ޤާނޫނާ އެއްގޮތަށް އަދި މަޖިލީހުގެ ރިކޮމެންޓޭޝަނާ އެއްގޮތަށް އިންޓެލިޖެންސް މައުލޫމާތު ހިއްސާކުރަންޖެހޭ ފަރާތްތަކާ ހިއްސާކުރަމުން އަންނަ ކަމަށް ހޯމް މިނިސްޓަރު އިމްރާން އަބްދުﷲ ވިދާޅުވެއްޖެއެވެ.
ރައްޔިތުންގެ މަޖިލީހުގެ މިއަދުގެ ޖަލްސާގައި މެންބަރުންނަށް ސުވާލު ކުރުމަށް ލިބުނު ފުރުސަތުގައި މާފަންނު މެދު ދާއިރާގެ މެންބަރު އިބްރާހިމް ރަޝީދު ވަނީ ބޮމުގެ ހަމަލާއަށްފަހު އިންޓެލިޖެންސް ރިޕޯޓު އިދާރާތަކާ ހިއްސާނުކުރާކަން އެނގުނުކަން ފާހަގަކޮށް އެ މައުލޫމާތު އިދާރާތަކާ ހިއްސާކުރުމަށް މަޖިލީހުން ރެކޮމެންޑް ކުރިކަން ފާހަގަކޮށްފައެވެ. އަދި އެކަން ކުރޭތޯ ސުވާލު ކޮށްފައިވެއެވެ.
އެ ސުވާލަށް ޖަވާބު ދެއްވަމުން މިނިސްޓަރު އިމްރާން ވިދާޅުވީ މަޖިލީހުގެ ލަފައާއި ޤާނޫނާ އެއްގޮތްވާގޮތުގެ މަތިން، އިންޓެލިޖެންސް ހިއްސާކުރުމަށް ޕްލެޓްފޯމެއް ގާއިމުކުރެވި އެކަމާ ގުޅޭ މައުލޫމާތު ހިއްސާކުރެވޭ ކަމަށެވެ.
އަދި އިންޓެލިޖެންސް މައުލޫމާތު ހިއްސާކުރުމަށް ފޮނުވަންޖެހޭ ރިޕޯޓްތައް ރައީސުލްޖުމްހޫރިއްޔާއަށާއި ރައްޔިތުންގެ މަޖިލީހަށް ފޮނުވަންޖެހޭ ވަގުތުގައި ފޮނުވަމުން ދާކަމަށް އިމްރާން ވިދާޅުވިއެވެ.
ރައީސް ނަޝީދަށް ދިން ބޮމުގެ ހަމަލާއަށްފަހު މަޖިލީހުގެ 241 ކޮމިޓީން ކުރިއަށްގެންދިޔަ އިންކުއަރީން ވަނީ އޭރު އިންޓެލިޖެންސްގެ މައުލޫމާތު ހިއްސާކުރުމުގައި ދަތިތަކެއް ހުރިކަން ފާހަގަކޮށްފައެވެ. އަދި އެކަންކަން ހައްލުކޮށް އިންޓެލިޖެންސް މައުލޫމާތު ހިއްސާކުރުމަށް ލަފާދީފައިވެއެވެ. އަދި އެ ހަމަލާއާ ގުޅިގެން ރައީސް ސޯލިހްގެ އެންގެވުމަށް ވަނީ އިންޓެލިޖެންސް އޮޑިޓެއް ހަދާފައެވެ.