ވީނުވީއެއް ނޭންގި ގއްލިފައިވާ މީހުން ހޯދުމުގެ މަސައްކަތްތައް ހަރުދަނާކުރުމަށް ގޮވާލާ ރައްޔިތުންގެ މަޖިލީހަށް ހުށަހެޅި ކުއްލި މައްސަލަ ބަލައިނުގަނެ ބޭރުކޮށްލައިފިއެވެ.
މި ކުއްލި މައްސަލަ ހުށަހަޅާފައިވަނީ މަޑުއްވަރީ ދާއިރާގެ މެންބަރު އާދަމް ޝަރީފެވެ. ކުއްލި މައްސަލަ ބަލައިގަތުމަށް ފެންނަ ކަމަށް 18 މެންބަރުން ވޯޓުދިންއިރު މި ކުއްލި މައްސަލަ ބަލައިގަތުމާ ދެކޮޅަށް 29 މެންބަރުން ވޯޓު ދީފައިވެއެވެ.
އާދަމް ޝަރީފްގެ ކުއްލި މައްސަލައިގައި ބުނެފައިވަނީ ވީނުވީއެއް ނޭންގި ގެއްލެމުންދާ ދިވެހިންގެ މައްސަލަތައް ގިނަވެ އެކަމުގެ ސަބަބުން މުޖުތަމައުގައި ބިރުވެރިކަމާއި ކަންބޮޑުވުމާއި ހިތްދަތިކަން އިންތިހާއަށް އިތުރުވެފައިވާ ކަމަށެވެ. އަދި ގެއްލިފައިވާ މީހުން ހޯދުމުގައި ސަރުކާރުން އެންމެ އެދެވޭގޮތުގައި މަސައްކަތް ކުރަމުންނުދާ ކަމަށްވެސް ބުނެފައިވެއެވެ.
ކުއްލި މައްސަލައިގައި ބުނެފައިވަނީ މިފަދަ ސީރިއަސް މައްސަލަތައް ތަހުގީގުކުރުމުގައި، ހާއްސަކޮށް މީހެއްގެ ފުރާނަ ސަލާމަތް ކުރުމަށްޓަކައި ލިބެންހުރި ހުރިހާ ވަސީލަތާއި ވަގުތުގެ ބޭނުން އެންމެ ފުރިހަމަގޮތުގައި ނުހިފޭކަމާއި ނިޒާމުގެ ތެރެއިން ލިބެންހުންނަ ހެއްކާއި ގަރީނާ ހޯދުމުގައި ސަރުކާރުން އަމަލުކުރަމުންދަނީ ވަރަށް ޒިންމާދާރުކަން ކުޑަގޮތެއްގައި ކަމަށެވެ.