Last Updated: July 22, 13:36
Wednesday, July 22, 2026
ދުނިޔެ

ޔޫއޭއީން ސީރިއާ އަށް 50 މިލިއަންގެ އެހީއެއް

މިދިޔަ ހަފްތާގެ ހޯމަ ދުވަހުގެރޭ ތުރުކީ އާއި ސީރިއާ ގުޅޭ ބޯޑަރު ސަރަހައްދަށް އައި ބާރުގަދަ ބިންހެލުމުގައި ހާލުގައި ޖެހުނު މީހުންނަށް އެހީވުމަށް ޔޫއޭއީ އިން އިތުރު 50 މިލިއަން ޑޮލަރުގެ އެހީއެއް ސީރިއާ އަށް ދިނުމަށް ނިންމައިފި އެވެ.

ޔޫއޭއީގެ ދައުލަތުގެ މީޑިއާ އިން ބުނީ ބިންހެލުމުގެ ސަބަބުން ސީރިއާގައި ހާލުގައި ޖެހިފައިވާ ފަރާތްތަކަށް އެހީވުމަށް ޔޫއޭއީގެ ރައީސް ޝައިހް މުހައްމަދު ބިން ޒައިދު އަލް ނަހްޔާން އިތުރު 50 މިލިއަން ޑޮލަރުގެ އެހީއެއް ދިނުމަށް ނިންމަވާފައިވާ ކަމަށެވެ.

މި އެހީގެ ތެރެއިން 20 މިލިއަން ޑޮލަރު ހާއްސަކުރުމަށް ހަމަޖެހިފައިވަނީ ބިންހެލުމާ ގުޅިގެން ގެދޮރު ގެއްލުން ފަދަ ކަންކަން ކުރިމަތިވެފައިވާ ފަރާތްތަކަށް އެހީތެރިކަން ފޯރުކޮށްދިނުމަށް ކަމަށް ވެސް ބުނެފައިވެ އެވެ.

ޔޫއޭއީ އިން ދިނުމަށް ނިންމާފައިވާ 50 މިލިއަން ޑޮލަރުގެ އެހީއާއެކު ބިންހެލުމާ ގުޅިގެން އެގައުމުން ސީރިއާ އަށް ދިން އެހީގެ އަދަދު މިހާރު ވަނީ 100 މިލިއަން ޑޮލަރަށް އަރާފަ އެވެ.

ބިންހެލުމުގައި މިހާތަނަށް 41،000 އަށް ވުރެ ގިނަ މީހުން މަރުވެފައިވާ އިރު ސީރިއާ އިން މަރުވި މީހުންގެ އަދަދު ވަނީ 6،000 އާއި ގާތްކޮށްފަ އެވެ. ބިންހެލުމާ ގުޅިގެން ސީރިއާގެ 5.3 މިލިއަން މީހުންގެ ގެދޮރު ގެއްލިފައިވާއިރު ތުރުކީ އާއި ސީރިއާ އިން ޖުމްލަ 900،000 މީހުން ކާތަކެއްޗަށް ޖެހިފައިވާ ކަމަށް އ.ދ އިން ހާމަކުރެ އެވެ.