ސްޓޫޑެންޓް ލޯނަށް އެދި ހުށަހެޅުމުގެ ފުރުސަތު މިނިސްޓްރީ އޮފް ހަޔަރ އެޑިއުކޭޝަނުން ހުޅުވާލައިފިއެވެ.
އެގޮތުން އެ މިނިސްޓްރީން މިފަހަރު ވަނީ 720 ދަރިވަރަކަށް ލޯން އެހީ ދިނުމަށް ހަމަޖެހިފައެވެ.
މިފަހަރު ލޯން ސްކީމަށް އެދި ފުރުސަތު ހުޅުވާލާއިރު މީގެ ކުރީ އަހަރުތަކަކޭ އެއްގޮތަށް ޑިމާންޑް ބޮޑު ދާއިރާތަކަށް ވަކި އަދަދެއް ވަނީ ހާއްސަކޮށްފައެވެ. އަދި މިދާއިރާތަކުން ހާއްސަ ތިން ދާއިރާއަކަށް ދެގުނަ އިތުރަށް ފުރުސަތު ހުޅުވާލާފައިވާ ކަމަށް ހަޔަރ އެޑިއުކޭޝަން މިނިސްޓްރީން މައުލޫމާތުދެއެވެ.
އެގޮތުން ޕައިލެޓްކަން ކިޔަވާ ދަރިވަރުންނަށް 60 ޖާގަ ހާއްސަ ކޮށްފައިވެއެވެ. މިދިޔަ އަހަރު ޕައިލަޓްކަން ކިޔަވަން ދީފައިވަނީ 10 ފުރުސަތެވެ.
މިއަހަރު ޑޮކްޓަރުކަން ކިޔެވުމަށް ނުވަތަ އެމްބީބީއެސްއަށް ވެސް ދެގުނަ އިތުރަށް ފުރުސަތު ދީފައިވެއެވެ. އެގޮތުން މިއަހަރު 55 ޖާގަ އެމްބީބީއެސްއަށް ދީފައިވާއިރު މިދިޔަ އަހަރު ދީފައިވަނީ 25 ޖާގައެވެ. މީގެ އިތުރުން މާސްޓާސް ފެންވަރުގައި ޕޯސްޓް ގްރެޖުއޭޓް ކޯސް މެޑިސިން ދާއިރާގައި ހެދުމަށް 20 ޖާގަ ވަނީ ހާއްސަކޮށްފައެވެ. މިދިޔަ އަހަރު މިދާއިރާއިން ދީފައިވަނީ 10 ޖާގައެވެ.
މީގެ އިތުރުން މިއަހަރު ޕީއެޗްޑީ ހެދުމަށް 15 ފުރުސަތު ހުޅުވާލާފައިވެއެވެ. މީގެ ތެރެއިން 13 ފުރުސަތަކަށް އެޕްލައި ކުރެވޭނީ ރާއްޖޭގައި ހިންގާ ޕްރައިވެޓް ކޮލެޖެއް ނުވަތަ ޔުނިވާސިޓީއަކުން ނޮމިނޭޝަން ސިޓީއެއް ހުށަހެޅުމުން ކަމަށް މިނިސްޓަރ ވަނީ ހާމަކުރައްވާފައެވެ.
މީގެ އިތުރުން ފުރަތަމަ ޑިގްރީ ހިލޭ ކިޔަވަމުންދާ ދަރިވަރުން އެހެނިހެން ހަރަދުތައް ބެލެހެއްޓުމަށްވެސް ލޯނަށް ކުރިމަތިލުމުގެ ފުރުސަތު މިފަހަރުވެސް އޮންނާނެ ކަމަށް މިނިސްޓްރީން ހާމަކުރެއެވެ. މިދިޔަ އަހަރު މިފުރުސަތު ދީފައިވަނީ ވަކި ހާއްސަ ދަރިވަރުންތަކަކަށެވެ. ނަމަވެސް މިފަހަރު ރާއްޖޭގައި ފުރަތަމަ ޑިގްރީއަށް ކިޔަވަމުންދާ ކޮންމެ ދަރިވަރަކަށް މިފުރުސަތު ވަނީ ހުޅުވާލާފައެވެ.
ލޯން ފުރުސަތު ހުޅުވާލުމާއި ގުޅިގެން ބޭއްވި ނޫސްވެރިންގެ ބައްދަލުވުމުގައި މިނިސްޓަރ ޑރ. އިބްރާހިމް ހަސަން ވިދާޅުވީ، ވަކި ދާއިރާތަކަށް ދޭ ފުރުސަތުތަކުގެ އަދަދު އިތުރު ކުރިނަމަވެސް، ހުރިހާ ދައިރާއަކުންވެސް ކުރިމަތި ލުމުގެ ފުރުސަތު އޮންނާނެ ކަމަށެވެ. މިއާއެކު އަމިއްލަ އިހުތިޔާރުން ބޭރުން ކިޔެވުން ނުނިމި ލަސްވެފައިވާ ދަރިވަރުންނަށް ލޯން އެކްސްޓެންޑް ކޮށްދިނުމަށްވެސް ނިންމާފައިވާކަން ވަނީ ހާމަކޮށްފައެވެ.
ސްޓޫޑެންޓް ލޯނަށް އެޕްލައި ކުރުމުގެ ސުންގަޑިއަކީ 15 މާރިޗު 2023 އެވެ. މީގެ އިތުރަށް މިއަދުން ފެށިގެން 01 މާރިޗުގެ ނިޔަލަށް ސްޓޫޑެންޓް ލޯނަށް ހުށަހަޅާ ދަރިވަރުންނަށް ފޯމްތައް މިނިސްޓްރީގެ ފަރާތުން މައްސަލައެއް ހުރިތޯ ބެލުމަށް ރިވިއުކޮށްދިނުމުގެ ހިދުމަތްވެސް ދޭނެ ކަމަށް މިނިސްޓްރީން ވަނީ ހާމަކޮށްފައެވެ.