Last Updated: June 8, 21:45
Tuesday, June 9, 2026
ޚަބަރު

އެއްވެސް މައުލޫމާތެއް ލީކެއް ނުވާނެ: ޕޮލިސް

ފުލުހުންގެ މައި އިދާރާ

ފުލުހުންގެ ބެލުމުގެ ދަށަށް ގެންދެވޭ އެއްވެސް އެއްޗެއްގައި ހުންނަ އެއްވެސް މައުލޫމާތެއް ލީކު ނުވާނެ ކަމަށް ފުލުހުންގެ އިދާރާއިން ބުނެފިއެވެ.

ފުލުހުންގެ އިދާރާއިން މިފަދައިން ބުނެފައިވަނީ ފިލްމީ ތަރި އާމިނަތު ރިޝްފާގެ ޒާތީ ފޮޓޯތަކަކާއި ވީޑިއޯތަކެއް ފުލުހުންގެ ތެރެއިން ލީކުވެފައިވާ ކަމަށް އޭނާ ތުހުމަތުކޮށްފައި ވަނިކޮށެވެ.

މިކަމާ ގުޅިގެން ފުލުހުން ބުނެފައިވަނީ އެ އިދާރާގެ ބެލުމުގެ ދަށަށް ހެކީގެ ގޮތުގައި ގެނެވޭ ތަކެތި ގެންގުޅުމާއި ބެލެހެއްޓުމުގައި އަމަލުކުރަނީ ގާނޫނުގައިވާ ގޮތުގެ މަތިން އަދި ބައިނަލްއަގުވާމީ ބެސްޓް ޕްރެކްޓިސްއާ އެއްގޮތަށް ކަމަށެވެ.

"ފޮރެންސިކްގެ ބެލުމުގެ ދަށަށް ގެނެވޭ ހެއްކެއްގައި ހުންނަ އެއްވެސް މައުލޫމާތެއް ލީކު ނުވާނެ ކަމުގެ ފުރިހަމަ ޔަގީންކަން މި ޚިދުމަތަށް އޮވޭ." ފުލުހުން ބުނެފައިވެއެވެ.

މީގެއިތުރުން ފޮރެންސިކް ލެބޯރަޓަރީގެ މަސައްކަތްތައް ތަރުތީބުކުރެވިފައި ހުންނާނީ ޕްރައިވެސީ ރައްކާތެރިކޮށްދެވޭ ގޮތަށް ކަމަށްވެސް ބުނެފައިވެއެވެ.

ރިޝްފާ ފުލުހުންގެ ބެލުމުގެ ދަށަށް ގެންގޮސްފައިވަނީ މިދިޔަ ނޮވެމްބަރު މަހުއެވެ. އެފަހަރު އޭނާގެ ފޯނު ފުލުހުން ހިފަހައްޓާފައިވެއެވެ. ސޯޝަލްމީޑިއާގައި އާންމު ކުރި ޕޯސްޓެއްގައި ރިޝްފާ ތުހުމަތު ކޮށްފައިވާގޮތުގައި، އެ ފޯނުގައި ހުރި ފޮޓޯތަކާއި ވީޑިއޯތަކެއް ވަނީ އާންމުވެފައެވެ.