ޔުއެފާ ޗެމްޕިއަންސް ލީގުގެ ގަދަ 16 ބުރުގެ ފުރަތަމަ ލެގުގައި ބްރޫޝިއާ ޑޯޓްމަންޑުން އަމިއްލަ ދަނޑުގައި ރޭ 1-0 އިން ޗެލްސީ ބަލިކޮށްފި އެވެ.
މި ނަތީޖާތަކާ އެކު ކުއާޓާ އަށް ދިޔުމަށް ޑޯޓްމަންޑަށް މިހާރު ވަނީ އުއްމީދު ބޮޑުވެފަ އެވެ. އެގޮތުން އަންނަ މަހު ހަތް ވަނަ ދުވަހު ކުޅޭ ދެ ވަނަ ލެގުގެ މެޗު އެއްވަރުކޮށްލައިގެން ވެސް ޑޯޓްމަންޑަށް ކުއާޓާ އަށް ދެވޭނެ އެވެ.
ރޭގެ މެޗުގައި ފެނިގެންދިޔަ ހަމައެކަނި ގޯލު މެޗުގެ 63 ވަނަ މިނެޓްގައި ޑޯޓްމަންޑުން އުފެއްދި ކައުންޓަ އެޓޭކެއްގައި ކާމިޔާބުކޮށްދިނީ ޒުވާން ފޯވާޑް ކަރީމް އަޑެޔާމީ އެވެ. މި ގޯލަށް ފަހު ޑޯޓްމަންޑުން ޑިފެންސަށް ފައިބައިގެން ކުޅުނު އިރު ނަތީޖާ އެއްވަރުކޮށްލަން ޗެލްސީ އަށް ވަނީ ގިނަ ފުރުސަތުތަކެއް ލިބިގެން ގޮސްފަ އެވެ.
އެގޮތުން ރީސް ޖޭމްސް ފޮނުވާލި ދެ ހަމަލާއަކާއި ޖާއޯ ފެލިކްސް އަދި އެންޒޯ ފެނާންޑޭޒް ފޮނުވާލި ހަމަލާއެއް ޑޯޓްމަންޑްގެ ގޯލްކީޕަރު ގްރެގޯ ކޮބެލް ދިފާއުކުރިއިރު ޗެލްސީގެ ޑިފެންޑަރު ކަލިދޫ ކުލިބާލީ ފޮނުވާލި ހަމަލާ ޑޯޓްމަންޑްގެ ގޯލުގެ ހުރަސް ރޮގުމަތިން ދިފާއުކުރީ އެޓީމުގެ މިޑްފީލްޑަރު އެމްރޭ ޗޭން އެވެ.
ޗެމްޕިއަންސް ލީގުގެ ގަދަ 16 ބުރުގެ ފުރަތަމަ ލެގުގައި ރޭ ބެންފީކާ އިން ވަނީ 2-0 އިން ބެލްޖިއަމްގެ ކްލަބް ބްރޫޖް ބަލިކޮށްފަ އެވެ. މި މެޗުގެ ދެ ގޯލު ބެންފީކާ އަށް ކާމިޔާބުކޮށްދިނީ ޖާއޯ މާރިއޯ އާއި ޑޭވިޑް ނެރޭސް އެވެ.