ދިވެހި ދައުލަތަށް ހިދުމަތް ކުރުމުގެ އިނާމު ދެއްވުމަށް ބާއްވަވާ ޖަލްސާ މާދަމާރޭ ބޭއްވުމަށް ހަމަޖައްސައިފިއެވެ.
ރައީސުލްޖުމްހުރިއްޔާގެ އޮފީހުން ބުނެފައިވަނީ ދިވެހި ދައުލަތަށް ހިދުމަތްކުރުމުގެ އިނާމަށް 2022 ވަނަ އަހަރު ނަންހުށަހެޅުއްވި ބޭފުޅުންގެ ތެރެއިން އިނާމު ދެއްވުމަށް ކަނޑައެޅުއްވި ބޭފުޅުންނަށް އިނާމު ދެއްވުމަށް ބާއްވަވާ ޖަލްސާ، މާދަމާ ރޭ 8:30 ގައި، ދަރުބާރުގޭގައި އޮންނާނެ ކަމަށެވެ.
ދިވެހި ދައުލަތަށް ހިދުމަތް ކުރުމުގެ އިނާމު މިއަހަރު 86 ބޭފުޅަކަށް ދެއްވުމަށް ވަނީ ހަމަޖެހިފައެވެ. އިނާމުގެ ގޮތުގައި އެބޭފުޅުންނަށް ދެއްވާ ޝަރަފުގެ ބެޖާއި ޝަރަފުގެ އައްޑަނަ ދެއްވާނީ ރައީސުލްޖުމްހޫރިއްޔާ އިބްރާޙިމް މުހައްމަދު ސޯލިހެވެ.
ދިވެހި ދައުލަތަށް ގިނަދުވަހު ހިދުމަތްކުރުމުގެ އިނާމަށް 2022 ވަނަ އަހަރު 113 ބޭފުޅަކު ނަން ހުށަހަޅުއްވައިފައިވެއެވެ. އިނާމަށް ހުށަހެޅުއްވި ބޭފުޅުންގެ ތެރެއިން، އިނާމު ދެއްވާނެ ބޭފުޅުން ކަނޑައެޅުއްވީ، އެކަމަށްޓަކައި ރައީސް އެކުލަވައިލައްވައިފައިވާ ޤައުމީ އިނާމާބެހޭ ކޮމިޓީންނެވެ.
ދިވެހި ދައުލަތަށް ހިދުމަތް ކުރުމުގެ އިނާމަކީ، ދިވެހި ދައުލަތަށް 35 އަހަރަށްވުރެ ދިގު މުއްދަތަކަށް ހިދުމަތް ކޮށްފައިވާ މުވައްޒަފުންގެ ތެރެއިން، މަގާމުގެ މަސްއޫލިއްޔަތު އަދާކުރުމުގައި ޤާބިލުކަމާއި އިހްލާސްތެރިކަމާއެކު ކޮށްފައިވާ ހިދުމަތްތަކަށާއި، އެ މުއައްސަސާއެއްގެ ކުރިއެރުމަށް ކޮށްދީފައިވާ ހިދުމަތްތަކުގެ އަގުވަޒަންކުރެއްވުމުގެގޮތުން 2021 ވަނައަހަރު ދެއްވަން ފެށްޓެވި ޝަރަފުވެރި އިނާމެކެވެ.