އިނގިރޭސި ޕްރިމިއާ ލީގުގައި ރޭ އާސެނަލް 3-1 އިން ބަލިކުރުމަށްފަހު ލީގުގެ އެއްވަނަ އަށް މެންޗެސްޓާ ސިޓީ އަރައިފި އެވެ.
މި މޮޅާއެކު ސިޓީ ލީގުގެ އެއްވަނައިގައި އޮތީ 23 މެޗުން ލިބުނު 51 ޕޮއިންޓާ އެކު އެވެ. ދެވަނައިގައި 22 މެޗު ކުޅެގެން އާސެނަލް އަށް ވެސް ހަމަ އެ އަދަދަށް ޕޮއިންޓް ލިބިފައިވާއިރު ސިޓީ އަށް ކުރި ލިބެނީ ގޯލުގެ ތަފާތުންނެވެ. އެންމެފަހުން ސިޓީއާ ދެކޮޅަށް ލީގުގައި އާސެނަލް އިން ކުޅުނު 11 މެޗުން ވެސް އެޓީމު ވަނީ ބަލިވެފަ އެވެ.
އާސެނަލްގެ ދަނޑުގައި ރޭ ކުޅުނު ފޯރިގަދަ މި މެޗުގެ ފުރަތަމަ ގޯލު ކާމިޔާބުކޮށް ލީޑު ނެގީ ސިޓީންނެވެ. މެޗުގެ 24 ވަނަ މިނެޓްގައި ސިޓީގެ މިޑްފީލްޑަރު ކެވިން ޑި ބްރޭނާ މި ގޯލު ކާމިޔާބު ކުރީ އާސެނަލްގެ ޑިފެންސްލައިނަށް ހެދުނު ގޯހެއްގެ ފައިދާ ނަގައި ޕެނަލްޓީ އޭރިއާގެ ބޭރުގައި ހުރެ އާސެނަލްގެ ކީޕަރު އާރޮން ރަމްސްޑޭލް ބޯމަތިން ބޯޅަ ކުރިއަށް ފޮނުވާލައިގެންނެވެ.
މި ގޯލަށްފަހު އާސެނަލް އިން ކުޅުން ރަނގަޅު ކުރިއިރު ފުރަތަމަ ހާފް ނިމުމުގެ ކުރިން ލިބުނު ޕެނަލްޓީ އަކުން ބުކާޔޯ ސަކާ ވަނީ އެޓީމަށް ނަތީޖާ އެއްވަރުކޮށްދީފަ އެވެ. މި ޕެނަލްޓީ އާސެނަލް އަށް ލިބުނީ އެޓީމުގެ ފޯވާޑް އެޑީ އެންކެޓިއާ އަށް ސިޓީގެ ގޯލްކީޕަރު އެޑަސަން ކުރި ފައުލަކާ ގުޅިގެންނެވެ.
ދެ ޓީމު ވެސް އެއްވަރެއްގައި އޮވެ ފުރަތަމަ ހާފް ނިމުނުއިރު މެޗުގެ 72 ވަނަ މިނެޓްގައި އިލްކާއި ގުންޑޮގާން ދިން ޕާހަކުން ޖެކް ގްރީލިޝް ވަނީ ސިޓީ އަށް އަލުން ލީޑު ނަގާދީފަ އެވެ. މި މެޗުން ސިޓީ އަށް ތިން ޕޮއިންޓް ކަށަވަރުކޮށްދިން ގޯލު މެޗުގެ 82 ވަނަ މިނެޓްގައި ކާމިޔާބުކޮށްދިނީ އެޓީމުގެ އިތުބާރު ފޯވާޑް އާލިންގް ހާލަންޑެވެ.
ލީގުގައި އެންމެފަހުން ކުޅުނު ތިން މެޗުން ވެސް އާސެނަލް އަށް މޮޅެއް ހޯދިފައެއް ނުވެ އެވެ. އޭގެތެރެއިން ދެ މެޗުން އެޓީމު ބަލިވިއިރު އަނެއް މެޗު ނިމުނީ އެއްވަރުވެގެންނެވެ.
ލީގުގައި އާސެނަލް ދެން ބައްދަލުކުރާނީ އެސްޓަންވިލާއާ އެވެ. ސިޓީ ނިކުންނާނީ ނޮޓިންހަމް ފޮރެސްޓާއި ދެކޮޅަށެވެ.