އައްޑޫ ގަން އެއާޕޯޓް ޕްރައިވަޓައިޒް ކުރުމަށް ގޮވާލާ ގަރާރެއް ރައްޔިތުންގެ މަޖިލީހަށް މިއަދު ހުށަހަޅައިފި އެވެ.
ހިތަދޫ މެދު ދާއިރާގެ އެމްޑީޕީ މެމްބަރު އަހުމަދު ރަޝީދު ހުށަހެޅުއްވި ގަރާރު ރައްޔިތުންގެ މަޖިލީހުގެ މިއަދުގެ ޖަލްސާގައި ވަނީ އިއްވި އެވެ. އެ ގަރާރުގައި ބުނީ އައްޑޫ ސަރަހައްދުގެ ޓޫރިޒަމް ތަރައްގީ ކުރުމަަށާއި އަދި އެ ޒޯންގައި ހިމެނޭ އެހެން އަތޮޅުތައް ހިމެނޭ ގޮތަށް ހަބެއްގެ ގޮތުގައި ތަރައްގީ ކުރެވޭނީ އައްޑޫ އެއާޕޯޓާއި އައްޑޫ ރީޖަނަލް ސީޕޯޓް ތަަރައްގީކޮށް އެއާޕޯޓާއި ހިތަދޫ ސަރަހައްދީ ބަނދަރު ޓޫރިޒަމް ކަނެކްޓިވިޓީ އިތުރަށް ތަރައްގީކޮށްގެން ކަމަށެވެ.
ގަރާރުގައި ފާހަގަކޮށްފައިވާ ގޮތުގައި އެއާޕޯޓާއި ސަރަހައްދީ ބަނދަރު ތަރައްގީ ކުރުމަށް ގިނަ މަސައްކަތްތަކެއް ކުރަން ޖެހިފައިވާ އިރު އެއާޕޯޓް ތަރައްގީގެ ތެރޭގައި ފަޔާ ސްޓޭޝަން ބިލްޑިން ހެދުމާއި ޑޮމެސްޓިކް ޓާމިނަލްއާއި އަދި އިންޓަނޭޝަނަލް ޓާމިނަލް ހެދުމާއި އެއާޕޯޓް އެކްސެސް ރޯޑް ހެދުން ހިމެނެ އެވެ. ގަން އެއާޕޯޓް ތަރައްގީކުރަން އިންޑިއާގެ ރެޓާނަސް ކުންފުންޏާ ހަވާލުކޮށްފައިވާ އިރު، ހިތަދޫ ސަރަހައްދީ ބަނދަރު ތަރައްގީ ކުރަން މޯލްޑިވްސް ޕޯޓްސް އޮތޯރިޓީ (އެމްޕީއެލް) އިން އޮތީ އެމްޓީސީސީއާ ހަވާލުކޮށްފަ އެވެ.

ރަޝީދު ހުށަހެޅުއްވި ގަރާރުގައި ދުނިޔެއަށް ދިމާވެފައިވާ ދަތި ހާލަތުން އަރައިގަނެ މި ދަނޑިވަޅުގައި ސަރުކާރުން އެ ދެ ޕްރޮޖެކްޓށް ފައިސާ ހޯދަން ދަތިވާނެ ކަމަށް ވެސް ފާހަގަކޮށްފައިވެ އެވެ. ގަން އެއާޕޯޓް ތަރައްގީ ކުރަނީ އިންޑިއާގެ އެގްޒިމް ބޭންކުގެ 800 މިލިއަން ޑޮލަރުގެ ލައިން އޮފް ކްރެޑިޓްގެ ދަށުންނެވެ. އެގޮތުން އެ އެއާޕޯޓަށް 17 މިލިއަން ޑޮލަރު ހޭދަވާނެ ކަމަށް އަންދާޒާކޮށްފައިވެ އެވެ.
ގަރާރުގައި ބުނީ އެހެންކަމުން އައްޑޫ އެއާޕޯޓާއި ސަރަހައްދީ ބަނދަރު ސްޓްރެޓީޖިކް ޕާޓްނާޝިޕް އަދި ޕަބްލިކް ޕްރައިވެޓް ޕާޓްނާޝިޕް އުސޫލުން ޕްރައިވެޓައިޒްކޮށްފި ނަމަ އައްޑޫ ރައްޔިތުންނަށް މާ ބޮޑު ކުރިއެރުންތަކެއް ލިބޭނެ ކަމަށެވެ.