Last Updated: June 22, 20:19
Monday, June 22, 2026
ޚަބަރު

އާ އޮފީސް އިމާރާތް ރަސްމީކޮށް ހުޅުވައިފި

ދައުލަތަށް ގިނަ ދުވަހު ހިދުމަތްކުރައްވާފައިވާ ކުރީގެ މިނިސްޓަރު އުމަރު ޒާހިރު އޮފީހުގެ ނަމުން ނަން ދީފައިވާ ސަރުކާރުގެ އާ އޮފީސް އިމާރާތް މިއަދު ރަސްމީކޮށް ހުޅުމާލޭގައި ހުޅުވައިފި އެވެ.

ޓްރީ ޓޮޕް ހޮސްޕިޓަލް ކައިރީގައި ހަދާފައިވާ މި އޮފީސް ހުޅުވަން ބޭއްވި ރަސްމިއްޔާތު ޝަރަފުވެރިކޮށް ދެއްވީ ރައީސް އިބްރާހީމް މުހައްމަދު ސޯލިހެވެ. އެ ރަސްމިއްޔާތުގައި ސަރުކާރުގެ އިސްވެރިންނާއި އުމަރު ޒާހިރުގެ އާއިލާގެ ބޭފުޅުންތަކެއް ވެސް ބައިވެރިވެވަޑައިގެންނެވި އެވެ. ރަސްމިއްޔާތުގައި ރައީސް ވަނީ އޮފީހުގައި ގައުމީ ދިދަ ނަންގަވައި ދެއްވައިފަ އެވެ.

"އުމަރު ޒާހިރު އޮފީސް" ބިލްޑިން އަކީ ސަރުކާރުގެ އޮފީސްތައް އަމިއްލަ މީސްމީހުންގެ އިމާރާތްތައް ކުއްޔަށް ނައިގެން ހިންގަން ޖެހޭތީ ދިމާވެފައިވާ ދަތިތަކަށް ހައްލެއް ހޯދުމުގެ ގޮތުން އިމާރާތްކުރި ތަނެކެވެ. އަދި މިއީ ހުޅުމާލޭގައި ސަރުކާރުގެ އޮފީސްތަކެއް ހިންގަން އިމާރާތެއް ހަދައި ހުޅުވި ފުރަތަމަ ފަހަރު ވެސް މެ އެވެ.

އެހެންވެ 185 މިލިއަން ރުފިޔާ ހަރަދުކޮށްގެން ހެދި އިމާރާތުގެ ސަބަބުން ކުއްޔަށް ނަގައިގެން ސަރުކާރުގެ އޮފީސްތައް ހިންގަން ފެށުމުން އަމިއްލަ މީސްމީހުންގެ ތަންތަނުގައި ކުއްޔަށް އޮފީސްތައް ހިންގުން ނިމުމަކަށް އަންނާނެ ކަމަށް މިއަދުގެ ރަސްމިއްޔާތުގައި ޕްލޭނިން މިނިސްޓަރު މުހައްމަދު އަސްލަމް ވިދާޅުވި އެވެ.

އެ އިމާރާތަށް ޖެންޑަ މިނިސްޓްރީ ދާދި ފަހުން ބަދަލުކޮށްފައިވާ އިރު، ވަރަށް އަވަހަށް ޓްރާންސްޕޯޓް މިނިސްޓްރީ އާއި ހަޔަ އެޑިއުކޭޝަން މިނިސްޓްރީ ވެސް ބަދަލުކުރާނެ އެވެ. އަދި ރާއްޖޭގައި އަލަށް ހުޅުވާ އެމެރިކާ އެމްބަސީ ވެސް ހުންނާނީ މި އިމާރާތުގަ އެވެ.

ސަރުކާރު އޮފީސް އިމާރާތުގައި މިނިސްޓްރީތައް ހިންގާނީ ދެވަނަ ފަންގިފިލަ އިން ފަސް ވަނަ ފަންގިފިލައަށެވެ. އިމާރާތުގެ ގްރައުންޑް ފްލޯ އަދި ފުރަތަމަ ފަންގިފިލާ ބޭނުން ކުރާނީ ޕާކިންއަށެވެ. ހަތަރު ވަނަ ފަންގިފިލާ ބޭނުން ކުރާނީ އެމެރިކާ އެމްބަސީންނެވެ. އަދި ހަ ވަނަ ފަންގިފިލާގައި ކުދި މީޓިން ރޫމްތަކާއި ސެމިނާ ރޫމް އަދި ޓެރަހެ ހިމެނެއެވެ.

އިމާރާތުގެ ކޮންމެ ފަންގިފިލާއެއްގެ ބޮޑު މިނަކީ 25،000 އަކަފޫޓެވެ.