ބޮލީވުޑްގެ ތަރިން ކަމަށްވާ އަޖޭ ދޭވްގަނާއި ކާޖޮލްގެ އަންހެން ދަރިފުޅު ނީސާ ދޭވްގަން އަކީ ވަރަށް މިނިވަންކޮށް އުޅޭ ކުއްޖެކެވެ. އުމުރުން މިހާރު 19 އަހަރުގެ ނީސާގެ ވާހަކަ ވަރަށް ގިނައިން މީޑިއާތަކުގައި ދެކެވެ އެވެ. ހާއްސަކޮށް މި ފަހުން ނީސާގެ ވާހަކަ އެންމެ ބޮޑަށް ދެކެވެނީ ދެ ޖިންސުގެ އެކުވެރިންނާ އެކީ "މާ ގިނައިން" ޕާޓީކުރާ ވާހަކަ އެވެ.
އެގޮތުން އެކިއެކި ރެސްޓޯރަންޓްތަކާއި ރައްޓެހިންގެ ގޭގައި ބާއްވާ އެކިއެކި ގެޓް ޓުގެދާތަކުގައި ނީސާ އަވަދިނެތި ރައްޓެހިންނާ އެކީ ވަރަށް ގައިގޯޅިކޮށް އުޅޭ ފޮޓޯތަކާއި ވީޑިއޯތައް ވެސް މީޑިއާތަކުގައި ދައުރުވެ އެވެ. މީގެ ދެ ދުވަހެއް ކުރިން އާންމުވި ވީޑިއޯއަކުން ފެންނަ ގޮތުގައި ނީސާ އިނީ މަސްތުވެގެން ކަމަށް ބައެއް މީހުން ތުހުމަތުކޮށްފައިވެ އެވެ.
އެ ވީޑިއޯގައި ފެންނަނީ ކުރު ހެދުމެއް ލައިގެން ހުރި ނީސާ ކާރަކުން ފައިބައިގެން ބޮޑީގާޑުން އެހީގައި ދާ އިރު "ޖެހެމުން ކަހަލަ ގޮތަކަށް" ދާ ތަނެވެ. އަދި އޭނަގެ މޫނުމަތިން ފެންނަ ކުލަވަރަށް ބަލާ އިރު، ހުރީ "ހަމަހޭގައި" ނޫން ކަމަށް ބުނެ އިންސްގްރާމްގައި އާންމުވި ވީޑިއޯ އަށް ބައެއް މީހުން ކޮމެންޓްކޮށްފައިވެ އެވެ. އަދި އެފަދަ ކޮމެންޓްތަކާ ގުޅިގެން ނީސާ ދިފާއުކޮށް ވެސް ބައެއް މީހުން ކޮމެންޓްކޮށްފައިވެ އެވެ.
ފާހަގަކޮށްލެވޭ ކަމަކީ ބޮލީވުޑްގެ މީހުންނާއި އެ މީހުންނާ ގުޅުން ހުންނަ މީސްމީހުން "ހަމަނައިން ނެއްޓޭ" ފަދަ އެއްޗިއްސާ އެކީ ޕާޓީކުރުމަކީ އާންމު ކަމެއްކަމެވެ. އެކަމަކު އެފަދަ ވާހަކަތައް މީޑިއާތަކުން ދެއްކުމުން ގިނަ ފަހަރަށް ގޯސްވަނީ މީޑިއާތަކެވެ.
އަޖޭ އާއި ކާޖޮލްގެ ދަރިފުޅު ނީސާގެ ވާހަކަ މިހާރު ކޮންމެވެސް ކަމަކާ ގުޅުވައި މީޑިއާތަކުގެ ސުރުހީތަކަށް ނާރާ ދުވަހެއް މަދުވާނެ އެވެ. އޭގެ ތެރޭގައި އޭނަ މާ ނިވާކަން ކުޑަކޮށް ހެދުން އަޅާ ވާހަކަ އާއި ފެންނަ ކޮންމެ ފަހަރަކު ހަމުގެ ކުލަ މާ އަލިވާކަމުގެ ވާހަކަތައް ފަދަ އެތައް ވާހައެކެވެ.
ނީސާއާ މެދު އޭނަގެ މައިންބަފައިން "ވަރަށް ޕްރޮޓެކްޓިވް" ނަމަވެސް ބައެއް މީހުން ބުނާ ގޮތުން މިނިވަންކަން ދީފައި ވަނީ މާ ބޮޑަށެވެ.
ނީސާ ބޮލީވުޑަށް ނުކުންނަން އުޅޭ ވާހަކަތަކެއް ވެސް ދޭތެރެ ދޭތެރެ އިން ދެކެވެ އެވެ. އެކަމާ ބެހޭ ގޮތުން އަޖޭ އާއި ކާޖޮލް ތަކުރާރުކޮށް އެކި އިންޓަވިއުތަކުގައި ބުނެފައި ވަނީ ދަރިފުޅު ފިލްމު ކުޅެން ބޭނުންވާ ނަމަ އެކަމަށް ސަޕޯޓްކުރާނެ ކަމަށެވެ. ނީސާ އަކީ އެ ދެ ތަރިންގެ ދެ ކުދިންގެ ތެރެއިން ދޮށީ ދަރިފުޅެވެ. އޭނަގެ ހަގަށް ހުންނަނީ 12 އަހަރުގެ ޔުގް ދޭވްގަން އެވެ.