Last Updated: June 8, 21:45
Tuesday, June 9, 2026
ޚަބަރު

ފުލުހުން މައްސަލަ ބަލާއިރު ވަކި ގައުމަކަށް ނުބަލާނެ: އިމްރާން

މިނިސްޓަރު އިމްރާން އަބްދުﷲ- ފޮޓޯ: ރައީސް އޮފީސް

ފުލުހުން މައްސަލައެއް ތަހުގީގު ކުރާއިރު ވަކި ގައުމަކަށް ނުބަލާނެ ކަމަށް ހޯމް މިނިސްޓަރު އިމްރާން އަބްދުﷲ ވިދާޅުވެއްޖެއެވެ.

ރައްޔިތުންގެ މަޖިލީހުގެ މއިަދުގެ ޖަލްސާގައި މެންބަރުންނަށް ސުވާލު ކުރުމަށް ލިބުނު ފުރުސަތުގައި ނޮޅިވަރަމް ދާއިރާ މެންބަރު މުހައްމަދު ނަޝީދު އަބްދުﷲ (މޮސްޓާ) ވަނީ ވަކި ގައުމެއްގެ ބަޔަކު ރާއްޖޭގައި ތަކުރާރުކޮށް ކުށްކުރަމުންދާއިރު އެމީހުންނަށް ފިޔަވަޅު ނޭޅޭ ކަމަށެވެ. އަދި މިފަހުން އެއާޕޯޓުން ހަތިޔާރާއެކު ބަޔަކު ފެނުނު ކަމަށާއި އެ މައްސަލައަކީ ކިހިނެއް ހިނގާދިޔަ ކަމެއްތޯވެސް ސުވާލު ކޮށްފައިވެއެވެ.

އެ ސުވާލުތަކަށް ޖަވާބު ދެއްވަމުން މިނިސްޓަރު އިމްރާން ވިދާޅުވީ ފުލުހުން މައްސަލަތައް ބަލަމުންދާއިރު ވަކި ގައުމަކަށް، ކުލައަކަށް، ސިފައަކަށް ބެލުމަކީ އޮންނަ ކަމެއް ނޫން ކަމަށެވެ.

"އެފަދަ ގޮތަކަށް މައްސަލަތައް ބެލި ތަހުގީގު ކުރަމުން ނުދާނެ ވާހަކަ ދަންނަވަން." އިމްރާން ވިދާޅުވިއެވެ.

ހަތިޔާރާއެކު އެއާޕޯޓުން ބަޔަކު ހައްޔަރުކުރި ކަމުގެ ތުހުމަތު މެންބަރު ނަޝީދު ކުރެއްވިއިރު، އެއީ ކިހާ ތެދެއް އެކުލެވޭ މައުލޫމާތެއް ކަމެއް ސާފެއް ނުވެއެވެ.

އެހެންނަމަވެސް މިދިޔަ އަހަރުގެ އޮގަސްޓް މަހު އެއާޕޯޓުން ވަނީ ޖާސޫސުކުރަން އުޅުނުކަމުގެ ތުހުމަތުގައި އިންޑިއާގެ ބަޔަކު ހައްޔަރުކޮށްފައެވެ. އެ މީހުންގެ މައްޗަށް އެކަށީގެންވާ ހެކި ނެތުމުން ކޯޓުން ވަނީ އެމީހުން ދޫކޮށްލާފައެވެ.