕީގެ އިތުރުން ގާސިމް އިބްރާހީމްގެ ޖުމްހޫރީ ޕާޓީ (ޖޭޕީ) އާއި ހޯމް މިނިސްޓަރުކަން ކުރައްވާ އިމްރާން އަބްދުﷲ ރައީސްކަން ކުރައްވާ އަދާލަތު ޕާޓީގެ އިތުރުން ކުރީގެ ރައީސް މައުމޫން އަބްދުލް ގައްޔޫމްގެ މޯލްޑިވްސް ރިފޯމް މޫވްމަންޓް (އެމްއާރްއެމް) އެވެ.
Verikan libumaai eku colaition roolhaalan Dhin lafaa qabool Nukoh coalition aai eku Sulhaveri reethi verikameh dhamahattaan feshumun hajam nuvegen Furathama Ves massala jeheunu! Verikan Libumuge kurin, cousin sister aku buni Ibu ge Verikan 2 aharah Ves dhemi no~onnaane Ey!!!
— Feydhoo Meehaa (Mohamed Nihad) (@nihad_m) February 14, 2023
ރައީސް ސޯލިހުގެ ސަރުކާރު ފާހަގަކުރެވުނީ ކޯލިޝަންގެ ތެރޭގައި މާ ބޮޑު އަރައިރުންތަކެއް ނެތް ސަރުކާރެއްގެ ގޮތުގަ އެވެ. އަދި މީގެ އެންމެ ބޮޑު ސަބަބަކީ ހުރިހާ އެންމެންނާ ގުޅިގެން ރައީސަށް މަސައްކަރްކުރައްވަން އެނގިވަޑައިގަތުން ކަމަށް ކޯލިޝަންގެ ބައިވެރިން ވެސް ތަކުރާރުކޮށް ބުނެފައިވެ އެވެ.
ރައީސް ދެވަނަ ދައުރަކަށް މި އަހަރުފެ ރިޔާސީ އިންތިހާބަށް ވާދަކުރައްވާ އުރު ވެސް ވިސްނުން ހުންނެވީ ކޯލިޝަން ސަރުކާރަކަށެވެ. ޕްރައިމަރީގެ ކެމްޕޭން ތެރޭގައި ރައީސް ވިދާޅުވީ ރާއްޖޭގެ ސިޔާސީ މަސްރަހު އޮތް ގޮތުން އެއް ޕާޓީއަކަށް ވެރިކަން ލިބުމަކީ ދަތިކަމަކަށް ވާނެ ކަމަށެވެ.