Last Updated: July 25, 18:05
Saturday, July 25, 2026
ޚަބަރު

އެސްޓީއޯގެ ޑޭކެއާ އެސިސްޓެންސް ޕްރޮގްރާމް ފަށައިފި

އެސްޓީއޯގެ ޑޭކެއާ އެސިސްޓެންސް ޕްރޮގްރާމް "ލިޓްލް ވޮންޑާސް" ފަށައިފި އެވެ.

އެސްޓީއޯ ޓްރެއިނިން ސްކޫލުގައި މިއަދު އޮތް ރަސްމިއްޔާތެއްގައި އެ ޕްރޮގުރާމު އިފްތިތާހުކޮށްދެއްވީ އެ ކުންފުނީގެ މެނޭޖިން ޑިރެކްޓަރު، ހުސައިން އަމްރު އާއި އެ ކުންފުނީގެ ޖެނެރަލް މެނޭޖާ އޮފް ޕީޕަލްސް އޮޕަރޭޝަންސް، މަރިޔަމް ނުޒުލާ އެވެ.

އެސްޓީއޯގެ ލިޓްލް ވޮންޑާސް ޕްރޮގްރާމްއަކީ އެސްޓީއޯގެ މުވައްޒަފުންނަށް އިޖުތިމާއީ ދިރިއުޅުމުގައި، އަދި މަސައްކަތުގެ މާހައުލުގައި އެހީތެރިކަން ފޯރުކޮއްދިނުމުގެ ގޮތުން ފެށިގެންދާ ޑެކެއާ އެސިސްޓެންޓް ޕްރޮގްރާމެކެވެ. މި ޕްރޮގްރާމްގެ އެންމެ ބޮޑު އެއް އަމާޒަކީ މުވައްޒަފުންގެ މަސައްކަތާއި ދިރިއުޅުމުގެ ބެލެންސް އަށް އެހީތެރިވެދިނުމާއި، ދުޅަހެޔޮ ދިރިއުޅުމުގެ ވައްޓަފާޅިއެއް ބިނާކުރުމަށް އެހީތެރިވެދިނުން ކަމަށް އެސްޓީއޯ އިން މައުލޫމާތުދެ އެވެ.

އެސްޓީއޯ ލިޓްލް ވޮންޑާސް ޕްރޮގްރާމްގައި އެސްޓީއޯގެ ކޮންމެ މުވައްޒަފަކަށްވެސް ބައިވެރިވެވޭނެ އެވެ. މިއީ އެސްޓީއޯގެ އެއްވެސް މުވައްޒަފެއް ބާކީ ކުރުމާ ނުލާ، ހުރިހާ މުވައްޒަފުންނަށްވެސް ހަމަހަމަ ފުރުސަތުތަކެއް ހުޅުވާލުމުގެ އަމާޒާއެކު ކުރިއަށް ގެންދާ ޕްރޮގްރާމްއެކެވެ.

މި ޕްރޮގްރާމްގައި އެސްޓީއޯއިން 8 އަހަރުން ދަށުގެ ކޮންމެ ކުއްޖަކަށް، ރަޖިސްޓްރީކޮށްފައިވާ ޑޭކެއާ ފެސިލިޓީއެއްގައި ބައިވެރިވުމަށް ކޮންމެ މަހަކު 2،500ރ އާއި ހަމައަށް އެހީތެރިވެދޭނެ އެވެ.

އެސްޓީއޯ އިން ބުނީ އެ ކުންފުނީގެ ވިސްނުމަކީ ކުންފުނިން ކަނޑައަޅާ ވަކި ފެސިލިޓީތަކެއްގައި ހުރިހާ މުވައްޒަފުން ރެޖިސްޓްރީ ވުމުގެ ބަދަލުގައި، އެ މުވައްޒަފަކު ބޭނުންވާ، އަދި އިތުބާރު ކުރެވޭ ފެސިލިޓީއެއްގައި އެސްޓީއޯ މެދުވެރިކޮށް ރެގިސްޓްރީވުމުގެ އިހްތިޔާރު ދޫކޮށްލުން ކަމަށެވެ.

އެސްޓީއޯ އިން އަންނަނީ އަބަދުވެސް މަސައްކަތުގެ މާހައުލުގައި މުވައްޒަފުންނަށް ދިމާވާ ތަފާތު މައްސަލަތަށް ދެނެގަތުމުގައި ސާވޭތައް ހަދަމުންނެވެ. އެގޮތުން ލިޓްލް ވޮންޑާސް ޕްރޮގްރާމްއާއި އެކު ކުޑަކުދިންނަށް ޚާއްޞަ، ގޭގައި ފަދަ ފެންވަރު ރަނގަޅު މާހައުލެއްގައި ކުދިންގެ އިޖުތިމާޢީ ހުނަރާއި ޢިލްމު ބިނާކުރުމަށް ޚާއްޞަކޮށްފައިވާ ޕްރޮގްރާމްތަކާއެކު ކުދިންނަށް ޚާއްޞަ ޚިދުމަތްތަކެއް ލިބިގެންދިޔުމަކީ އެސްޓީއޯގެ އުއްމީދެކެވެ.