Last Updated: June 29, 06:08
Monday, June 29, 2026
ޚަބަރު

ދެ މެޖިސްޓްރޭޓެއްގެ ސެކިއުރިޓީ ކަނޑާލައިފި

ހިތަދޫ ކޯޓު ސަރަހައްދުގައި އެސްއޯ ފުލުހުން ހަރަކާތްތެރިވަނީ.ފޮޓޯ: އައްޑޫލައިވް

އައްޑޫގެ ދެ މެޖިސްޓްރޭޓަކަށް ދެމުން ދިޔަ ސެކިއުރިޓީ ކަނޑާލައިފި އެވެ.

ފުލުހުންގެ ދެކުނު ޑިވިޝަން ކޮމާންޑާރު ޗީފް އިންސްޕެކްޓަރު އޮފް ޕޮލިސް އަހްމަދު ޝިފާން ވިދާޅުވީ މެޖިސްޓްރޭޓުންނަށް ދެމުން ދިޔަ 27/7ގެ ހިދްމަތް މިހާރު މަޑު ޖައްސާލާފައިވާ ކަމަށެވެ. އަދި އެކަން އެގޮތަށް ނިންމީ ތްރެޓް އެސެސްމެންޓެއް ހެދުމަށް ފަހު ކަމަށެވެ.

ޝިފާން ވިދާޅުވީ މިދުވަސް ކޮޅު އައްޑޫގެ ކުށުގެ މާހައުލު އޮތީ ވަރަށް ރަނގަޅަށް ކަމަށާއި، އެހެންވެ މެޖިސްޓްރޭޓުންގެ ސެކިއުރިޓީގެ ގޮތުގައި ހަމަޖައްސާފައި ތިބި ފުލުހުން ޑިއުޓީއަށް ނުކުންނަން ފަށާފައިވާ ކަމަށެވެ.

"އައްޑޫ ލައިވް"އަށް މައުލޫމާތު ލިބިފައިވާ ގޮތުގައި އައްޑޫގައި ފުލުހުން ސެކިއުރިޓީ ދެމުން އަންނަނީ ފޭދޫ މެޖިސްޓްރޭޓް ކޯޓުގެ މެޖިސްޓޭޓް ހުސެއިން ރަޝީދާއި ހިތަދޫ މެޖިސްޓޭޓް ރަފީއުއްދީނަށެވެ.

މައުލޫމާތު ލިބިފައިވާ ގޮތުގައި މި ދެ މެޖިސްޓްރޭޓުންނަށް ތަފާތު ފަހަރުމަތިން މަރުގެ އިންޒާރުދީ ފޭދޫ މެޖިސްޓްރޭޓް ހުސެއިން ރަޝީދުގައި ބަޔަކުވަނީ ސައިކަލްގައި ދަނިކޮށް ފަހަތުން ގޮސް ޖައްސައި ވައްޓާލާފައެވެ.

ޝިފާން ވިދާޅުވީ ފުލުހުންގެ ސެކިއުރިޓީއަށް އެބޭފުޅުން ބޭނުންވާ ކޮންމެ އިރެއްގައި ފޯރުކޮށްދޭނެކަމަަށާއި ތަފާތަކީ 24 ގަޑިއރު ކުރިން ދެމުން ދިޔަ ގޮތަށް ސެކިއުރިޓީ ނުދޭ ކަމެވެ.

މެޖިސްޓްރޭޓުންނަށް ބިރުދައްކައި މަރުގެ އިންޒާރު ދެމުން ދިއުމާއި ގުޅިގެން، ކޯޓުތަކުގެ މެޖިސްޓްރޭޓުންނަށް ސެކިއުރިޓީ ހަމަޖައްސާދީފައިވަނީ ސްޕްރީމް ކޯޓުގެ އެދުމުގެ މަތިންނެވެ.